ދުނިޔެ
ޒައިތޫނި ބިނުމުގެ މަސައްކަތް ކުރަމުންދިޔަ ފަލަސްތީނު ދަނޑުވެރިންނަށް އެހީތެރިވި 32 މީހަކު އިސްރާއީލުން ޑިޕޯޓްކޮށްފި
ފަލަސްޠީނުގެ ދަނޑުވެރިއެއް ޒައިތޫނި ދަނޑެއްގެ ތެރޭގައި
އިސްރާއީލުގެ ޔަހޫދީ ރައްޔިތުންނާއި ސިފައިންގެ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެއްގައި، ފަލަސްތީނުގެ ޒައިތޫނި ދަނޑުވެރިންނަށް އެހީތެރިވަމުން ދިޔަ 32 ބޭރުގެ އެކްޓިވިސްޓުން އިސްރާއީލުން ޑީޕޯޓު ކޮށްފިއެވެ.
އިސްރާއީލް ހަޔޯމް އިން ރިޕޯޓުކުރި ގޮތުގައި، މި އެކްޓިވިސްޓުން ހައްޔަރުކުރީ ނާބުލުސް ގަވަރނޯރޭޓްގެ ބުރީން އަވަށުގައި، ޒައިތޫނި މޫސުމުގައި ހަމައެކަނި ދަނޑުވެރިންނަށް އެކަނި ދަނޑުތަކަށް ވަދެވޭނެ ކަމަށް ބުނާ އިސްރާއީީލްގެ އަމުރަކާ ދެކޮޅަށް އިހުތިޖާޖުކުރަމުން ދަނިކޮށެވެ.
ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަނުން ހާމަކުރި ގޮތުގައި މި މޫސުމު ފެށުނީއްސުރެ ޒައިތޫނި ހޮވާ ފަރާތްތަކަށް 158 ހަމަލާ ދީފައިވެއެވެ. މީގެ ތެރޭގައި މާރާމާރީ އާއި ހައްޔަރުކުރުމާއި، ބަޑިންހަމަލާދިނުން ހިމެނެއެވެ. އަދި 765 ޒައިތޫނި ގަސް ވަނީ ނައްތާލާފައެވެ.
"އިސްރާއިލްގެ އަނިޔާވެރިކަން ވަނީ ނުހަނު ބޮޑަށް އިތުރުވެފައި،" އދ. ގެ ހިއުމަން ރައިޓްސް އޮފީހުގެ ވެރިޔާ އަޖިތް ސަންގޭ ވިދާޅުވިއެވެ.
އިސްރާއިލްގެ އިންޓީރިއަރ މިނިސްޓަރ ޔަރިވް ލެވިން އަދި ނެޝަނަލް ސެކިއުރިޓީ މިނިސްޓަރ އިތަމާރު ބެން-ގްވިރު ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، މި އެކްޓިވިސްޓުން ޑިޕޯޓްކުރަނީ ޔޫނިއަން އޮފް އެގްރިކަލްޗަރަލް ވޯކް ކޮމިޓީސް (ޔޫއޭޑަބްލިއުސީ) އާ ގުޅުން ހުރި ކަމަށް ތުހުމަތުކުރެވޭތީއެވެ. އަދި މި އެކްޓިވިސްޓުންނަށް 99 އަހަރަށް އިސްރާއީލަށް ވަނުން މަނާކޮށްފައިވެއެވެ.
އދ. އިން ބުނާ ގޮތުގައި 80,000 އިން 100,000 އާ ދެމެދުގެ ފަލަސްތީނު ޢާއިލާތަކުގެ ދިރިއުޅުން ބިނާވެފައިވަނީ ޒައިތޫނި ދަނޑުވެރިކަމުގެ މައްޗަށެވެ. ޣައްޒާގެ ހަނގުރާމަ ފެށުމަށްފަހު ޔަހޫދީންގެ އަނިޔާވެރިކަން ވަނީ އިތުރަށް ބޮޑުވެފައެވެ.