ކުޅިވަރު
ވިހި އަހަރު ނުވާ ތިން ކުޅުންތެރިންގެ ގޯލުތަކާއެކު ޗެލްސީއަށް ޗެމްޕިއަންސް ލީގުގެ ރެކޯޑެއް
އުމުރުން 19 އަހަރުގެ ޖޯޖް ގޯލު ކާމިޔާބުކުރުމަށްފަހު އުފާފާޅުކުރަނީ---
ޔޫއެފާ ޗެމްޕިއަންސް ލީގުގައި ރޭ ނެދަލޭންޑްސްގެ އަޔެކްސްއާ ދެކޮޅަށް ޗެލްސީގެ ވިހި އަހަރުން ދަށުގެ ތިން ކުޅުންތެރިން ކާމިޔާބުކުރި ގޯލުތަކާއެކު، 5-1އިން މެޗު ކާމިޔާބުކޮށް، ޗެމްޕިއަންސް ލީގުގެ ރެކޯޑެއް އެ ޓީމުން ހަދައިފިއެވެ.
ލަންޑަންގެ ސްޓެމްފޯރޑް ބްރިޖުގައި ކުޅުނު މި މެޗުގައި ޗެލްސީގެ ޒުވާން ގިނަ ކުޅުންތެރިންތަކެއް ގޯލު ކާމިޔާބުކުރިއިރު، މިއީ އެ މުބާރާތުގައި އެއް ޓީމަކުން އެއް މެޗެއްގައި ވިހި އަހަރުން ދަށުގެ އެންމެ ގިނަ ކުޅުންތެރިން ގޯލު ކާމިޔާބުކޮށްފައިވާ ފުރަތަމަ މެޗެވެ.
އަޔެކްސްގެ މެދުތެރެއަށް ކުޅެމުން ދިޔަ ކެނެތު ޓެއިލާރއަށް މެޗުގެ 15ވަނަ މިނެޓުގައި ރަތް ކާޑެއް ދައްކާ ދަނޑުން ފޮނުވާލިތާ ކުޑަ ވަގުތުކޮޅެއްގެ ފަހުން 19 އަހަރުގެ މާކް ގުޔޭ ޗެލްސީއަށް ކާމިޔާބުކޮށްދިން ގޯލާއެކު، ޗެމްޕިއަންސް ލީގުގައި އެ ޓީމަށް ގޯލެއް ކާމިޔާބުކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ޝަރަފު ހޯދައި، ޗެލްސީއަށް ލީޑު ނަގައިދިނެވެ.
ނަމަވެސް އޭގެ 33 މިނެޓުފަހުން، އުމުރުން 18 އަހަރުގެ އެސްޓަވާއޯ ވިލިއަން ޗެލްސީއަށް ކާމިޔާބުކޮށްދިން ޕެނަލްޓީއާއެކު، ގުޔޭގެ ޝަރަފު އޭނާ ހޯދިއެވެ. އެއީ އެ މެޗުގައި ފެނިގެން ދިޔަ ތިން ވަނަ ޕެނަލްޓީއެވެ.
ގުޔޭ ޗެލްސީއަށް ލީޑު ނަގައިދިން ފަހުން މޮއިސަސް ކެއިސީޑޯ ވަނީ 27ވަނަ މިނެޓުގައި ޗެލްސީގެ ލީޑު ފުޅާކޮށްދީފައެވެ. އޭގެ ފަސް މިނެޓު ފަހުން އަޔެކްސްއަށް ލިބުނު ޕެނަލްޓީއަކުން ވޯޓް ވަރގޯސްޓް އެ ޓީމަށް އުއްމީދެއް ހޯދައިދިންއިރު، ޗެލްސީއަށް ލިބުނު ޕެނަލްޓީއަކުން އެންޒޯ ފެނާންޑޭޒް ވަނީ އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.
އަދި ފުރަތަމަ ހާފު ނިމުނީ އެސްޓެވާއޯ ކާމިޔާބުކުރި ޕެނަލްޓީއާއެކު 4-1އިން ޗެލްސީ ކުރީގައި އޮވެގެންނެވެ.
ދެވަނަ ހާފުގައި ޗެލްސީއިން ވަނީ އުމުރުން 17 އަހަރުގެ ރެޖީ ވެލްޝް ކުޅެން ނެރެފައެވެ. މިއީ ޗެމްޕިއަންސް ލީގުގައި ޗެލްސީގެ ޖާރޒީގައި ކުޅެން ނިކުތް އެންމެ ޒުވާން ކުޅުންތެރިޔާއެވެ. އަދި އާސެނަލްއަށް ކުޅުނު ޖެކް ވިލްޝެއަރއަށްފަހު ޗެމްޕިއަންސް ލީގުގައި ކުޅުނު ދެވަނއަށް އެންމެ ޒުވާން އިނގިރޭސި ކުޅުންތެރިޔާއަކީ ވެސް މިހާރު އޭނާއެވެ.
ޗެލްސީއިން މެޗުގައި ކާމިޔާބުކުރި ފަސް ވަނަ ގޯލު އެ ޓީމަށް ކާމިޔާބުކޮށްދިނީ އުމުރުން 19 އަހަރުގެ ތިރިކު ޖޯޖްއެވެ.
މި މެޗުން ބަލިވެފައިވާ އަޔެކްސްއަށް އަދި މި ސީޒަންގައި ކުޅުނު ޗެމްޕިއަންސް ލީގުގެ އެއްވެސް މެޗެއް ކާމިޔާބު ކުރެވިފައެއް ނުވެއެވެ. އެހެންކަމުން 4 ފަހަރު މި މުބާރާތް ކާމިޔާބުކޮށްފައިވާ އަޔެކްސް އޮތީ ޗެމްޕިއަންސް ލީގުގެ ލީގު-ފޭސްގެ އެންމެ ފުލުގައެވެ.