ޚަބަރު
މަޖިލިސް ޗުއްޓީއަށް ދިޔަސް ސަރުކާރުން ބޭނުންވެއްޖެ ޙާލަތެއްގައި ޖަލްސާ ބާއްވަން ތައްޔާރު: ޢަބްދުއްރަޙީމް
މަޖިލިސް ރައީސް ޢަބްދުއް ރަޙީމް ޢަބްދުﷲ. ފޮޓޯ: ޕީއެންސީ
މަޖިލިސް ޗުއްޓީއަށް ދިޔަސް ސަރުކާރުން ބޭނުންވެއްޖެ ޙާލަތެއްގައި މަޖިލީހުގެ ޖަލްސާ ބާއްވަން ތައްޔާރު ކަމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ.
ޢަބްދުއްރަޙީމް މިހެން ވިދާޅުވީ މިއަދު ޕީއެންސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޢަބްދުއްރަޙީމް ވިދާޅުވީ މަޖިލިސް ޗުއްޓީއަށް ދިޔަނަމަވެސް މުހިންމު ކަމެއް ދިމާވެ ސަރުކާރަށް މުހިންމު ޙާލަތެއް މެދުވެރިވެއްޖެނަމަ މަޖިލިސް ޖަލްސާ ބާއްވަން ތައްޔާރުކަމަށެވެ.
ރައްޔިތުންގެ މަޖލީހުގެ އިންތިޚާބުގައި ރައްޔިތުން މި ސަރުކާރަށް މިހާ ބޮޑު އަޤްލަބިއްޔަތެއް ދެއްވީ މަޖިލީހުގެ ތެރެއިން ސަރުކާރަށް އެއްބާރުލުން ދިނުމަށް ކަމަށް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. އެހެންކަމުން ރައްޔިތުން ދިން ވޯޓާ އެއްގޮތަށް ސަރުކާރުން ބޭނުންވާ ކަންކަމުގައި މަޖިލީހުގެ އެއްބާރުލުން ފުރިހަމަޔަށް ލިބޭނޭކަން އޭނާ ފާހަގަކުރެއްވިއެވެ.
ހަމަމިއާއި އެކު ޢަބްދުއްރަޙީމް ވިދާޅުވީ، އެކަން އެގޮތަށް އޮތުމުން މަޖިލީސް ޗުއްޓީގަ އޮތަސް ސަރުކާރަށް މުހިއްމު ކަމެއް ދިމާވެއްޖެއްޔާ މަޖިލީހުގެ ދައުރުންބޭނުން ޖަލްސާ ބާއްވައިގެން ސަރުކާރުން އެދޭ ކަންކަން މަޖިލީހުގެ ތެރެއިން ކޮށްދޭނޭ ކަމަށެވެ.
ސަރުކާރުން ތައްޔާރުވިހާ އަވަހަކަށް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށްގެންދަވާނޭކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މަޖިލިސް ރައީސް ޢަބްދުއްރަޙީމް އިތުރަށް ވިދާޅުވީ، ސަރުކާރަށް އާމްދަނީ ހޯދުމަށާއި ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމަށްޓަކާ ބޭނުންވާ ކަންކަން ކުރުމަށްޓަކާ ދައުރު ނިމެންދެން ރައްޔިތުންގެ މަޖިލީސް ނޯންނާނޭ ކަމަށެވެ.
މިހާރު ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ހިންގާ ޕީއެންސީއަށް ނިސްބަތްވާ 75 މެމްބަރުން ތިއްބަވައެވެ. ރައްޔިތުން މަޖިލީހުގެ 19 ވަނަ ދައުރު ނިންމަވާލެއްވުމަށްފަހު އިއްޒަތްތެރި މެމްބަރުން ވަނީ ޗުއްޓީއަށް ވަޑައިގަންނަވާފައެވެ. މިއީ 20 ވަނަ މަޖިލީހަށް ނިސްބަތްވާ މެމްބަރުން ޗުއްޓީއަށް ވަޑައިގެން ފުރަތަމަ ފަހަރެވެ.