ކުޅިވަރު

ޗެމްޕިއަންސް ލީގު: ފާރމިން ލޮޕޭޒްގެ ހެޓްރިކަކާއެކު ބާސެލޯނާއިން އޮލިމްޕިއާކޯސް ބަލިކޮށްފި

ޗެމްޕިއަންސް ލީގު: ފާރމިން ލޮޕޭޒްގެ ހެޓްރިކަކާއެކު ބާސެލޯނާއިން އޮލިމްޕިއާކޯސް ބަލިކޮށްފި

ރަޝްފޯޑު ވަނީ ރޭގެ މެޗުގައި ދެ ގޯލު ކާމިޔާބުކޮށްފައި، ފޮޓޯ: ގެޓީ އިމޭޖަސް

މިފްތާޙް މުޙައްމަދު

މިފްތާޙް މުޙައްމަދު

22 އޮކްޓޯބަރު 2025، 09:52

22 އޮކްޓޯބަރު 2025، 09:52

ޔޫއެފާ ޗެމްޕިއަންސް ލީގުގައި ފާރމިން ލޮޕޭޒް ހެދި ހެޓްރިކަކާއެކު ސްޕެއިންގެ ބާސެލޯނާއިން ގްރީސްގެ އޮލިމްޕިއާކޯސް ބަލިކޮށްފިއެވެ.

އެސްޓޭޑިއޯ އޮލިމްޕިކޯ ލުއި ކޮމްޕެނީޒްގައި ކުޅުނު މި މެޗު ބާސެލޯނާއިން ކާމިޔާބުކުރީ 6-1ގެ ބޮޑު ތަފާތަކުންނެވެ. 

މި މެޗުގައި މާކަސް ރަޝްފޯޑު ދެ ގޯލު ކާމިޔާބުކުރިއިރު، ބާސެލޯނާގެ އަނެއް ގޯލު ކާމިޔާބުކުރީ ލެމީން ޔަމާލްއެވެ.

ރޭގެ މެޗުގައި ލޮޕޭޒް ވަނީ 7ވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދީފައެވެ. އަދި ފުރަތަމަ ހާފުގައި އޭނާ ކާމިޔާބުކޮށްދިން އިތުރު ގޯލަކާއެކު، ހާފު ނިމުނީ ދެ ގޯލުން ބާސެލޯނާ ކުރީގައި އޮވެގެނެވެ.

ދެވަނަ ހާފު ފެށިގޮތަށް އޮލިމްޕިއާކޯސްގެ އައްޔޫބު އެލް ކާބީ ބޮލުން ކާމިޔާބުކުރި ގޯލު، ވީޑިއޯ އެސިސްޓެންޓް ރެފްރީގެ ރިވިއުއަށްފަހު އެއީ އޮފްސައިޑެ ކަމަށް ނިންމައި، ބަސެލޯނާގެ އެރިކް ގާސިއާގެ އަތުގައި ބޯޅަ ޖެހިފައިވުމުން އެ ޓީމަށް ޕެނަލްޓީއެއް ދޭން ނިންމިއެވެ. އެގޮތުން އައްޔޫބު ވަނީ ޕެނަލްޓީ ކާމިޔާބުކޮށް އެ ޓީމަށް އުއްމީދު ހޯދައިދީފައެވެ.

ނަމަވެސް އޭގެ ތިން މިނެޓު ފަހުން ދެވަނަ ރީނދޫ ކާޑާއެކު އޮލިމްޕިއާކޯސްގެ މިޑްފީލްޑަރ ސެންތިއާގޯ ހޭޒް ދަނޑުން ފޮނުވާލުމުން، އޮލިމްޕިއާކޯސްގެ މުޅި ކޮންޓްރޯލް ގެއްލިގެން ދިޔައެވެ.

އެއަށްފަހު ރަޝްފޯޑަށް ކުރި ފައުލަކާ ގުޅިގެން ބާސެލޯނާއަށް ލިބުނު ޕެނަލްޓީ ކާމިޔާބުކުރީ ޔަމާލްއެވެ. މި މެޗަކީ ޗެމްޕިއަންސް ލީގުގައި މިހާތަނަށް 25 މެޗު ކުޅުނު އެންމެ ހަގު ކުޅުންތެރިޔާގެ ޝަރަފު ވެސް ޔަމާލްއަށް ލިބިގެން ދިޔަ މެޗެވެ. ރޭގެ މެޗަށް ނިކުތްއިރު ޔަމާލްގެ އުމުރަކީ 18 އަހަރާއި 100 ދުވަހެވެ.

އެ ޕެނަލްޓީއަށްފަހު ކުޅުނު 10 މިނެޓުގެ ތެރޭގައި ބާސެލޯނާއިން 3 ގޯލު ކާމިޔާބުކޮށް މެޗު ނިންމާލީ ފަސޭހަ 3 ޕޮއިންޓާއެކުއެވެ. 

މި ނަތީޖާއާއެކު 3 މެޗުން ލިބުނު 6 ޕޮއިންޓާއެކު ބާސެލޯނާ އޮތީ 9ވަނައިގައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން