ޚަބަރު
މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދެނީ

ރައީސުލްޖުމްހޫރިއްޔާ ލ. ގަމު ރައްޔިތުންނާ ބައްދަލުކުރެއްވުން / ފޮޓޯ: ރައީސުލްޖުމްހޫރިއްޔާގެ އޮފީސް

ފަރުދުން
22 އޮކްޓޯބަރު 2025، 07:02
22 އޮކްޓޯބަރު 2025، 07:02
މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނައިގެން ތެލެސީމިއާ ކުދިންނަށް 1،000 ރުފިޔާގެ އެލަވަންސެއް ދެއްވަން ނިންމަވާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެ މަނިކުފާނު މިކަން އިޢުލާންކުރެއްވީ، ހައްދުންމަތީގެ ރަށްތަކަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން، ގަމަށް ކުރެއްވި ޒިޔާރަތުގައި އެ ރަށުގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ރޭ ބޭއްވި ޖަލްސާގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވިދާޅުވީ، ތެލެސީމިއާ ބަލި ތަޙައްމަލުކުރަމުންދާ ކޮންމެ ކުއްޖަކަށް 1،000 ރުފިޔާގެ މަގުން އެލަވަންސެއް ދިނުމަށް އަންނަ އަހަރުގެ ބަޖެޓުގައި 11.7 މިލިޔަން ރުފިޔާ ހިމެނުމަށް ނިންމާފައިވާކަމަށެވެ.
ތެލަސީމިއާ ކުދިންނަށް 1،000 ރުފިޔާ ދިނުމަކީ ވެސް އަޅުގަނޑުވެފައިވާ ވަޢުދެއް. އެ ފައިސާ ދިނުމަށް މި އަންނަ އަހަރުގެ ބަޖެޓުގައި ހިމަނާފައި އެވަނީ. އެއީ އެ ކުދިންނަށް މިހާރު ލިބެމުންދާ ފަރުވާއަށް އިތުރު އެހީތެރިކަމެއް ލިބިގެންދާނެ ކަމަކަށް ވާތީ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ތެލެސީމިއާ ކުދިންގެ ގޮތުގައި ރެޖިސްޓްރީ ވެފައި 982 ކުދިން ތިބިއިރު، އެ ކުދިންނަށް ފޯރުކޮށްދޭން ޖެހޭ ޚިދުމަތްތައް ރަނގަޅުކުރުމުގެ ގޮތުން ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ހުޅުމާލެ އޮރެންޖް ހިޔާއަށް ވަނީ މާލޭގައި ދެމުންދިޔަ ޚިދުމަތްތައް ބަދަލުކޮށްފައެވެ. އަދި ރާއްޖޭގައި ތެލެސީމިއާ ކުދިންގެ އާބާދީ މަދުކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން ސްކޫލްތަކުގެ ގްރޭޑް 10 އެއްގައި ކިޔަވާ ދަރިވަރުން ތެލެސީމިއާއަށް ސްކްރީންކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މީގެއިތުރުން ބޯންމެރޯ ޓްރަންސްޕްލާންޓް ހެދުމުގެ އިންތިޒާމު ދައުލަތުގެ ޚަރަދުގައި ހަމަޖައްސައިދެއްވުމުގެ އިންތިޒާމު ހަރުދަނާކުރުމާއި ތެލެސީމިއާ ކުދިން ހަދަންޖެހޭ މުހިއްމު ބައެއް ޓެސްޓުތައް ރާއްޖޭގައި ހެދޭނެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ.
ވަޞީލަތްތައް ހަމަކުރުމުގެ އިތުރުން ޤާނޫނަށް އިސްލާޙުތަކެއް ގެނެސް ތެލެސީމިއާ ކޮންޓްރޯލްކުރުމުގެ މަސައްކަތްވެސް ސަރުކާރުން ވަނީ ފައްޓަވާފައެވެ. ސަރުކާރުން ގެންނަވަމުންދާ ބަދަލުތަކާއި އިސްލާހުތަކާއެކު ރާއްޖޭގައި އޮތް ތެލަސީމިއާގެ ޙާލަތު ބަދަލުވެގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ. އަދި ފަރުވާގެ ޚިދުމަތް ހަރުދަނާވުމުގެ އިތުރުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތަކާއެކު ރާއްޖޭގައި ތެލެސީމިއާގެ އާބާދީ މަދުކުރެވިގެންދާނެކަމަށް ސަރުކާރުން ވިދާޅުވެއެވެ.