Ads by Stelco

ޚަބަރު

އެމް.ޑީ.ޕީ. މެންބަރުންނަށް ވަޒީރު ދެއްވި ޖަވާބާ އެކު، މަޖިލިސް ތަޅުމުގައި ހުޅު!

އެމް.ޑީ.ޕީ. މެންބަރުންނަށް ވަޒީރު ދެއްވި ޖަވާބާ އެކު، މަޖިލިސް ތަޅުމުގައި ހުޅު!

ވަޒީރު ޑރ. ޝަހީމް ރައްޔިތުންގެ މަޖިލިހުގައި ޖަވާބުދާރީވެވަޑައިގަންނަވަނީ. ތަޞްވީރު: ރައްޔިތުންގެ މަޖިލިސް

farudhun logo

ފަރުދުން

22 އޮކްޓޯބަރު 2025، 05:24

22 އޮކްޓޯބަރު 2025، 05:24

ރައްޔިތުންގެ މަޖިލިހުގެ އަދުގެ ޖަލްސާގައި މެންބަރަކު ކުރެއްވި ސުވާލަކަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ޖަވާބު ދެއްވަމުން ގެންދަވަނިކޮށް، އަޑުގަދަކޮށް ވާހަކަ ދެއްކެވި މެންބަރަކަށް އެ މަނިކުފާނު ރައްދު ދެއްވުމުން، މަޖިލިސް ތަޅުން ހޫނުވެއްޖެއެވެ.

ވަޒީރު ޑރ. ޝަހީމް މަޖިލިހަށް އަދު ވަޑައިގަތީ، މާޅޮސްމަޑުލު ދެކުނުބުރީ ކެންދޫގައި މިސްކިތެއް ބިނާކުރުމުގެ މަޝްރޫޢު ފެށުމަށް ފަހު ހުއްޓިފައިވާތީ، އެ ކަމާ މެދު ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފް ޛާކިރު ކުރެއްވި ސުވާލަކަށް ޖަވާބު އިއްވެވުމަށެވެ. އެއަށް ފަހު، އެހެން މެންބަރުންގެ ސުވާލުތަކަށް ވެސް ވަޒީރު ޖަވާބުދާރީވެވަޑައިގެންފައި ވެއެވެ.

މި ގޮތުން، ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހީމް ނާޒިލް ކުރެއްވި ސުވާލެއްގައި ވިދާޅުވީ، ހިތަދޫގައި އިހުގެ ސަރުކާރުން އަޅާން ފަށާފައިވާ އިސްލާމީ މަރުކަޒުގައި ޤުރުއާނާ ބެހޭ ބަޔަކާއި، ޒަކާތު އިދާރާއަކާއި، ޖަލްސާކުރާ މާލަމެއް ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް، އެ މަޝްރޫޢުގެ މަސައްކަތް މިހާރު މެދުކެނޑިފައިވާ ކަމަށާއި، މަސައްކަތް މެދުކެނޑުނީ ކޮންޓްރެކްޓަރަށް ފައިސާ ނުދޭތީ ކަމަށް ކޮންޓްރެކްޓަރު ބުނާ ކަމަށާއި، ވީމާ މިއީ ތެދެއް ތޯ ނުވަތަ ނޫން ތޯ މެންބަރު އައްސަވާފައި ވެއެވެ. މީގެ އިތުރުން، އެ މަޝްރޫޢު ކުރިއަށް އޮތް ދެ ތިން އަހަރު ތެރޭގައި ނިންމާލެވޭނެ ތޯ ވެސް މެންބަރު ނާޒިލު ސުވާލުކުރައްވާފައިވެއެވެ.

މި ސުވާލަށް ޖަވާބުދެއްވަމުން ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ، މެންބަރު ނާޒިލް ވިދާޅުވި ވާހަކައަކީ ޙަޤީޤަތާ މުޅީން ޚިލާފު ތުހުމަތެއް ކަމަށާއި، އެ ކޮންޓްރެކްޓަރުގެ އެއްވެސް ބިލަކަށް ފައިސާ ނުދީ ނޯންނާނެ ކަމަށެވެ.

ހުރިހައި ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ. ހުރިހައި ބިލަކަށް ފައިސާ ދައްކާފައި އޮންނާނީ. 

ވަޒީރު ތަކުރާރުކޮށް ވިދާޅުވިއެވެ.

މީގެ އިތުރުން އިސްލާމީ ވަޒީރު ޑރ. ޝަހީމް ވިދާޅުވީ، މަޝްރޫޢު ލަސްވުމަށް މެދުވެރިވި އަޞްލު ސަބަބަކީ މިދިޔަ ސަރުކާރުން ނާޤާބިލު ފަރާތްތަކާ މަސައްކަތް ޙަވާލުކޮށްފައި ވުން ކަމަށެވެ.

ވަޒީރު މިފަދައިން ވިދާޅުވުމުން، މެންބަރު ނާޒިލްގެ އިތުރުން އެހެން ބައެއް މެންބަރުން ވެސް ވަނީ، ވަޒީރުގެ ޖަވާބުފުޅު ފުރިހަމަ ނުވަނީސް، އަޑުހަރުކޮށް ވާހަކަ ދައްކަވާން ފައްޓަވާފާއެވެ. މެންބަރުން އަޑުގަދަ ކުރައްވާން ފެއްޓެވުމުން ވަޒީރު ވިދާޅުވީ، "ސުވާލު ކުރައްވާފައި ޖަވާބު އަޑު އައްސަވާން ވާނެ" ކަމަށެވެ. 

ކުރައްވާ ސުވާލުގެ ޖަވާބު އަޑުއެއްސެވުމުގެ ޤާބިލުކަން ހުންނާން ވާނެ ކަމަށް ވިދާޅުވެ ވަޒީރު ހާމަކުރެއްވީ، މިދިޔަ އެމް.ޑީ.ޕީ. ސަރުކާރުން ވެރިކަން ކޮށްފައި ދިޔައީ 50 މިލިޔަން ރުފިޔާގެ ދަރަންޏަކުން އިސްލާމީ ވުޒާރާ ދަރުވާފައި ކަމަށެވެ. ވީމާ، އެމް.ޑީ.ޕީ.އަށް ނިސްބަތްވާ މެންބަރަކު މިފަދަ ސުވާލެއް ކުރައްވާން ލަދު ގަންނަވާން ޖެހޭ ކަމަށް ވަޒީރު ޑރ. ޝަހީމް ވިދާޅުވިއެވެ.

ފައިސާ ނުދީ މަސައްކަތް ކުރުވާފައި އޮތީ. ހުރިހައި ދަރަންޏެއް އަޅުގަނޑުމެން އަދާކުރީ. 170 މިލިޔަން ރުފިޔާ... ޢިއްޒަތްތެރި މެންބަރު... އަޅުގަނޑުމެން މިވަނީ ދައްކާފައި. ދޮގު މަޢުލޫމާތު ތިޔަ ފޯރުކޮށްދެއްވަނީ އަޅުގަނޑުމެންނަށް. ޢިއްޒަތްތެރި މެންބަރު އަޑުއައްސަވާ. ހުރިހައި ފައިސާއެއް އަޅުގަނޑުމެން ދެއްކީ. އަޅުގަނޑުމެން މިނިސްޓްރީއާ ޙަވާލުވި އިރު ވެސް 50 މިލިޔަން ރުފިޔާ ނުދައްކާ އޮތް. އަޑުއައްސަވާ ސުވާލު ކުރައްވާފައި!

ވަޒީރު ހަރުއަޑުފުޅުން ވިދާޅުވިއެވެ.

ވަޒީރު މިހެން ވިދާޅުވުމުން، މަޖިލިހުގެ ރިޔާސަތުން، ނާއިބު ރައީސް އަޙުމަދު ނާޡިމް ވެސް ހިތަދޫ ދެކުނު ދާއިރާގެ މެންބަރު ޖަވާބު އަޑުއެއްސެވުމަށް އަމުރުކުރެއްވިއެވެ.

އެ ޙިސާބުން މަޖިލިހުގައި ތިއްބެވި ޕީ.އެން.ސީ. މެންބަރުން ވަޒީރަށް ތަރުޙީބު ދެއްވާން ފެއްޓެވިއެވެ. އަދި ޕީ.އެން.ސީ. މެންބަރުންނާއި އެމް.ޑީ.ޕީ. މެންބަރުންނާ ދެމެދު އަޑުގަދަ އަރައިރުންވުމެއް ފެށުނެވެ. އަދި އެމް.ޑީ.ޕީ. ބައެއް މެންބަރުން ވަޒީރުންގެ މޭޒު ދޮށަށް ވަޑައިގެން، އަޑުގަދަ ކުރައްވާން ފެއްޓެވިއެވެ. މި އަރައިރުންވުން ހުއްޓުވުމަށް، މަޖިލިސް ސެކިޔުރިޓީން މަސައްކަތްކޮށްފައި ވެއެވެ. އެ ވަޤުތު، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު ޢައްބާސާއި، ވައިކަރަދޫ ދާއިރާގެ މެންބަރު ޙުސައިން ޒިޔާދު އެއް ބޭފުޅެއް އަނެއް ބޭފުޅަކު ކޮއްޕަވާ މަންޡަރު ވެސް ލައިވްސްޓްރީމުން ފެނެއެވެ.

މަޖިލިހުގެ ނާއިބު ރައީސް ތަކުރާރުކޮށް ނަޞޭޙަތް ދެއްވީ، ކެންދޫ ދާއިރާގެ މެންބަރު މަޢުރޫފު ޛާކިރަށެވެ. މި ގޮތުން، "ކެންދޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރު މަޖިލިހުގެ ޤަވާޢިދަށް ޙުރުމަތްތެރިކޮށް ހިއްތެވުމަށް" ނަޞޭޙަތް ދީފައި ވެއެވެ. އިށީނދެވަޑައިގަތުމަށް މަޢުރޫފަށް ތަކުރާރުކޮށް އެންގެވުމުން ވެސް އިށީނދެވަޑައިނުގަތުމުން، މަޢުރޫފްގެ ނަން އިއްވައި، ތަޅުމުން ނުކުމެވަޑައިގަތުމަށް އެންގެވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން