ޚަބަރު
ފެނަކަގެ ހާލަތު ގޯސްވީ ބޯޑާއި ޕީސީބީ އަދި ފިނޭންސްގެ އިހުމާލުން: އޮޑިޓަރ ޖެނެރަލް އޮފީސް

އޮޑިޓަ ޖެނެރަލްގެ އޮފީހުގެ އޮޑިޓަރުން ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ފެނަކައިގެ އޮޑިޓާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރައްވަނީ ފޮޓޯ: ފަޔާޒު މޫސާ| މިހާރު
ކުރީގެ ސަރުކާރުގެ ދުވަސްވަރު ފެނަކަ ކޯޕަރޭޝަންގެ މާލީ ހާލަތު އެހާ ގޯސްވީ، އެ ކުންފުނީގެ ބޯޑާއި ޕަބްލިކް އެންޓަރޕްރައިޒަސް ކޮމިޓީ (ޕީސީބީ) އާއި ފިނޭންސް މިނިސްޓްރީގެ އިހުމާލުން ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން މިއަދު ވަނީ ބުނެފައެވެ. މިކަން ހާމަވީ ރައްޔިތުންގެ މަޖިލިހުގެ މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮޑިޓަރ ޖެނެރަލް އޮފީހުގެ އިސްވެރިން ހާޒިރުކުރައްވައި ސުވާލުކުރެއްވުމުންނެވެ.
އޮޑިޓަރ ޖެނެރަލް އޮފީހުގެ އެސިސްޓެންޓް އޮޑިޓަރ ޖެނެރަލް އިބްރާހިމް އައިމަން ވިދާޅުވީ، ފެނަކައިގެ ބޯޑަކީ ކުންފުނީގެ މާލީ ހާލަތާއި ސްޓްރެޓެޖިކް ދިމާލެއް ކަނޑައަޅާ ބަޔަކަށް ވާއިރު، އެ ޒިންމާތައް އެ ބޯޑުން އަދާކޮށްފައި ނުވާ ކަމަށެވެ. އޭނާ އިތުރަށް ވިދާޅުވީ، ކުންފުނިން އިންހައުސް ޕްރޮޖެކްޓްތައް ހިންގުމުގައި ވެސް ގެންގުޅުނު އުސޫލުތަކާ ގުޅޭ ގޮތުން ބޯޑުން އެއްވެސް ނިންމުމެއް ނިންމާފައި ނުވާ ކަމަށާއި، ކުންފުނީގެ ހާލަތު ބަލައި ރަނގަޅު މިސްރާބަކަށް ގެންދިއުމުގައި ބޯޑުގެ ޒިންމާ ބޮޑު ކަމަށެވެ.
އައިމަން ވިދާޅުވި ގޮތުގައި، ފެނަކައިގެ މައްސަލާގައި ބޯޑުގެ އިތުރުން ޕީސީބީގެ ޒިންމާ ވެސް ފުރިހަމަ އަށް އަދާކުރެވިފައި ނުވެއެވެ. އެ ކުންފުނީގެ ހިސާބުތައް ނުބެލި، ކުންފުނި ހަރުދަނާ ކުރުމުގައި އެ އިދާރާގެ އިހުމާލު ވެސް ވަރަށް ބޮޑު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ކުންފުނީގެ ހިއްސާދާރުގެ ހައިސިއްޔަތުން ފިނޭންސް މިނިސްޓްރީން ފެނަކައިން ފޮނުވާ ސިޓީތަކަށް ކަންކަން ރަނގަޅަށް ބެލުމުގެ ބަދަލުގައި ފައިސާތައް ދެމުން ދިޔަކަން އައިމަން ވަނީ ފާހަގަކުރައްވާފައެވެ.
އަޅުގަނޑުމެންނަށް ފާހަގަކުރެވުނީ ސިޓީއެއް ފޮނުވާލާ އިރަށް އެތައް ބައިވަރު ސަތޭކަ މިލިއަނުން ފައިސާ ދެމުން ދިޔަތަން. ކުންފުނިން އެޑްވާންސް ޓެރިފާއި މި ހުރިހާ އެއްޗަކަށް ރިކުއެސްޓް ކުރަމުން އަންނަ ސަބަބު މާލީ ވުޒާރާއިން އެބަ ބެލެން ޖެހޭ. ދައުލަތުގެ ހުރިހާ މާލީ ކަންކަމުގެ ކަސްޓޯޑިއަން އަކީ މިނިސްޓްރީ އޮފް ފައިނޭންސް
އައިމަން
އޭނާ އިތުރަށް ވިދާޅުވީ، އެހާ ފަސޭހައިން ލުއި ގޮތަކަށް ދައުލަތުގެ ފައިސާ ދޫކުރުން އެއީ ފިނޭންސް މިނިސްޓްރީން ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާއި، ފެނަކައިގެ ހާލަތު އެ ހިސާބަށް ދިޔައީ ޒިންމާ ނަގަންޖެހޭ ހުރިހާ އިދާރާތައް ފެއިލްވުމުން ކަމަށެވެ.
ފެނަކަ ކޯޕަރޭޝަންގެ 2021 ވަނަ އަހަރާއި 2023 ވަނަ އަހަރާ ދެމެދުގެ މާލީ ހާލަތާއި މުދަލާއި ހިދުމަތް ހޯދުމުގައި އަމަލުކޮށްފައިވާ ގޮތް ބަލަން ކުރި ހާއްސަ އޮޑިޓަކަށް ފަހު، މިދިޔަ މަހުގެ ފަހުކޮޅު ނެރުނު އޮޑިޓް ރިޕޯޓުގައިވާ ގޮތުން، އެ ކުންފުންޏަށް ބޭނުންވާ ފައިސާ ހަމަޖެއްސުމަށް އެމްއައިބީ އިން 400 މިލިއަން ރުފިޔާގެ ލޯނެއް ނެގިއިރު، ފިނޭންސް މިނިސްޓްރީން ޓެރިފް އެޑްވާންސްގެ ގޮތުގައި ވެސް 618 މިލިއަން ރުފިޔާ ދޫކޮށްފައި ވެއެވެ. އަދި އެސްޓީއޯ މެދުވެރިކޮށް 231 މިލިއަން ރުފިޔާގެ ލޯނެއް ވެސް ފެނަކައަށް ނަގާފައިވަނީ ފިނޭންސް މިނިސްޓްރީގެ ބައިވެރިވުމާ އެކުގައެވެ.
ފެނަކައިގެ އެންމެ ފަހުގެ އޮޑިޓް ރިޕޯޓުން އެނގޭ ގޮތުން، ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ދުވަސްވަރު އެ ކުންފުނިން ބިޑަކާ ނުލައި 1.3 ބިލިއަން ރުފިޔާގެ މަޝްރޫއުތަކެއް ހަވާލުކޮށްފައިވެއެވެ. އަދި އޭރުގެ ވެރިކަން ކުރި ޕާޓީ، އެމްޑީޕީގައި އިސްކޮށް ހަރަކާތްތެރިވި ބައެއް މީހުންގެ ހިއްސާ އޮތް ކުންފުނިތަކަށް ފައިދާވާ ގޮތަށް ގިނަ ޕްރޮޖެކްޓްތަކެއް ދީފައިވާކަން ވެސް އޮޑިޓް ރިޕޯޓުން ފާހަގަކުރެވިފައި ވެއެވެ.