Ads by Stelco

ޚަބަރު

ޖިސްމާނީ ގޮތުން ނުކުޅެދޭ ފަރާތްތަކުގެ ބަދަލުގައި ޙައްޖުވުމުގެ އިންތިޡާމު ހަމަޖައްސަނީ

ޖިސްމާނީ ގޮތުން ނުކުޅެދޭ ފަރާތްތަކުގެ ބަދަލުގައި ޙައްޖުވުމުގެ އިންތިޡާމު ހަމަޖައްސަނީ

ވަޒީރު ޑރ. ޝަހީމް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ. ތަޞްވީރު: ރައްޔިތުންގެ މަޖިލިސް

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 03:01

22 އޮކްޓޯބަރު 2025، 03:01

ހުލާސާ


މާލީ ތަނަވަސްކަން ހުރި ނަމަވެސް، ދާއިމީ ބައްޔަކަށް ބޭސްފަރުވާކުރާން ޖެހުމުގެ ސަބަބުން ނުވަތަ ޖިސްމާނީ ބަލިކަށިކަމުގެ ސަބަބުން ނުކުޅެދުންތެރިވާ ނަމަ، ބަދަލުގައި އެހެން މީހަކު ޙައްޖަށް ފޮނުވޭ ގޮތް ހެދުމުގެ މަޝްވަރާތައް ކުރެވެމުން ދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އަދު ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.

މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، ބޮޑެތި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން ޙައްޖަށް ނުފޮނުވުމަކީ ސަޢުދީ ޢަރަބިއްޔާއިން އަބަދުވެސް ގެންގުޅޭ ޤަވާޢިދެއް ކަމަށެވެ. މިދިޔަ ސަރުކާރުން ޙައްޖު ކުއޯޓާއިން ބޮޑެތި ބަލިތައް ތަޙައްމަލުކުރާ މީހުންނަށް 5 އިންސައްތަ ޚާއްޞަކުރާން ނިންމީ އެ އުޞޫލާ ޚިލާފަށް ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، ބޮޑެތި ދާއިމީ ބަލިތައް ތަޙައްމަލުކުރާ މީހުން ޙައްޖަށް ނުފޮނުވުމަށް އަންގާފައި އޮންނަނީ ބަލި މީހާއަށް ރައްކައުތެރިކަން ކަށަވަރުކޮށްދިނުމުގެ މަޤުޞަދުގައި ކަމަށެވެ.

"ކިޑްނީ ފެއިލްވެގެން ޑަޔަލިސިސް ހަދާ ފަރާތްތަކާއި އޮކްސިޖަން ގުޅައިގެން އުޅޭ ފަރާތްތައް... މި ފަރާތްތަކަކީ ޙައްޖުގެ އަޅުކަން އަދާކުރުމަށް ޖިސްމާނީ ގޮތުން ނުކުޅެދިފައިވާ ފަރާތްތައް. ފުރާނައަށް ރައްކައުތެރިކަން ދިނުމުގެ ގޮތުން އޮންނަނީ އަންގާފައި [ޙައްޖަށް ނުފޮނުވުމަށް]." ވަޒީރު ވިދާޅުވިއެވެ.

އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވީ، މާލީ ޤާބިލިއްޔަތު ހުރެމެ، ދާއިމީ ބައްޔަކަށް ފަރުވާކުރާން ޖެހުމުން ޖިސްމާނީ ގޮތުން ޙައްޖަށް ދާން ނުކުޅެދޭ މީހުންގެ ބަދަލުގައި ޙައްޖު ކޮށްދިނުމަށް އެހެން މީހަކު ފޮނުވިދާނޭ ކަމަށް ޢިލްމުވެރީން ބަޔާންކުރައްވާފައިވާ ކަމަށެވެ. އެހެންކަމުން، އެ ފުރުޞަތު ފަހިކޮށްދިނުމުގެ މަޝްވަރާތައް ކުރެވެމުން ދާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މި މަޝްވަރާތަކުގެ ދަށުން، ބަލިމީހާއަށާއި ނުކުޅެދޭ މީހުންނަށް ވެސް ޚިދުމަތް ލިބޭނޭ ގޮތަކަށް ހަމަހަމަ އުޞޫލެއްގެ ތެރެއިން މަސައްކަތް ކުރިއަށް ގެންދަވާނޭ ކަމަށް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން