ޚަބަރު
ރައްޔިތުންގެ އެދުންތައް ފުރިހަމަކޮށްދެވުމަކީ ލިބޭ ވަރަށް ބޮޑު އުފަލެއް: ރައީސް
ރައީސުލްޖުމްހޫރިއްޔާ ލ. މާބައިދޫ ރައްޔިތުންނާ ބައްދަލުކުރައްވަނީ.
ފަރުދުން
21 އޮކްޓޯބަރު 2025، 04:27
21 އޮކްޓޯބަރު 2025، 04:27
ރައްޔިތުންގެ އެދުންތައް އަޑުއައްސަވައި، އެ ކަންކަން ކޮށްދެއްވުމަކީ އެ މަނިކުފާނަށް ލިބިވަޑައިގަންނަވާ ވަރަށް ބޮޑު އުފަލެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހާރު ހައްދުންމައްޗަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، އަދު މެންދުރު ފަހު އެ އަތޮޅު މާބައިދުއަށް ވަޑައިގެން އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވުނު ޚާއްޞަ ޖަލްސާގައި ރައީސް ވިދާޅުވީ، ރައްޔިތުންނާ ގާތަށް އެެ މަނިކުފާނު ވަޑައިގަންނަވަނީ ރައްޔިތުން ބޭނުންވާ ކަންކަން ކޮށްދެއްވުމަށް ކަމަށެވެ.
އަޅުގަނޑަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބޭ ކަމެއް ރައްޔިތުން ގާތަށް އައިސް، ރައްޔިތުން ބޭނުންވާ ކަންކަން އަޑުއަހައި، ރައްޔިތުން ބޭނުންވާ އަމާޒަށް ކަންކަން ފަހިކޮށްދެވުމަކީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މާބައިދޫގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންނެވި އެންމެހައި ވަޢުދުތައް ފުއްދަވާނޭ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މާބައިދޫ ރައްޔިތުންނާ މުޚާޠަބުކުރެއްވުމަށް ބޭއްވެވި ޙަފްލާގައި، މާބައިދޫ ގޮނޑުދޮށް ޙިމާޔަތްކުރުމުގެ މަޝްރޫޢުގެ އެއްބަސްވުމާއި، އެ ރަށުގައި ހުންނަ ލ. އަތޮޅު މަދަރުސާގެ މަލްޓި-ޕަރޕަސް ހޯލް ޢިމާރާތްކުރުމުގެ އެއްބަސްވުމާއި، ފުޓުބޯޅަ ދަނޑު އެޅުމުގެ މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮށްފައި ވެއެވެ.
ރައީސް ވިދާޅުވީ، މާބައިދޫގައި ވޮލީކޯޓެއް އެޅުމާއި، އެ ރަށު ޞިއްޙީ މަރުކަޒު 24 ގަޑިއިރު ޚިދުމަތް ދޭ ތަނަކަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނޭ ކަމަށާއި، އޭރުން އެ ރަށުގެ ތަރައްޤީއަށް އެ މަނިކުފާނު ވެވަޑައިގެންނެވި ހުރިހައި ވަޢުދެއް ފުދޭނޭ ކަމަށެވެ.