ޚަބަރު
ހިޔާ ފްލެޓްގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގައިފި
އަލިފާނުގެ ހާދިސާ ހިނގި ތަން/ފޮޓޯ: އެމްއެންޑީއެފް
ހުޅުމާލެ ފޭސް 2 ގެ ހިޔާ ފްލެޓް 11ވަނަ ޓަވަރުގެ އެޕާޓްމަންޓެއްގައި އަލިފާނުގެ ހާދިސާއެއް ހިނގާފައިވާކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް، އެމްއެންޑީއެފުން ވިދާޅުވެއްޖެއެވެ.
އެމްއެންޑީއެފުން ވިދާޅުވީ، މި ހާދިސާގެ މައުލޫމާތު ލިބިފައިވަނީ މިއަދު 11:25 ހާއިރު ކަމަށެވެ. އަދި މަޢުލޫމާތު ލިބުމާ އެކު، އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްގެ ފަޔަރފައިޓަރުން އެ ސަރަޙައްދަށް ގޮސް، ރޯވި އަލިފާން ނިއްވާލާފައިވާކަމަށް އެމްއެންޑީއެފުން ވަނީ ވިދާޅުވެފައެވެ.
އެމްއެންޑީއެފުން އިތުރަށް ވިިދާޅުވީ، މި ހާދިސާގައި އަލިފާން ރޯވީ، އެ ޓަވަރުގެ 3 ވަނަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓެއްގެ ބެލްކަނީގައި ބަހައްޓާފައިވާ އެކްޒޯސްޓަކުން ކަރަންޓް ޝޯޓް ވުމުގެ ސަބަބުން ކަމަށެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައި ނުވި ނަމަވެސް، އެޕާޓްމަންޓުގެ ބެލްކަންޏަށް އަލިފާނުގެ ސަބަބުން ބައެއް ގެއްލުންތައް ވެފައިވާކަމަށް އެމްއެންޑީއެފުން މަޢުލޫމާތުދެއެވެ.