ސައިންސް / ދުނިޔެ

ދުނިޔޭގައި ޒުވާނުންނަށް ކެންސަރު ޖެހުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހަށިގަނޑު ބަރުވުން ކަމަށް ދިރާސާއަކުން ދައްކައިފި

ދުނިޔޭގައި ޒުވާނުންނަށް ކެންސަރު ޖެހުން އިތުރުވުމުގެ މައިގަނޑު ސަބަބަކީ ހަށިގަނޑު ބަރުވުން ކަމަށް ދިރާސާއަކުން ދައްކައިފި

ތައިރޮއިޑް ގްލޭންޑްއަށް ޖެހޭ ކެންސަރ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

21 އޮކްޓޯބަރު 2025، 05:20

21 އޮކްޓޯބަރު 2025، 05:20

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒުވާނުންގެ މެދުގައި ކެންސަރުގެ ބަލިތައް އިތުރުވަމުންދާކަމަށް އައު ދިރާސާއަކުން ދައްކައިފިއެވެ. މި ދިރާސާގައި ފާހަގަކޮށްފައިވާ ގޮތުން، ކެންސަރުގެ ބަލިތައް އިތުރުވަމުންދާ މައިގަނޑު ސަބަބުތަކުގެ ތެރޭގައި ހަށިގަނޑު ބަރުވުން ހިމެނެއެވެ.

"އެނަލްސް އޮފް އިންޓަރނަލް މެޑިސިން" މަޖައްލާގައި މިފަހަރު ޝާއިޢުކޮށްފައިވާ މި ދިރާސާގައި ބުނެފައިވަނީ، ތައިރޮއިޑް، ބްރެސްޓް، ކޮލޮރެކްޓަލް، ކިޑްނީ އަދި އެންޑޮމެޓްރިއަލް ކެންސަރުގެ ބަލިތައް ދުނިޔޭގައި ވަރަށް ބޮޑަށް އިތުރުވެފައިވާ ކަމަށެވެ. އެގޮތުން، އުމުރުން 50 އަހަރުން ދަށުގެ މީހުންގެ މެދުގައި އެންމެ ހަލުވިކަމާއެކު އިތުރުވެފައިވަނީ ކޮލޮރެކްޓަލް ކެންސަރު ކަމަށްވެސް ދިރާސާގައި ބުނެއެވެ.

މި ދިރާސާއަށްޓަކައި، 2003 އިން 2017 އާ ދެމެދުގެ މައުލޫމާތު ބަލާފައިވާއިރު، ފަސް ބައްރެއްގެ 42 ގައުމަކުން ކެންސަރުގެ މައުލޫމާތު ބޭނުންކޮށްފައިވެއެވެ. ސައިންސްވެރިން ވަނީ ޒުވާން އުމުރުގެ މީހުންގެ މެދުގައި އިތުރުވަމުންދާކަމަށް މީގެ ކުރިން ރިޕޯޓުކޮށްފައިވާ 13 ކެންސަރުގެ ބާވަތެއްގެ މައުލޫމާތު ވަރަށް ގާތުން ބަލާފައިވެއެވެެ.

ދިރާސާގެ ހޯދުންތަކުން ކަށަވަރުކޮށްދީފައިވާ ގޮތުގައި، 20 އަހަރާއި 49 އަހަރާ ދެމެދުގެ ބޮޑެތި މީހުންގެ މެދުގައި ކެންސަރުގެ ބައެއް ބާވަތްތައް ވަނީ އިތުރުވެފައެވެ. އޭގެ ތެރޭގައި ތައިރޮއިޑް، ބްރެސްޓް، ކޮލޮރެކްޓަލް، ކިޑްނީ، އެންޑޮމެޓްރިއަލް ކެންސަރު އަދި ލޭކެންސަރު (ލިއުކީމިއާ) ހިމެނެއެވެ. މި ހުރިހާ ކެންސަރެއްވެސް ދިރާސާ ކުރި ގައުމުތަކުގެ ތިންބައިކުޅަ ދެބަޔަށްވުރެ ގިނަ ގައުމުތަކުގައި އިތުރުވެފައިވެއެވެ.

އެންމެ ބޮޑަށް އިތުރުވެފައިވަނީ ތައިރޮއިޑް ކެންސަރުގެ މިންވަރެވެ. އެއީ ކޮންމެ އަހަރަކު މެދުކެނޑުމެއް ނެތި 3.57 އިންސައްތަ އިތުރުވުމެވެ. އޭގެ ފަހަތުން ކިޑްނީ ކެންސަރު (2.21 އިންސައްތަ) އަދި އެންޑޮމެޓްރިއަލް ކެންސަރު (1.66 އިންސައްތަ) ހިމެނެއެވެ. ޒުވާން އުމުރުގެ މީހުންނަށް އާންމުކޮށް ދިމާވާ ކެންސަރުތަކުގެ ތެރޭގައި އެންމެ ގިނައިން މަޝްވަރާކުރެވޭ ކޮލޮރެކްޓަލް ކެންސަރު ވަނީ ކޮންމެ އަހަރަކު އެވްރެޖްކޮށް 1.45 އިންސައްތަ އިތުރުވެފައެވެ.

ގިނަ ކެންސަރުތަކުގެ ރޭޓުތައް ޒުވާން އަދި ދޮށީ އުމުރުގެ މީހުންގެ މެދުގައިވެސް އިތުރުވެފައިވާއިރު، ކޮލޮރެކްޓަލް ކެންސަރު މިކަމުން ތަފާތެވެ. ދިރާސާ ކުރި ގައުމުތަކުގެ 70 އިންސައްތައާ ގާތްކުރާ އަދަދެއްގެ ގައުމުތަކުގައި، ދޮށީ އުމުރުގެ މީހުންނަށްވުރެ ޒުވާން އުމުރުގެ މީހުންގެ މެދުގައި މި ކެންސަރުގެ އަދަދު އިތުރުވެފައިވާކަން ފާހަގަވެއެވެ.

މިގޮތަށް އެތައް ކެންސަރެއްގެ ބާވަތްތައް އިތުރުވަމުންދާކަން ދައްކުވައިދެނީ، އެތައް ކެންސަރަކަށް މެދުވެރިވާ އެއް ސަބަބުތަކެއް ހުރިކަމެވެ. އޭގެ ތެރޭގައި ހަށިގަނޑު ބަރުވުން އިތުރުވުން، ކާނާގެ އާދަތަކަށް އައިސްފައިވާ ބަދަލުތައް އަދި އެންޓިބަޔޮޓިކް ބޭނުންކުރުން ހިމެނޭކަމަށް ދިރާސާގައި ފާހަގަކޮށްފައިވެއެވެ. މި ހޯދުންތަކުން ދައްކަނީ އާންމު ސިއްހަތަށް ބޮޑު ކަންބޮޑުވުމެއް ކުރިމަތިވެފައިވާ ކަމަށާއި، މިކަމަށް ވަގުތުން ސަމާލުކަން ދިނުން މުހިންމު ކަމަށެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން