Ads by Stelco

ޚަބަރު

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް 60 ދުވަހަށް ސަސްޕެންޑް ކޮށްފި

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 09:00

23 އޮކްޓޯބަރު 2025، 09:00

ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު، ޖުޑިޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން 60 ދުވަހުގެ މުއްދަތަށް ސަސްޕެންޑްކޮށްފިއެވެ. 

ޤާޟީ ފާއިޒް ސަސްޕެންޑް ކޮށްފައިވަނީ އޭނާއާ ގުޅޭގޮތުން ހިންގަމުންދާ ތަޙުޤީޤަކާ ގުޅިގެން، ޝަރުޢީ ދާއިރާގެ އިތުބާރު ދަމަހައްޓާނެ އަސާސްތަކުގެ މައްޗަށް ބިނާކޮށެވެ.

ޖޭއެސްސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ޤާޟީ ޙުސައިން ފާއިޒް ރަޝާދާ ގުޅޭގޮތުން ތަޙުޤީޤު ކުރަމުންދާ މައްސަލައަކާއި ގުޅިގެން، މައްސަލައިގެ ބާވަތަށާއި ތަޙުޤީޤަށް ހޯދިފައިވާ މަޢުލޫމާތަށް ބަލައި މި ނިންމުން ނިންމާފައިވާ ކަމަށެވެ. އަދި އޭނާ ސަސްޕެންޑްކޮށްފައިވަނީ ޝަރުޢީ ދާއިރާގެ އިތުބާރު ނެގެހެއްޓުމުގެ އަސާސްގެ މައްޗަށް ބިނާކޮށް، ވަގުތީ ގޮތުން މަގާމުން އެކަހެރިކޮށްލުމަށް ކަމަށް އެ ކޮމިޝަނުން ހާމަކުރެއްވިއެވެ.

މިގޮތުން، ވަކި ގޮތެއް ކަނޑައަޅަންދެން ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް، އޭނާގެ ވަޒީފާއަށް ނުނިކުމެ މަޑުކުރުމަށް ވަނީ އިއްޔެއިން ފެށިގެން އަންގާފައެވެ.

60 ދުވަހަކީ ފަނޑިޔާރުންގެ ޤާނޫނުގެ ދަށުން ފަނޑިޔާރަކު ތަޙުޤީޤެއްގެ ތެރޭގައި ސަސްޕެންޑްކުރެވޭނެ އެންމެ ދިގު މުއްދަތެވެ. މި މުއްދަތުގެ ތެރޭގައި ތަޙުޤީޤު ނިންމައި ޖޭއެސްސީން ގޮތެއް ނިންމަން ޖެހޭނެއެވެ.

އެހެންނަމަވެސް، ޤާޟީ ފާއިޒާއި ގުޅޭގޮތުން ބަލަމުންދާ މައްސަލައަކީ ކޮބައިކަމެއް ނުވަތަ އެ މައްސަލައާ ގުޅޭ އިތުރު މަޢުލޫމާތެއް މިހާތަނަކަށް ޖޭއެސްސީން ހާމަކުރައްވާފައެއް ނުވެއެވެ. އިންސާފު ޤާއިމުކުރުމުގެ ދާއިރާގެ އިތުބާރު ދެމެހެއްޓުމަށްޓަކައި، ކޮމިޝަނުން މި މައްސަލަ ވަރަށް ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަމުންދާކަން ފާހަގަކުރެވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން