ދުނިޔެ
މަސްޖިދުލް އަޤްޞާގެ ބައެއް ތަންތަން ވެއްޓިދާނެ ކަމުގެ އިންޒާރު ޤުދުސްގެ ގަވަރުނަރު ދެއްވައިފި
މަސްޖިދުލް އަޤްޞާ ސަރަހައްދު
އިސްރާއިލްގެ ޔަހޫދީންގެ ޢަމަލުތަކުގެ ސަބަބުން މަސްޖިދުލް އަޤްޞާގެ ބައެއް ތަންތަން ވެއްޓިދާނެ ކަމުގެ އިންޒާރު ޤުދުސްގެ ގަވަރުނަރު ދެއްވައިފިއެވެ.
ޤުދުސްގެ ގަވަރުނަރު ވިދާޅުވެފައިވަނީ އިސްރާއީލްގެ އާބާދީ ބަދަލުކުރާ ފަރާތްތަކުން މަސްޖިދުލް އަޤްޞާއަށް ވަދެ، އެ މިސްކިތުގެ އިރުމަތީ ސަރަޙައްދުގައި ޔަހޫދީ އަޅުކަން ކުރުމާއެކު، އިސްރާއީލުން ކޮންނަމުން ދިޔުމުގެ ސަބަބުން މަސްޖިދުލް އަޤްޞާގެ ބައެއް ތަންތަން ވެއްޓިދާނެކަމުގައެވެ.
އަލްޖަޒީރާގެ ނޫސްވެރިޔާ ރިޕޯޓުކުރި ގޮތުގައި، އިސްރާއީލް ފުލުހުންގެ ހަރުކަށި ޢަމަލުތަކުގެ ސަބަބުން، ރައްޔިތުން ބަދަލުކުރުމުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ގްރޫޕްތަކުން ބާބުއް ރަޙްމާ ކައިރިން މިސްކިތުގެ އިރުމަތީ ސަރަހައްދަށް ވަދެފައިވެއެވެ.
ޤުދުސްގެ އިސްލާމީ ވަޤުފު އިދާރާއިން ހާމަކުރި ގޮތުގައި، ހެނދުނުގެ ވަގުތުގައި އެތައް ބަޔަކު އެ މިސްކިތަށް ވަދެފައިވާއިރު، އިސްރާއީލުން ވަނީ ހަރުކަށި ސަލާމަތީ ފިޔަވަޅުތަކެއް އަޅައި، ހުޅަނގު އައްސޭރިއާއި ފޭރިގަނެފައިވާ ޤުދުސްގެ ހާހުން ގުނާލެވޭ މުސްލިމުން ނަމާދުކުރުމަށް މިސްކިތަށް ވަނުން މަނާކޮށްފައެވެ.
މި ކަންތައްތަކާ ގުޅިގެން، މަސްޖިދުލް އަޤްޞާ ސަރަހައްދާއި އޯލްޑް ސިޓީގައި އިސްރާއީލުން ކޮންނަމުންދާ ވަޅުގަނޑުތަކުގެ ސަބަބުން މިސްކިތުގެ ބައެއް ތަންތަން ވެއްޓިދާނެކަމުގެ އިންޒާރު ޤުދުސް ގަވަރުނަރު ދެއްވާފައިވެއެވެ.
ދެ އަހަރެއްހާ ދުވަސްކުރިން ޣައްޒާގައި ހިންގި ޤަޠުލްޢާންމަށްފަހު، އިސްރާއީލް ސިފައިންނާއި އާބާދީ ބަދަލުކުރާ ފަރާތްތަކުން ހުޅަނގު އައްސޭރީގައި އަނިޔާވެރިކަން އިތުރުކޮށްފައިވާއިރު، ފަލަސްޠީނުގެ ރަސްމީ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 1,057 ފަލަސްޠީނުން ޝަހީދުވެ، 10,000 އަށްވުރެ ގިނަ މީހުން ޒަޚަމްވެފައިވެއެވެ. އަދި 1,600 ކުޑަކުދިން ހިމެނޭގޮތަށް 20,000 އަށްވުރެ ގިނަ ފަލަސްޠީނުން ހައްޔަރުކޮށްފައިވެއެވެ.
އެމެރިކާގެ އެހީތެރިކަމާއެކު 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ވަނަ ދުވަހު އިސްރާއީލުން ޣައްޒާގައި ފެށި ޤަތުލްޢާންމުގައި މަދުވެގެން 68,229 ފަލަސްޠީނު މީހުން ޝަހީދުވެ، 170,369 މީހުން ޒަޚަމްވެފައިވާއިރު، ޣައްޒާގެ ސިވިލް އިންފްރާސްޓްރަކްޗަރގެ 90 އިންސައްތަ ވަނީ ހަލާކުކޮށްލާފައެވެ.