ދުނިޔެ
ދިގު މުއްދަތަކަށް ދެމިގެންދިޔަ ސީރިއާގެ ހަނގުރާމައިން ވީރާނާވެފައިވާ އެ ޤައުމު އަލުން ބިނާކުރުމަށް 216 ބިލިއަން ޑޮލަރު ޚަރަދުވާނެ

ސީރިއާ
10 އަހަރަށްވުރެ ދިގު މުއްދަތަކަށް ދެމިގެންދިޔަ ސީރިއާގެ ހަނގުރާމައިން ވީރާނާވެފައިވާ އެ ގައުމު އަލުން ބިނާކުރުމަށް 216 ބިލިއަން ޑޮލަރު ޚަރަދުވާނެ ކަމަށް ވޯލްޑް ބޭންކުން އަންގާރަ ދުވަހު ނެރުނު ދިރާސާއެއްގައި ބުނެފިއެވެ.
މިއީ 2024 ވަނަ އަހަރު ސީރިއާގެ ޖީޑީޕީގެ 10 ގުނައަށްވުރެ ބޮޑު އަދަދެކެވެ.
ސީރިއާގެ ހަނގުރާމަ ފެށުނީ 2011 ވަނަ އަހަރު، އޭރުގެ ރައީސް ބަޝާރު އަލް އަސަދުގެ ސަރުކާރާ ދެކޮޅަށް ކުރެވުނު މުޒާހަރާތަކަށް ސަރުކާރުން އަނިޔާވެރި ގޮތަކަށް ރައްދު ދިނުމުން، އެކަން ހަތިޔާރުގެ ބޭނުންކޮށް ހަނގުރާމައަކަށް ބަދަލުވުމާ ގުޅިގެންނެވެ. އަސަދު ވަނީ މިދިޔަ ޑިސެމްބަރު މަހު ކުއްލި ގޮތަކަށް ދެވުނު އިންޤިލާބީ ހަމަލާއެއްގައި ވެރިކަމުން ވައްޓާލެވިފައެވެ.
ވޯލްޑް ބޭންކުން ބުނާ ގޮތުގައި ޤައުމު އަލުން ބިނާކުރުމަށް 140 ބިލިއަން ޑޮލަރާއި 345 ބިލިއަން ޑޮލަރާ ދެމެދުގެ އަދަދެއް ޚަރަދުވެދާނެއެވެ.
ވޯލްޑް ބޭންކުގެ އެސެސްމަންޓްގައި ވާގޮތުން، އެންމެ ގިނަ ޢަދަދަކަސް އިންވެސްޓްމަންޓް ބޭނުންވާނީ ގަދަފަދަ ހަނގުރާމަތަކެއް ހިނގި ޙަލަބް އަދި ދިމިޝްގެ ސަރަހައްދުތަކަށެވެ.
"ކުރިމަތީގައިވާ ގޮންޖެހުންތައް ވަރަށް ބޮޑެވެ، ނަމަވެސް ވޯލްޑް ބޭންކުން ސީރިއާގެ ރައްޔިތުންނާއި ބައިނަލްއަޤްވާމީ މުޖުތަމައުއާއެކު ރިކަވަރީ އަދި އަލުން ބިނާކުރުމަށް އެހީތެރިވުމަށް ތައްޔާރު " ވޯލްޑް ބޭންކުގެ މެދުއިރުމަތީގެ ޑިރެކްޓަރު ޖީން-ކްރިސްޓޯފް ކަރެޓް ބަޔާނެއްގައި ވިދާޅުވިއެވެ.
ހުޅަނގުގެ ޤައުމުތަކާއެކު ޑިޕްލޮމެޓިކް ގުޅުން އަލުން ޤާއިމުކޮށް، އަދި ގަލްފު ޤައުމުތަކާއެކު ބިލިއަން ޑޮލަރުގެ އިންވެސްޓްމަންޓް އެއްބަސްވުންތަކުގައި ސޮއިކުރި ނަމަވެސް، އަސަދު ވެރިކަމުން ދުރުކުރެވުނު ފަހުން ވެސް، އެ ޤައުމު ދަނީ މާލީގޮތުން ދަތިތަކާ ކުރިމަތިލަމުންނެވެ.
އެމެރިކާ އަދި ޔޫރަޕުން އަސަދުގެ ވެރިކަމުގެ ދުވަސްވަރު ތަންފީޒުކުރި ގިނަ ދަތިތައް ނައްތާލާފައިވީ ނަމަވެސް، މިހާތަނަށް ބިމުގައި ފެންނަން ހުރި ބަދަލުތައް މަދެވެ. ބައިނަލްއަޤްވާމީ އެހީ މަދުކުރުމުގެ ސަބަބުން ގިނަ ބައެއްގެ ދިރިއުޅުމުގެ ހާލަތު ދަށަށް ގޮސްފައިވެއެވެ. އދ. އިން ލަފާކުރާ ގޮތުގައި ސީރިއާގެ އާބާދީގެ 90 އިންސައްތަ ދިރިއުޅެމުންދަނީ ފަޤީރުކަމުގައެވެ.