ކުޅިވަރު / ޚަބަރު

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ ޚާއްސަ ފުޓްބޯޅަ މެޗެއް!

މާދަމާ ހަވީރު ގަލޮޅު ދަނޑުގައި ފީފާގެ ރައީސް އިންފަންޓީނޯ އަދި ރައީސް މުއިއްޒުގެ ޚާއްސަ ފުޓްބޯޅަ މެޗެއް!

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އަދި ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ

އާމިނަތު ޔުމްނާ

އާމިނަތު ޔުމްނާ

23 އޮކްޓޯބަރު 2025، 03:35

23 އޮކްޓޯބަރު 2025، 03:35

ދުނިޔޭގެ ފުޓްބޯޅަ އިދާރާ، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ މާދަމާ ރާއްޖެއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއާ އެކު ޚާއްސަ ފުޓްބޯޅަ މެޗެއްގައި ބައިވެރިވެވަޑައިގަންނަވާ ގޮތަށް ހަމަޖެހިއްޖެއެވެ. މި މުހިންމު ދަތުރުފުޅަކީ 19 އަހަރަށް ފަހު ފީފާގެ ރައީސަކު ރާއްޖެއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

މާދަމާ ހެނދުނު ރާއްޖެއަށް ވަޑައިގަންނަވައި، އިންފަންޓީނޯގެ އެންމެ މުހިންމު އެއް ކަމަކީ ރައީސް މުއިއްޒުއާ އެކު ބާއްވަވާ ރަސްމީ ބައްދަލުކުރެއްވުމެވެ. ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބުނީ، މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ފުޓްބޯޅައިގެ ކުރިއެރުވުމާ ބެހޭގޮތުން ދެ ބޭފުޅުން ވާހަކަދައްކަވާނެ ކަމަށެވެ.

ދެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވާ ހާއްސަ ފުޓްބޯޅަ މެޗު އޮންނާނީ އިންފަންޓީނޯގެ ޝަރަފުގައި މާދަމާ ހަވީރު 4:00 އިން 6:00 އަށް ގަލޮޅު ދަނޑުގައި ބާއްވާ އެގްޒިބިޝަނުގެ ތެރެއިންނެވެ. މި ހަރަކާތުގައި، ރާއްޖޭގެ ޔޫތު ޓީމުތަކާއި، އެކަޑަމީތަކުގެ ޓީމުތަކުގެ މެދުގައި ވެސް މެޗުތައް ކުޅޭނެއެވެ. އެފްއޭއެމުން ވަނީ ރާއްޖޭގެ ފުޓްބޯޅަ އާއިލާގެ މެމްބަރުންނާއި، ފުޓްބޯޅަ އަށް ލޯބިކުރާ މީހުންނާއި، ހެޔޮއެދޭ ފަރާތްތަކަށް މި ހަރަކާތުގައި ބައިވެރިވުމަށް ދަނޑަށް އައުމަށް ދައުވަތު ދީފައެވެ.

ފީފާގެ ރައީސަކު ރާއްޖެއަށް މީގެ ކުރިން ރަސްމީ ދަތުރުފުޅެއް ކުރައްވާފައިވަނީ 2006 ވަނަ އަހަރު، އޭރުގެ ރައީސް ސެޕް ބްލެޓާ ސުނާމީގައި ގެއްލުން ލިބުނު ގައުމުތަކަށް ކުރެއްވި ދަތުރުފުޅެއްގައެވެ. އެފަހަރު ރައީސް މައުމޫން އަބްދުލްގައްޔޫމާ ބައްދަލުކުރައްވައި ބްލެޓާ ވަނީ ރާއްޖޭގެ ސުނާމީ ރިކަވަރީ ޕްރޮގްރާމަށް ފީފާގެ ފަރާތުން ދެ މިލިއަން ޑޮލަރު ހަދިޔާކުރައްވައިފައެވެ. އިންފަންޓީނޯ ވަނީ 2022 ގެ ވޯލްޑް ކަޕަށް ފަހު ޗުއްޓީ ދަތުރެެއްގައި ރާއްޖެ ވަޑައިގެންފައެވެ. އެހެންނަމަވެސް އެފަހަރު ރަސްމީ އެއްވެސް މަސައްކަތެއް ކުރައްވާފައެއް ނުވެއެވެ.

މިފަހަރުގެ ދަތުރުފުޅަކީ ރާއްޖޭގެ ފުޓްބޯޅަ އަލުން ކޮޅަށް ނަގަން އެފްއޭއެމުން ކުރަމުން އަންނަ މަސައްކަތަށް ހިތްވަރު ދެއްވުމަށް ކުރައްވާ ދަތުރެކެވެ. ކުރީގެ އެފްއޭއެމް ރައީސް ބައްސާމް އަދީލް ޖަލީލުގެ ދައުރުގައި ކޮރަޕްޝަނުގެ މައްސަލަތަކާ ގުޅިގެން ފުޓްބޯޅަ އޮތީ ހުއްޓިފައެވެ. މިހާރުގެ އެފްއޭއެމް ރައީސް އަހުމަދު ތޯރިގް (ޓޮމް) މަގާމަށް ވަޑައިގެންނެވީ ފީފާ އިން އައްޔަންކުރި ނޯމަލައިޒޭޝަން ކޮމިޓީން ބޭއްވި އިންތިހާބު ކާމިޔާބުކުރައްވައިގެންނެވެ.

ދާދި ފަހުން ތޯރިގް ވަނީ ސްވިޒަލެންޑުގެ ޒިއުރިކުގައި ހުންނަ ފީފާގެ އޮފީހުގައި އިންފަންޓީނޯއާ ބައްދަލުކުރައްވައިފައެވެ. އެ ބައްދަލުކުރެއްވުމަށް ފަހު އިންފަންޓީނޯ ވަނީ ތޯރިގުގެ މަސައްކަތަށް ތައުރީފުކުރައްވައިފައެވެ. އަދި ދާދި ފަހުން ސްރީ ލަންކާ ބަލިކޮށް ރާއްޖޭން ހޯދި ސައުތު އޭޝިއަން ސުޕަ ކަޕްގެ ކާމިޔާބަށް ވެސް އޭނާ ތައުރީފުކުރެއްވިއެވެ. އިންފަންޓީނޯ ވިދާޅުވީ، "ކުރީގެ ކުޅުންތެރިއެއްގެ ހައިސިއްޔަތުން (އެފްއޭއެމްގެ) ރައީސް ތޯރިގްގެ މި މަސައްކަތުގައި އޭނާގެ ތަޖުރިބާ އާއި ވިސްނުން ކުރިއަށް ނެރޭނެކަމާ މެދު އަޅުގަނޑު ޝައްކެއް ނުކުރަމެވެ." މި ދަތުރުފުޅަކީ ދިވެހި ފުޓްބޯޅައިގެ ކުރިމަގަށް އުންމީދު އާވެގެންދާނެ ދަތުރުފުޅެއް ކަމަށް ބެލެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން