ކުޅިވަރު

ފާސިރުގެ ހެޓްރިކަކާއެކު ނިއު ރޭޑިއަންޓުން ވާދަވެރި ވިކްޓަރީ ބަލިކޮށްފި

ފާސިރުގެ ހެޓްރިކަކާއެކު ނިއު ރޭޑިއަންޓުން ވާދަވެރި ވިކްޓަރީ ބަލިކޮށްފި

އަލީ ފާސިރު ވަނީ ވިކްޓަރީ ކޮޅަށް ހެޓްރިކެއް ހަދާފައި---

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

21 އޮކްޓޯބަރު 2025، 08:16

21 އޮކްޓޯބަރު 2025، 08:16

ދިވެހި ޕްރިމިއަރ ލީގުގައި ޢަލީ ފާސިރު (ސެންޓޭ)ގެ ހެޓްރިކަކާއެކު، ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން ވާދަވެރި ވިކްޓަރީ ސްޕޯޓްސް ކްލަބް 4-0އިން ބަލިކޮށްފިއެވެ.

މި ނަތީޖާއާއެކު ނިއު ރޭޑިއަންޓް ވަނީ މިހާތަނަށް ކުޅުނު 4 މެޗުން 12 ޕޮއިންޓު ހޯދައި، ލީގުގެ އެއްވަނައަށް އަރާފައެވެ. 

މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއަށް ވެސް ވަނީ މި އަދަދަށް ޕޮއިންޓު ލިބިފައެވެ. ނަމަވެސް ނިއު އެއްވަނައިގައި އޮތީ ގޯލުގެ ތަފާތުންނެވެ. މާޒިޔާއަށް ވުރެ ނިއުގެ ފައިދާ އެއް ގޯލު އިތުރެވެ. ނިއު މިހާތަނަށް 14 ގޯލު ޖަހާފައިވާއިރު އެ ޓީމު ކޮޅަށް އަދި އެއްވެސް ގޯލެއް ނުވަދެއެވެ.

މި ދެ ޓީމުގެ ކުރިމަތިލުމެއް ފުރަތަމަ ޑިވިޝަނުން މި ފެނުނީ ހަތް އަހަރު ފަހުންނެވެ. ފާއިތުވެދިޔަ ދެ ސީޒަނުގައި ވެސް ދެ ޓީމު ވެސް ވާދަކުރީ ދެވަނަ ޑިވިޝަނުގައެވެ. 

ނިއުއިން ވަނީ މެޗު ފެށުނީއްސުރެ، ކޮންޓްރޯލް ނަގައި މޮޅު ކުޅުމެއް ކުޅެފައެވެ. އެގޮތުން ފުރަތަމަ ހާފުގެ 14 މިނެޓު ކުޅެވުނުއިރު ނިއުއިން އޮތީ ދެ ގޯލުގެ ލީޑެއް ނަގާފައެވެ. މި ދެ ގޯލު ވެސް ކާމިޔާބުކުރީ ސެންޓޭއެވެ. 

މެޗުގެ 60 ވަނަ މިނިޓުގައި މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ސެންޓޭ ހެޓްރިކް ފުރިހަމަ ކުރީ ހާފްގެ މެދާ ހަމައިން ލިބުނު ބޯޅައެއް ހިފައިގެން ގޮސް އޭރިއާ ތެރެއަށްވަދެ ގޯލަށް ވައްދާލައިގެންނެވެ.

ނިއުގެ ހަތަރު ވަނަ ގޯލު އެ ޓީމަށް ކާމިޔާބުކުރީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންނިކުތް އަޙުމަދު ޙުސާމްއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން