ދުނިޔެ

ނިއުޒީލެންޑުގައި މޫސުން ގޯސްވެ، އެތައް ހާސް ގެއަކުން ކަރަންޓު ކެނޑިފައި!

ނިއުޒީލެންޑުގައި މޫސުން ގޯސްވެ، އެތައް ހާސް ގެއަކުން ކަރަންޓު ކެނޑިފައި!

ނިއުޒީލެންޑުގައި މޫސުން ގޯސްވެ، ގޭގައި ތިބުމަށް ވަނީ އަންގާފައި.

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2025، 02:33

23 އޮކްޓޯބަރު 2025، 02:33

ގަޑިއަކު ގާތްގަނޑަކަށް 155 ކިލޯމީޓަރު (96 މޭލު) ބާރުމިނުގައި ވައިޖެހުމުގެ ސަބަބުން، ނިއުޒީލެންޑުގެ 90،000އަށް ވުރެ ގިނަ ގެއަކުން ކަރަންޓުގެ ޚިދުމަތް މެދުކެނޑިފައިވާ ކަމަށް މީޑިޔާތަކުން އަދު ރިޕޯޓުކޮށްފިއެވެ. މީގެ އިތުރުން، ގަދަ ވައިރޯޅީގެ ސަބަބުން 100އަށް ވުރެ ގިނަ ވައިގެ ދަތުރުތައް ކެންސަލްކުރާން ޖެހިފައިވާ ކަމަށް ވެސް ނިއުޒީލެންޑު ޚަބަރުތަކުން ބުނެއެވެ.

މި ގަދަ ވައިރޯޅިތައް ކުރިމަތިވަމުންދަނީ ނިއުޒީލެންޑުގެ މުޅި ދެކުނު ޖަޒީރާއާއި، އުތުރު ޖަޒީރާގެ ދެކުނު ސަރަޙައްދަށް ކަމަށް، އެ ޤައުމުގެ މޫސުމާ ބެހޭ ރަސްމީ އިދާރާއިން ހާމަކުރެއެވެ.

އަދު ނިއުޒީލެންޑުގެ ކަމާ ބެހޭ ފަރާތްތަކުން، އެ ޤައުމުގެ މެދުތެރޭ ސަރަޙައްދުތަކަށް ވައިރޯޅީގެ އެންމެ ވަރުގަދަ ސަމާލު ކަމުގައިވާ ރަތް ސަމާލު ނެރުމަށް ފަހު، އެ ސަމާލު ވަނީ ކަނޑާލައިފައެވެ. ރަތް ސަމާލު ނެރުނު ސަރަޙައްދުތަކުގެ ތެރޭގައި، ކެންޓަރންބަރީއާއި ވެލިންގޓަން ހިމެނެއެވެ.

ނިއުޒީލެންޑަށް ޖެހެމުންދާ ބާރުގަދަ ވައިގެ ނަތީޖާއެއްގެ ގޮތުން، އެތައް ގެއެއްގެ ފުރާޅުތައް އެއްލާލައި، އެތައް ގަސްގަހާގެއްސާއި ކަރަންޓު ދަނޑިތައް ވެއްޓިފައި ވެއެވެ. މި ކަންކަމުގެ އިތުރުން، މި ހަފްތާގެ އަންގާރަ ދުވަހު، ވިއްސައިގެން ދިޔަ ގަހު އޮފިގަނޑަކުން ޖެހި، ވެލިންގޓަންގައި ފިރިހެނަކު މަރުވެފައިވާ ޚަބަރު ވެސް ފާހަގަކޮށްލެވެއެވެ. އަދި ވެލިންގޓަންގައި އަންހެނަކު ވަޔާ ވިއްސައިގެން ދާ ވީޑިޔޯއެއް ވެސް އިޖުތިމާޢީ ވިޔުގަތަކުގައި ދައުރުވެފައި ވެއެވެ. 

މި ނުރައްކައުތެރި މޫސުމީ ޙާލަތުގެ ސަބަބުން، ގޭތެރޭގައި ތިބެ، ދަތުރުފަތުރު ނުކުރުމަށް ކަމާ ބެހޭ ފަރާތްތަކުން އަންގާފައި ވެއެވެ. ހަމަ އެހެންމެ، މުވާޞަލާތީ ސިގުނަލާއި ކަރަންޓުގެ ޚިދުމަތުގައި އިތުރު މައްސަލަތަކެއް ކުރިމަތިވެދާނެ ކަމަށް ވެސް އަންދާޒާކޮށްފައި ވެއެވެ. 

ނިއުޒީލެންޑުގައި ކަރަންޓުގެ ޚިދުމަތުން އަދު މަޙުރޫމުވެފައި ތިބި ގިނަ މީހުންނަކީ އެ ޤައުމުގެ ދެކުނު ޖަޒީރާގައި ދިރިއުޅޭ މީހުންނެވެ. މިއާ އެކު، ކަރަންޓުގެ ޚިދުމަތް އަލުން އިޢާދަކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރެވެމުންނެވެ. 

ނިއުޒީލެންޑަށް ޖެހެމުންދާ ގަދަ ވައިގެ އިތުރުން، ދެކުނު ޖަޒީރާއަށް ކައިރި މުސްތަޤުބަލެއްގައި ބޯކޮށް ވިއްސާރަ ވެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް އިންޛާރު ދީފައި ވެއެވެ. މިއާ އެކު، ކެންޓަރންބަރީގައި އޮންނަ ވައިމައްކަރިރި ކޯރު ބަންޑުން ވުމުގެ ބިރު ހީވާން މި ވަނީ ފަށާފައެވެ. ވީމާ، އެ ސަރަޙައްދުގެ ވަޒަންވެރީން އެހެން ސަރަޙައްދަކަށް ބަދަލުވާން ޖެހިދާނެ ކަމަށް ތަޖުރިބާކާރުން ލަފާކުރައްވައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން