ދުނިޔެ

ބޭރުފައިސާތަކެއް ނަހަމަ ގޮތުގައި ތައިލެންޑަށް އެތެރެކުރަން އުޅުނު އިސްރާއިލުގެ ދެ ޒުވާނަކު ތައިލެންޑުން ހައްޔަރުކޮށްފި

ބޭރުފައިސާތަކެއް ނަހަމަ ގޮތުގައި ތައިލެންޑަށް އެތެރެކުރަން އުޅުނު އިސްރާއިލުގެ ދެ ޒުވާނަކު ތައިލެންޑުން ހައްޔަރުކޮށްފި

އިސްރާއިލްގެ އެއަރޕޯޓެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

22 އޮކްޓޯބަރު 2025، 05:23

22 އޮކްޓޯބަރު 2025، 05:23

ބޭރުފައިސާތަކެއް ނަހަމަ ގޮތުގައި ތައިލެންޑަށް އެތެރެކޮށް ވިއްކަން އުޅުނު އިސްރާއިލްގެ ދެ ޒުވާނެއް ތައިލެންޑުން ހައްޔަރުކޮށްފިއެެވެ. 

މި ދެމީހުން ހައްޔަރުކޮށްފައިވަނީ ތައިލެންޑްގެ ކޯ ސަމުއީ ރަށުން ޞައްޚަ ނޫން ޑޮލަރު ބޭނުންކޮށްގެން ފައިސާ ބަދަލުކުރުމުގެ ތުހުމަތުގައި ހޮނިހިރު ދުވަހުއެވެ.

 މީގެ އިތުރުން ކޮކެއިން ބޭނުންކުރުމުގެ ތުހުމަތުގައި އިސްރާއިލްގެ އިތުރު ހަތަރު މީހުން ހައްޔަރުކޮށްފައިވެއެވެ.

އިސްރާއީލްގެ ޗެނަލް 14 އިން ހާމަކުރި ގޮތުގައި، 20 އަހަރުގެ ދެ ޒުވާނުން ހައްޔަރުކޮށްފައިވަނީ ޞައްޚަ ނޫން ޑޮލަރު ބޭނުންކޮށްގެން 750 އެމެރިކާ ޑޮލަރު، 21،840 ތައި ބާތަށް ބަދަލުކުރުމުގެ ތުހުމަތުގައެވެ. މި މައްސަލައިގައި ކޯ ސަމުއީ ޕްރޮވިންޝަލް ކޯޓުން ވަނީ އެ ދެ މީހުން ހައްޔަރު އަމުރު ނެރެފައެވެ.

ފުލުހުން ބުނާ ގޮތުގައި، އޮކްޓޯބަރު 6 ވަނަ ދުވަހު މި ދެ މީހުން ވަނީ ކޯ ސަމުއީ އެއަރޕޯޓުގައި ހުންނަ ގަވަރމަންޓް ސޭވިންގްސް ބޭންކުގެ ފައިސާ ބަދަލުކުރާ ކައުންޓަރަށް ގޮސްފައެވެ. މަތާން ނަމަކަށް ކިޔާ މީހަކު 250 ޑޮލަރު 7،280 ބާތަށް ބަދަލުކުރި އިރު، އޯމަރު ނަމަކަށް ކިޔާ މީހަކު 500 ޑޮލަރު 14،560 ބާތަށް ބަދަލުކޮށްފައިވެއެވެ. މި ފައިސާތައް ބަދަލުކުރިއިރު ބޭންކުގެ ފައިސާ ޗެކްކުރާ މެޝިނުން އެއީ ޞައްޚަ ނޫން ފައިސާކަން ދެނެގަނެވިފައި ނުވެއެވެ.

މި މައްސަލަ ފާހަގަކުރެވުނީ އޮކްޓޯބަރު 9 ގައި ސެންޓްރަލް ސަމުއީގައި ހުންނަ ގަވަރމަންޓް ސޭވިންގްސް ބޭންކުގެ މެނޭޖަރު ފުލުހުންނަށް މައްސަލަ ރިޕޯޓުކުރުމުންނެވެ. ފުލުހުން މި ދެ މީހުން ހޯދާފައިވަނީ ސެކިއުރިޓީ ކެމެރާ ފުޓޭޖާއި، ފައިސާ ބަދަލުކުރި ރެކޯޑުތަކާއި، އިމިގްރޭޝަން މަޢުލޫމާތުތައް ބޭނުންކޮށްގެންނެވެ.

މީގެ އިތުރުން، އޮކްޓޯބަރު 14 ވަނަ ދުވަހު ކޯ ފަންގަން ރަށުގައި ހުރި އަގުބޮޑު ވިލާއެއްގައި ތިބި އިސްރާއިލްގެ ހަތަރު މީހަކު މަސްތުވާތަކެތި ބޭނުންކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވެއެވެ. ކޯ ފަންގަން ހޮސްޕިޓަލުން ހެދި ޓެސްޓުތަކުން މި މީހުން ކޮކެއިނާއި މެތަމްފެޓަމިން ބޭނުންކޮށްފައިވާކަން ވަނީ ފާހަގަކުރެވިފައެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން