ދުނިޔެ
ސައުދީގެ އެއާޕޯޓްތަކަށާއި ތެލުގެ ވަސީލަތްތަކަށް ހަ ހަމަލާއެއް ދިން ކަމަށް ހޫޘީން ބުނެފި
ސަންޢާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީޢު ވާހަކަދައްކަވަނީ، ފޮޓޯ:އޭޕީ
ސައުދީ އަރަބިއްޔާގެ އެކި ސަރަހައްދުތަކުގައި ހުރި އެއާޕޯޓްތަކަށާއި ތެލުގެ މުހިންމު ވަސީލަތްތަކަށް އަމާޒުކޮށް ޖުމްލަ ހަ ހަމަލާއެއް ދީފައިވާ ކަމަށް އީރާނުގެ މަދަދު ލިބޭ ޔަމަނުގެ ހޫޘީ ހަނގުރާމަވެރިން ބުނެފިއެވެ.
މި ހަމަލާތައް ދިން ކަމަށް ހޫޘީން އިއުލާނުކޮށްފައި މިވަނީ، ސަރަހައްދީ މައްސަލަތައް މަޝްވަރާގެ މަގުން ހައްލުކުރުމަށް ސައުދީ އާއި އީރާނުގެ އިސް އޮފިޝަލުން މި ހަފުތާގެ ކުރީކޮޅު ތެހެރާންގައި ބައްދަލުކުރައްވާފައި ވަނިކޮށެވެ.
ހޫޘީންގެ ތަރުޖަމާނު ޔަހްޔާ ސަރީއު ސޯޝަލް މީޑިއާ ޕްލެޓްފޯމް އެކްސްގައި އާންމުކުރި ބަޔާނެއްގައި ބުނީ، މި ހަމަލާތައް އަމާޒުކުރީ ސައުދީގެ އިރުމައްޗާއި ހުޅަނގުގެ އައްސޭރިފަށާއި ވެރިރަށް ރިޔާޒް އަދި ދެކުނުގެ ނަޖްރާން ހިމެނޭހެން ވިޔަފާރިއާއި އަސްކަރީ މުހިންމު މަރުކަޒުތަކަށް ކަމަށެވެ. އެގޮތުން ރައުސް ތަންނޫރާ ތެޔޮ ސާފުކުރާ ކާރުޚާނާއަށާއި، ރާބިޣް ތެޔޮ ސާފުކުރާ ކާރުޚާނާއަށް ބެލިސްޓިކް މިސައިލުން ހަމަލާދިން ކަމަށާއި، އަބްޤައިޤްގައި ހުންނަ އަރާމްކޯގެ މަރުކަޒަކަށް ވެސް މިސައިލް ހަމަލާއެއް ފޮނުވާލި ކަމަށް އޭނާ ބުންޏެވެ. މީގެ އިތުރުން ރިޔާޒުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ގިނަ އަދަދެއްގެ މިސައިލް އަދި ދަންމާމްގެ ކިންގް ފަހަދު އިންޓަނޭޝަނަލް އެއާޕޯޓަށް ޑްރޯން ހަމަލާއެއް ދިން ކަމަށާއި، ނަޖްރާން ސަރަހައްދުގައި ހުރި ސައުދީ އަސްކަރީ މަރުކަޒަކަށް ވެސް ހަމަލާދިން ކަމަށް ހޫޘީން ބުންޏެވެ. ނަމަވެސް މި ދައުވާތައް މިނިވަން އެއްވެސް ފަރާތަކުން އަދި ކަށަވަރުކޮށްދީފައެއް ނުވެއެވެ.
ހޫޘީން މި ހަމަލާތައް ދިން ކަމަށް ބުނިއިރު، ސައުދީ އިސްވެ އޮންނަ ކޯލިޝަނުން ބުނީ ރިޔާޒާ ދިމާލަށް ހޫޘީން ފޮނުވާލި ބެލިސްޓިކް ދެ މިސައިލެއް އެ ގައުމުގެ ވައިގެ ދިފާއީ ނިޒާމުން ހުއްޓުވައި ވައިގެ ތެރޭގައި ގޮއްވާލާފައިވާ ކަމަށެވެ. ސައުދީގެ ސިވިލް ޑިފެންސުން މައުލޫމާތު ދިން ގޮތުގައި، ވައިގެ ތެރޭގައި މިސައިލްތައް ގޮއްވާލުމުން ވެއްޓުނު ބައިތަކުން ޖެހި ރިޔާޒުން އެކަކު ވަނީ ޒަޚަމްވެފައެވެ. އަދި ގެއަކަށާއި އުޅަނދަކަށް ގެއްލުން ލިބިފައިވާ ކަމަށް ވެސް ރަސްމީ ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވެއެވެ. މި ހަމަލާތައް ހުއްޓުވުމުގެ ކުރިން ރިޔާޒާއި އަލް-ޚަރްޖް އަދި ނަޖްރާން ސިޓީއަށް ނުރައްކަލުގެ އިންޒާރުގެ ސައިރަން ވަނީ އަޅައިފައެވެ.
މި ހަމަލާތައް ދީފައި މިވަނީ ސަރަހައްދީ ހަމަނުޖެހުންތައް ކުޑަކުރުމަށްޓަކައި އީރާނާއި، ސައުދީ އަރަބިއްޔާ، ތުރުކީ އަދި ޕާކިސްތާނުގެ އިސް އޮފިޝަލުން ތެހެރާންގައި ބޭއްވި މަތީ ފެންވަރުގެ މަޝްވަރާތައް ނިމުނުތާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައެވެ. އީރާނުގެ ސެކިއުރިޓީ ޗީފް މުހްސިން ރިޟާއީ އިސްވެ ބޭއްވެވި މި ބައްދަލުވުމުގައި ސައުދީގެ ޑިފެންސް މިނިސްޓަރު ޚާލިދު ބިން ސަލްމާނާއި، ޕާކިސްތާނުގެ އަސްކަރިއްޔާގެ ވެރިޔާ އާސިމް މުނީރު އަދި ތުރުކީގެ ޖާސޫސީ އިދާރާގެ ވެރިޔާ އިބްރާހީމް ކަލިން ބައިވެރިވެވަޑައިގެންނެވިއެވެ. އެ ބައްދަލުވުމަށްފަހު ސައުދީ ޚާރިޖިއްޔާއިން ވެސް ވަނީ އަސްކަރީ ކުރިމަތިލުންތަކަކަށް އަލުން ދިޔަ ނުދިނުމަށްޓަކައި މަޝްވަރާގެ ދޮރުތައް ހުޅުވާފައި ބެހެއްޓުމުގެ މުހިންމުކަން ފާހަގަކޮށްފައެވެ.
މީގެ އިތުރުން، ބައިނަލްއަގުވާމީ ގޮތުން ބަލައިގެންފައިވާ ޔަމަނުގެ ސަރުކާރުން ވަނީ އަދަން އިންޓަނޭޝަނަލް އެއާޕޯޓަށް ހޫޘީން ދެމުންދާ ހަމަލާތައް ހުއްޓުވުމަށްޓަކައި، ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް އދ. ގެ ސެކިއުރިޓީ ކައުންސިލަށް ގޮވާލައި ބަޔާނެއް ނެރެފައެވެ.