ދުނިޔެ

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުން އަވަސްކުރުމަށް ޓްރަމްޕްގެ ނައިބު އިސްރާއީލަށް

ޣައްޒާގައި ހިންގަމުންދާ ހަނގުރާމަ ހުއްޓުވުން އަވަސްކުރުމަށް ޓްރަމްޕްގެ ނައިބު އިސްރާއީލަށް

އެމެރިކާގެ ނައިބު ރައީސް ޔައްފާއަށް ވަޑައިގަތުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

21 އޮކްޓޯބަރު 2025، 04:27

21 އޮކްޓޯބަރު 2025، 04:27

އިސްރާއީލާއި ހަމާސްއާ ދެމެދު ހިނގަމުންދާ ހަނގުރާމަ ހުއްޓުވުމަށް ކުރެވޭ މަސައްކަތްތައް އިތުރަށް ހަލުވިކުރުމަށްޓަކައި އެމެރިކާގެ ނައިބު ރައީސް ޖޭޑީ ފެންސް މިއަދު އިސްރާއީލަށް ޒިޔާރަތްކޮށްފިއެވެ. އިސްރާއީލުގެ ބްރޯޑްކާސްޓިންގ އޮތޯރިޓީން ބުނާ ގޮތުގައި މި ޒިޔާރަތަކީ ދެ ދުވަހުގެ ޒިޔާރަތެކެވެ.

ފެންސްގެ ޒިޔާރަތުގެ ކުރިން އެމެރިކާގެ މެދުއިރުމަތީގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފްއާއި ރައީސް ޓްރަމްޕްގެ ލޮލުގެ ލޮލު ޖެރެޑް ކުޝްނަރވެސް ވަނީ ޔައްފާ (ތެލް އަވީވް)އަށް ޒިޔާރަތްކޮށްފައެވެ. އެ ދެ ބޭފުޅުން ވަނީ އެމެރިކާ، މިޞްރު، ޤަތަރު އަދި ތުރުކީގެ މެދުވެރިކަމާއެކު ވެވުނު އެއްބަސްވުމުގެ ދަށުން ދޫކޮށްލެވުނު އިސްރާއީލީ ބަންދީންނާ ބައްދަލުކުރައްވާފައެވެ.

އިސްރާއީލްގެ އިސް ވެރިއެއްގެ ކިބައިން ރޮއިޓަރސް އިން ނަގާފައިވާ ބަހެއްގައި ބުނެފައިވާ ގޮތުގައި އެމެރިކާގެ ނައިބު ރައީސްގެ ޒިޔާރަތުގެ މަޤްސަދަކީ ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުމުގެ ދެވަނަ ފިޔަވަހީގެ މަޝްވަރާތައް ކުރިއަށް ގެންދިއުމެވެ.

މީގެއިތުރުން، މިޞްރުގެ އިންޓެލިޖެންސް ވެރިޔާ ޢައްބާސް ކާމިލްވެސް މިއަދު އިސްރާއީލަށް ޒިޔާރަތްކުރައްވާނެ ކަމަށް ކައިރޯ ނިއުސްއިން ރިޕޯޓުކޮށްފައިވެއެވެ. އޭނާގެ ޒިޔާރަތުގައި ހަނގުރާމަ ހުއްޓުވުމުގެ އެއްބަސްވުން ދެމެހެއްޓުމާއި އަސީރުން ދޫކުރުމުގެ އެއްބަސްވުމުގެ ޝަރުތުތައް ތަންފީޒުކުރުމާ ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.

އޮކްޓޯބަރު 13 ގައި ޙަމާސްއިން ވަނީ  އިސްރާއީލްގެ 20 އަސީރުން ދޫކޮށްލާފައެވެ. ޙަމާސްއިން އިސްރާއިލުގެ 20 އަސީރުން ދޫކޮށްލައިފައިވަނީ ފަލަސްޠީނުގެ 2000 އަށްވުރެ ގިނަ އަސީރުން ދޫކޮށްލުމާ ގުޅިގެންނެވެ. މި އެއްބަސްވުމުގެ ދަށުން ޣައްޒާގައި ހިންގަމުންދިޔަ ހަނގުރާމަވެސް ވަނީ ހުއްޓާލާފައެވެ. 

ނަމަވެސް އިސްރާއިލުން އެއްބަސްވުމާ ޚިލާފުވެ ޣައްޒާގައި އެތައް ހަމަލާތަކެއް ވަނީ ދީފައެވެ. 

އޮކްޓޯބަރު 7 ގައި ފެށުނު މި ހަނގުރާމާގައި 68،000 އަށްވުރެ ގިނަ މީހުން މަރުވެ، 229،000 އަށްވުރެ ގިނަ މީހުންނަށް ވަނީ ޒަޚަމްވެފައެވެ. މީގެ ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

 

Ads by MSS

މި ލިޔުން ކިޔާލުމުން