ކުޅިވަރު
ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި ވަނިކޮށް ފަހަތުން އަރާ ފަސް ގޯލު ޖަހައިގެން ލިވަޕޫލް މޮޅުވެއްޖެ
ލިވަޕޫލްގެ ވަރޖިލް ވެން ޑައިކް ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލަނީ---
ޖެހިޖެހިގެން ހަތަރު މެޗުން ބަލިވެފައި ވަނިކޮށް ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ޖަރުމަނުގެ އެއިންޓްރެޗް ފްރެންކްފާރޓްއާ ދެކޮޅަށް ކުޅުނު މެޗުގައި ފަހަތުން އަރާ ފަސް ގޯލު ކާމިޔާބުކޮށް، 5-1އިން ލިވަޕޫލް މޮޅުވެއްޖެއެވެ.
ފްރޭންކްފާރޓްގެ ޑިއުޗް ބޭންކް ޕާރކްގައި ކުޅުނު މި މެޗަށް ލިވަޕޫލުން ނިކުތީ، ގެއްލިފައިވާ "ވިނިން ފޮމިއުލާ" ހޯދުމަށް އިތުރު ބަދަލުތަކަކާއެކުއެވެ. އެގޮތުން ލިވަޕޫލަށް 2017ވަނަ އަހަރު ބަދަލުވިފަހުން، އަނިޔާއެއް ނެތި ފުރަތަމަ ފަހަރަށް ޗެމްޕިއަންސް ލީގު މެޗެއްގައި އެ ޓީމުގެ ތަރި، މުޙައްމަދު ސަލާޙް ވަނީ ބެންޗުގައި ބައިންދާފައެވެ. އަދި އެ ޓީމުން އާންމުކޮށް ކުޅެމުން އަންނަ 4-3-3 ފޯމޭޝަންގެ ބަދަލުގައި ރޭ ކުޅުނީ 4-4-2 ފޯމޭޝަނަށެވެ. މީގެ އިތުރުން ފުރަތަމަ ފަހަރަށް ހޫގޯ އެކިޓިކޭ އާއި އެލެކްސެންޑަރ އިސާކް އެއްކޮށް ވަނީ ފަށާފައެވެ.
ގިނަ ބަދަލުތަކަކާއެކީ ފެށިނަމަވެސް މެޗުގައި ފުރަތަމަ ލީޑު ނެގީ ފްރޭންފާރޓުންނެވެ. އެ ޓީމުގެ ފުލްބެކަށް ކުޅެމުން އަންނަ ރަސްމުސް ކްރިސްޓެންސެން މެޗުގެ 26ވަނަ މިނެޓުގައި ލީޑު ނަގައިދިނީ މާރިއޯ ގޮޓްޒޭ ނަގައިދިން ކޯނަރެއް ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
އޭގެ 9 މިނެޓު ފަހުން، މި ސީޒަންގައި ފްރެންފާރޓުން ލިވަޕޫލަށް ގެންދިޔަ އެކިޓިކޭ ވަނީ އޭނާގެ ކުރީގެ ކްލަބާ ދެކޮޅަށް ގޯލެއް ކާމިޔާބުކޮށް މެޗުގެ ނަތީޖާ ހަމަހަމަކޮށްދީފައެވެ. މިއީ ލިވަޕޫލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި ހުރެފައި އެންޑީ ރޮބަޓްސަން އޭނާއަށް ދުއްވާލި ބޯޅައެއް، ދަނޑުގެ މެދަކާ ހިސާބުން ހޯދުމަށްފަހު ބޯޅަ ހިފައިގެން ގޮސް ކާމިޔާބުކުރި ގޯލެކެވެ.
އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން، ލިވަޕޫލްގެ އެންމެ ފަހަތަށް ކުޅެމުންދާ ދެ ކުޅުންތެރިންގެ ގޯލުތަކުން އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. އެގޮތުން ފުރަތަމަ ގޯލު މެޗުގެ 39ވަނަ މިނެޓުގައި ވާރޖިލް ވެން ޑައިކް ކާމިޔާބުކުރިއިރު، 44ވަނަ މިނެޓުގައި އިބްރާހިމާ ކޮނާޓޭ ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ. މި ދެ ގޯލަކީ ވެސް ދެ ކޯނަރުން ކާމިޔާބުކުރި ގޯލުތަކެކެވެ.
ލިވަޕޫލުން ފަހު ހާފުގައި ކާމިޔާބުކުރި ދެ ގޯލަށް އެސިސްޓުކޮށްދީފައި، ލިވަޕޫލަށް ބަދަލުވުމަށްފަހު އޭނާގެ އައިޑެންޓިޓީ އަލުން ހޯދުމަށް މަސައްކަތްކުރަމުންދާ ފްލޯރިއަން ވަރޓްސްއެވެ. ފަހު ހާފުގެ ދެ ގޯލު ލިވަޕޫލަށް ކާމިޔާބުކޮށްދިނީ ކޯޑީ ގަކްޕޯ އާއި ޑޮމިނިކް ސޮބޯޒްލާއިއެވެ.
މި މެޗުގެ ފުރަތަމަ އެގާރައިގައި ސަލާޙް ބޭނުންކޮށްފައި ނުވިނަމަވެސް، ޗެމްޕިއަންސް ލީގުގައި މިހާތަނަށް 52 ގޯލު ކާމިޔާބުކޮށްފައިވާ ސަލާޙް ވަނީ ދެވަނަ ހާފުގައި އެކިޓިކޭގެ ބަދަލުގައި ކުޅެން ނިކުމެފައެވެ.
މި ނަތީޖާއާއެކު ލިވަޕޫލް އޮތީ 6 ޕޮއިންޓާއެކު 10ވަނައިގައެވެ.