ކުޅިވަރު
އޭޝިއަން ޔޫތު ގޭމްސް: މޮންގޯލިއާ ބަލިކޮށް ދީމާ އާއި އަޒްކާ ކުއާޓަރ ފައިނަލާ ގާތަށް

ރާއްޖޭގެ ބީޗް ވޮލީ ޕެއަރ އިން މޮންގޯލިއާއާ ދެކޮޅަށް ކުޅުނު މެޗު / ފޮޓޯ: އެމްއޯސީ

ފަރުދުން
22 އޮކްޓޯބަރު 2025، 07:32
22 އޮކްޓޯބަރު 2025، 07:32
ބަޙްރެއިންގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސް 2025ގެ އަންހެނުންގެ ބީޗް ވޮލީ އިވެންޓުގައި ރާއްޖޭގެ ޕެއަރއިން ކުޅުނު ދެވަނަ މެޗު ވެސް ކާމިޔާބުކޮށް ކުއާޓަރ ފައިނަލާ ކައިރިއަށް ޖެހިލައިފިއެވެ.
މި އިވެންޓުގައި ރާއްޖެ ތަމްސީލުކުރާ އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީ ރޭ މޮންގޯލިއާ ބަލިކުރީ 2-1 ސެޓުންނެވެ.
ބަހްރެއިންގެ ސަމާ ބޭ ބީޗްވޮލީ އެރީނާގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ސެޓު ދީމާ އާއި އަޒްކާ ކާމިޔާބުކުރީ 21-17 ޕޮއިންޓުންނެވެ. ނަމަވެސް ދެވަނަ ސެޓު ރާއްޖެއަށް 18-21 ޕޮއިންޓުން ގެއްލުނެވެ. އެއަށްފަހު ރާއްޖެއިން މެޗު ކާމިޔާބުކުރީ މޮޅު ކުޅުމަކަށްފަހު 15-3އިން ސެޓު ކާމިޔާބުކޮށްގެންނެވެ.
ރާއްޖޭގެ ޕެއަރއިން ވަނީ އިތުރު މެޗެއް ވެސް ރޭ ކުޅެފައެވެ. އިންޑޮނޭޝިއާއާ ދެކޮޅަށް ކުޅުނު އެ މެޗުން ރާއްޖެ ވަނީ ސީދާ ދެ ސެޓުން ބަލިވެފައެވެ.

މިހާތަނަށް ކުޅުނު ތިން މެޗުގެ ތެރެއިން ދެ މެޗުން ދީމާ އާއި އަޒްކާ މޮޅުވެފައިވާއިރު، ފުރަތަމަ މެޗުގައި މި ޕެއަރއިން ވަނީ މުބާރާތް ބާއްވާ ބަޙްރެއިން ސީދާ ދެ ސެޓުން ބަލިކޮށްފައެވެ. އެހެންކަމުން ރާއްޖެ ހިމެނޭ ގްރޫޕް-ބީގައި 6 ޤައުމަކުން ވާދަކުރާއިރު، އިންޑޮނޭޝިއާ އަތުން ބަލިވި ނަމަވެސް އިތުރު އެއް މޮޅާއެކު ރާއްޖޭގެ ޕެއާރއަށް ކުއާޓަރ ޔަޤީންކުރެވޭނެއެވެ.