Ads by Stelco

ޚަބަރު

ހިތަދޫ މޫލެކެޑެ ސަރަޙައްދު ހިއްކުމާ ދެކޮޅަށް ޒުވާނުންގެ އިޙުތިޖާޖެއް!

ހިތަދޫ މޫލެކެޑެ ސަރަޙައްދު ހިއްކުމާ ދެކޮޅަށް ޒުވާނުންގެ އިޙުތިޖާޖެއް!

އައްޑޫ ހިތަދޫ މޫލެކެޑެ ސަރަޙައްދު ހިއްކުމާ ދެކޮޅަށް ޒުވާނުން އަޑުއުފުލުން. ތަޞްވީރު: ޕްރޮޖެކްޓް ތިމާވެށި ޖަމްޢިއްޔާ.

farudhun logo

ފަރުދުން

23 އޮކްޓޯބަރު 2025، 03:35

23 އޮކްޓޯބަރު 2025، 03:35

މަގު ހެދުމަށްޓަކައި، އައްޑޫ ހިތަދޫ މޫލެކެޑެ ސަރަޙައްދުން ބައެއް ހިއްކާން ނިންމުމުން، އެ ކަމާ ދެކޮޅަށް އައްޑޫ ޒުވާނުން އިއްޔެ އިޙުތިޖާޖުކޮށްފިއެވެ. 

ތިމާވެށި ޙިމާޔަތްކުރުމަށް މަސައްކަތްކުރާ އައްޑޫގެ އަމިއްލަ ޖަމްޢިއްޔާއެއް ކަމުގައިވާ "ޕްރޮޖެކްޓް ތިމާވެށި"އިން އިންތިޡާމުކޮށްގެން އިއްޔެ މޫލެކެޑެ ސަރަޙައްދުގައި ބޭއްވި އިޙުތިޖާޖުގައި، 30އަށް ވުރެ ގިނަ ޒުވާނުން ބައިވެރިވެފައި ވެއެވެ. މި އިޙުތިޖާޖުގައި ޒުވާނުންގެ ޚިޔާލުތައް ފައުޅުކޮށްފައިވަނީ މޫދުގައި ފަލިޖެހުމާ އެކުގައެވެ.

މޫލެކެޑެ ސަރަޙައްދު ހިއްކުމަށް ސަރުކާރުން ނިންމީ، ލިންކް ރޯޑަކީ އެ ސަރަޙައްދުން ސީދާކޮށް އޮންނަ މަގަކަށް ހެދުމަށްޓަކައެވެ. މި ގޮތުން، އެ ސަރަޙައްދުން 2.5 ހެކްޓަރުގެ ބިން ހިއްކުމަށް އޮތީ ހަމަޖެހިފައެވެ.

އިއްޔެގެ އިޙުތިޖާޖު އިންތިޡާމުކުރި "ޕްރޮޖެކްޓް ތިމާވެށި" ޖަމްޢިއްޔާއިން ބުނީ، މޫލެކެޑެ ސަރަޙައްދުގެ ހޭޅިފަށުގައި ކަނޑޫ ގަސްތަކެއް ހެދިފައި ހުރި ކަމަށާއި، އެ ސަރަޙައްދު ހިއްކުމުން އެ ގަސްތައް ނެތިދާނޭ ކަމަށެވެ. ވީމާ، މިއީ އައްޑޫގެ ޤުދުރަތީ މާޙައުލަށް ދެވޭ އިތުރު ގެއްލުމަކަށް ވާނޭ ކަމުގައި އެ ޖަމްޢިއްޔާއިން ދެކެއެވެ.

މޫލެކެޑެ ހޭޅިފަށުގައި ހެދިފައިވާ ކަނޑޫ ގަސްތަކުގެ ތެރޭގައި ކުޑަ ކުޅިއެއް ވެސް އޮންނަ އިރު، ކަނޑޫ ފައުފަލަކީ ރަށުގެ ހޭޅިފަށަށް ޙިމާޔަތްދީ، ރަށުތެރެއަށް ލޮނުވަނުމާއި ދިޔަބޮޑުވުން ކުޑަކޮށްދޭ ޤުދުރަތީ ނިޡާމެކެވެ.

މި ކަހަލަ ފުރިހަމަ ޤުދުރަތީ މާޙައުލުތަކުން އަހަރެމެންނަށް ގެނެސްދޭ ހިތްހަމަޖެހުމަކީ ފައިސާއިން އަގު ނުކުރެވޭނޭ ވަރުގެ އަގުހުރި ތަރިކައެއް. މިއީ ނެތިގެން ދިޔުމުން އަނބުރާ ލިބޭނޭ އެއްޗެއްސެއް ނޫން.

ޕްރޮޖެކްޓް ތިމާވެށި ޖަމްޢިއްޔާއިން އިޖުތިމާޢީ ވިޔުގަތަކުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވެއެވެ.

އެ ޖަމްޢިއްޔާއިން ބުނީ، މިދިޔަ އަހަރުތަކުގައި ވެސް އައްޑޫން 260 ހެކްޓަރުގެ ބިން ހިއްކާފައިވުމުގެ ސަބަބުން، އައްޑޫގެ ތިމާވެށި ވަރަށް ބޮޑަށް ހަލާކުވެފައިވާ ކަމަށެވެ. ހަމަ އެހެންމެ، އައްޑޫގެ ޒުވާނުންނާއި ޢާންމުންގެ ޚިޔާލައި މަޝްވަރާ ނެތި މިފަދަ ޕްރޮޖެކްޓުތައް ހިންގުމާ މެދު ވެސް އެ ޖަމްޢިއްޔާއިން ނުރުހުން ފައުޅުކޮށްފައި ވެއެވެ.

ޕްރޮޖެކްޓް ތިމާވެށި ޖަމްޢިއްޔާއިން ވަނީ، ހިތަދޫ މޫލެކެޑެ ސަރަޙައްދު ހިއްކުމާ ދެކޮޅަށް ޕެޓިޝަނެއް ތައްޔާރުކޮށް، އޭގައި ސޮއިކުރުމުގެ ފުރުޞަތު ވެސް ހުޅުވާލައިފައެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން