Ads by Stelco

ޚަބަރު

ޞުލްޙަ މަސަލަސްކަމާއި، އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ: ވަޒީރު ޚަލީލް

ޞުލްޙަ މަސަލަސްކަމާއި، އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެ: ވަޒީރު ޚަލީލް

ޚާރިޖީ ވަޒީރު ޢަބްދުﷲ ޚަލީލް. ފޮޓޯ: ވުޒާެރާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 09:43

23 އޮކްޓޯބަރު 2025، 09:43

ޞުލްޙަ މަސަލަސްކަމާއި، ސަލާމަތް ރައްކާތެރިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީ އާއި އިންސާނީ ހައްޤުތައް ރައްކާތެރިކުރުމާއި، ސޯސަލް ޕްރޮގްރެސްއަށް ވަކާލާތުކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނާނެކަމުގެ ޔަޤީންކަން ދެއްވާކަމަށް ޚާރިޖީ ވަޒީރު ޑރ ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.

ވަޒީރު ޚަލީލް މިހެން ވިދާޅުވީ އދ. ދުވަސް ފާހަގަކުރުމަށް މިއަދު ބޭއްވި ހަފްލާގައި ވާހަކަދައްކަވަމުންނެވެ.

 އދ.ގެ މެންބަރު ޤައުމެއްގެ ގޮތުގައި ރާއްޖެ ދެމިއޮންނަނީ ވަރަށް ބޮޑު ފަޚުރަކާއެކު ކަމަށާއި، ރާއްޖެއަކީ ކުޑަ ޤައުމެއް ނަމަވެސް އދ. ގެ މެންބަރަކަށްވުމަށް ނިންމި ނިންމުމަކީ ފަޚުރުވެރި ނިންމުމެއްކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ވަޒީރު ޚަލީލް ވިދާޅުވީ، ފާއިތުވި 60 އަހަރުގެ ތެރޭގައި ރާއްޖެއިން އދ.ގައި ކޮށްފައިވާ މަސައްކަތްތަކުން އެކަން ސާބިތުކޮށްދޭ ކަމަށެވެ. ކިތަންމެ ކުޑަ ޤައުމަކަށްވިޔަސް، އަޑު އުފުލުމުގެ ފުރުސަތު އދ. ގެ މެންބަރެއްގެ ހައިސިއްޔަތުން ރާއްޖެއަށް ލިބިގެންދާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން، އދ. އަކީ ފާއިތުވެދިޔަ ދުވަސްތަކުގައި ރާއްޖޭގެ ތަރައްޤީގެ އެންމެ މުހިންމު އެއް ބައިވެރިޔާގެ ގޮތުގައި ދެމި އޮތްކަން ޑރ. ޚަލީލް ފާހަގަކުރެއްވިއެވެ.

ރާއްޖެއަށް ތަރައްޤީގެ ދާއިރާއިން ލިބުނު އެންމެ މުހިންމު އެއް ވަނައިގެ ކާމިޔާބީއެއްގެ ގޮތުގައި ވަޒީރު ބަޔާންކުރެއްވީ، ދުނިޔޭގައި ތަރައްޤީގެ އެންމެ ދަށް ޤައުމު (ލީސްޓް ޑިވެލޮޕްޑް ކަންޓްރީ - LDC) ގެ ދަރަޖައިން، ތަރައްޤީވަމުން އަންނަ ޤައުމަކަށް ބަދަލުވި ދުނިޔޭގެ ތިންވަނަ ޤައުމުގެ ޝަރަފު ރާއްޖެއަށް ލިބިފައިވާ ކަމެވެ. މި ކާމިޔާބީތަކަކީ އދ.އާ ގުޅިގެން ރާއްޖެއިން ކުރި ބުރަ މަސައްކަތުގެ ނަތީޖާކަން އެ މަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް) ގެ ޤައުމެއްގެ ހައިސިއްޔަތުން ދިމާވާ ގޮންޖެހުންތަކާއި މައްސަލަތައް ހައްލުކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި ވަކާލާތުކުރުމުގައި ރާއްޖެއިން ވަނީ ފާހަގަކޮށްލެވޭ ކާމިޔާބީތަކެއް ހޯދާފައެވެ. ވަޒީރު ވިދާޅުވި ގޮތުގައި، ރާއްޖެއިން މިއަދު އދ.ގެ ޖެނެރަލް އެސެމްބްލީގެ ނައިބު ރައީސްކަމާއި، ހިއުމަން ރައިޓްސް ކައުންސިލްގެ ނައިބު ރައީސްގެ މަޤާމު ފުރުމަކީ ޤައުމަށް ލިބޭ ވަރަށް ބޮޑު ފަޚުރެކެވެ. މިއީ އިންސާނީ ހައްޤުތައް ރައްކާތެރިކުރުމަށް ރާއްޖެ ދެމުންދާ އިސްކަމުގެ ހެއްކެކެވެ.

ޑރ. އަބްދުﷲ ޚަލީލް ޔަޤީންކަން ދެއްވީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު އުސޫލަކީ އަބަދުވެސް އދ.ގެ އުސޫލުތަކަށް އިޙްތިރާމުކޮށް، އެކުވެރިކަމާއެކު ބައިނަލްއަޤްވާމީ މަސައްކަތުގައި ބައިވެރިވުން ކަމަށެވެ. އެމަނިކުފާނު އިތުރަށް ވިދާޅުވީ، ޞުލްޙަ މަސަލަސްކަމާއި، އިންސާނީ ހައްޤުތައް ރައްކާތެރިކުރާ ޤައުމެއްގެ ގޮތުގައި ރާއްޖެ އަބަދުވެސް ދެމި އޮންނާނެކަމުގެ ޔަގީންކަން އަރުވާކަމަށެވެ. 

Ads by MSS

މި ލިޔުން ކިޔާލުމުން