ޚަބަރު
މި މަހުގެ 16އާ ހަމައަށް ދައުލަތަށް އާމްދަނީގެ ގޮތުގައި 30 ބިލިޔަން ލިބިއްޖެ

މާލީ ވުޒާރާ
މިމަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް އާމްދަނީ އާއި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 30.7 ބިލިއަން ރުފިޔާ ލިބިފައިވާކަމަށް، މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ.
މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެކެވެ.
އެ ވުޒާރާއިން އާންމުކުރާ ވީކްލީ ފިސްކަލް ޑިވެލޮޕްމަންޓް ރިޕޯޓުގައިވާ ގޮތުން، މި މުއްދަތުގައި ޓެކުހުގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބިފައިވެއެވެ. މިއީ މިހާތަނަށް ލިބުނު ޖުމުލަ އާމްދަނީގެ 75.1 އިންސައްތައެވެ.
ޓެކުހުގެ ރޭޓްތަކަށް ގެނެވުނު ބަދަލާ ގުޅިގެން، ގްރީން ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 105.3 އިންސައްތަ އަދި ޑިޕާޗަރ ޓެކުހުގެ ގޮތުގައި ލިބުނު އާމްދަނީ 56.4 އިންސައްތަ އިތުރުވެފައިވެއެވެ. އެއާރޕޯޓް ޑިވެލޮޕްމަންޓް ފީގެ ގޮތުގައި ލިބުނު އާމްދަނީވެސް 61 އިންސައްތައިން އިތުރުވެފައިވެއެވެ.
މި އިތުރުވުންތަކުގެ މައިގަނޑު ސަބަބެއްގެ ގޮތުގައި ފާހަގަކުރެވެނީ، މި އަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 10 އިންސައްތައިން އިތުރުވެ، މިހާތަނަށް ޖުމްލަ 1.7 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވުމެވެ.
އާމްދަނީގެ އިތުރުވުމާއެކު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑަށް ޖަމާކުރެވުނު ފައިސާގެ އަދަދުވެސް 45.3 އިންސައްތަ އިތުރުވެ، 1.6 ބިލިއަން ރުފިޔާއަށް އަރާފައިވާކަން ފާހަގަކުރެވެއެވެ.
2025 ވަނަ އަހަރަށް ފާސްކޮށްފައިވާ ބަޖެޓުގައި މި އަހަރު ލިބޭނެކަމަށް އަންދާޒާކޮށްފައިވާ އާމްދަނީ އާއި ހިލޭ އެހީގެ 77.1 އިންސައްތަ މިހާރު ވަނީ ލިބިފައެވެ. އަދި މި އަހަރަށް އަންދާޒާކޮށްފައިވާ ޖުމްލަ ޚަރަދުގެ 62 އިންސައްތަ މިހާތަނަށް ވަނީ ހޭދަކުރެވިފައެވެ.