ޚަބަރު
މާލެ-ވިލިމާލެ މަގުތައް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ޑިޒައިނިން މަރުހަލާ ފަށަނީ

މާލެއާއި ވިލިމާލޭ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަޝްރޫޢުގެ ޑިޒައިނިން މަރުހަލާގެ އެއްބަސްވުމުގައި ސޮއިކުރުން
ރާއްޖޭގެ ވެރިރަށް މާލެ އާއި ވިލިމާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢުގެ ޑިޒައިނިން މަރުޙަލާ ފެށުމަށް ތައްޔާރުވެއްޖެކަމަށް ސަރުކާރުން ހާމަކޮށްފިއެވެ.
މި މަޝްރޫޢު ކުރިއަށްގެންދަނީ ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުންނެވެ. މި މަޝްރޫޢަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ވަޢުދުތައް ފުއްދުމުގައި ޚާއްސަ އިސްކަމެއް ދެއްވާ އެއް މަސައްކަތެވެ.
މާލޭގެ މަގުތައް ތަރައްޤީކުރުމުގެ މަސައްކަތަށް ކުރިން ބަޖެޓުން ފައިސާ ހަމަޖައްސަން ނިންމާފައި އޮތްނަމަވެސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ޗައިނާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ޗައިނާ ސަރުކާރާއެކު މި މަޝްރޫޢަށް ހިލޭ އެހީ ހަމަޖެހިގެން ދިޔުމަކީ ރާއްޖޭގެ ބަޖެޓަށް ލުއިކަމެއް ގެނެސްދެނިްކަމެކެވެ. މި މަސައްކަތް ރަސްމީކޮށް ފެށުމުގެ ގޮތުން، މަސައްކަތުގެ ޑިޒައިނިން މަރުޙަލާ ފެށުމާއި ގުޅޭ ލެޓަރ އޮފް އެކްސްޗޭންޖު (އެލް.އޯ.އީ) ގައި ދިވެހި ސަރުކާރުންނާއި ޗައިނާ ސަރުކާރުން ވަނީ ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ ޢިމާރާތްކުރުމާއި ބިނާރާބެހޭ ވުޒާރާގެ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ. ޗައިނާގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާއެވެ. ސަރުކާރުން ބަޔާންކުރައްވާ ގޮތުގައި، މި މަޝްރޫޢު ޗައިނާގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވާތީ، ޕްރޮޖެކްޓްގެ ކަންކަން ހަމަޖެއްސުމާއި ކޮންޓްރެކްޓަރެއް ހޯދުމުގެ މަސައްކަތް ކުރިއަށްގެންދާނީ ޗައިނާގެ އެޖެންސީތައް މެދުވެރިކޮށެވެ.
މި މަޝްރޫޢުގެ ދަށުން މާލެ އާއި ވިލިމާލޭގެ މަގުތައް ތަރައްޤީކުރާއިރު، އޭގެ ތެރޭގައި ހިމެނެނީ ހަމައެކަނި ތާރު އެޅުން ނުވަތަ މަގު ހެދުން އެކަންޏެއް ނޫނެވެ. މަޝްރޫޢުގެ ތެރެއިން ފެނާއި ނަރުދަމާގެ ނިޒާމު އަދި ކަރަންޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ކުރިޔަށްދާނެއެވެ. މީގެ އިތުރުން މޫސުމީ ބަދަލުތަކަށް ތައްޔާރުވުމުގެ ގޮތުން ސްޓޯމް ވޯޓާ ނިޒާމު ގާއިމުކުރުމާއި، އަލިފާނުގެ ހާދިސާތަކަށް ތައްޔާރުވުމުގެ ގޮތުން ފަޔާ ހައިޑްރަންޓްގެ ނިޒާމުވެސް ޤާއިމުކުރެވޭނެއެވެ. މިއީ މާލޭގެ އުމްރާނީ ތަރައްޤީއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ.
ސަރުކާރުގެ އަމާޒަކީ މި އަހަރުގެ ތެރޭގައި މި މަޝްރޫޢުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ހުރިހާ ތައްޔާރީތަކެއް ފުރިހަމަކުރުމެވެ. މާލޭގެ މަގުތަކުގައި ތާރުއެޅުމުގެ މަސައްކަތް އެންމެ ފުރަތަމަ ފެށިފައިވަނީ ޑރ. މުޢިއްޒު ހައުސިން މިނިސްޓަރުގެ މަޤާމުގައި ހުންނެވި ދުވަސްވަރުގައިކަން ފާހަގަކޮށްލަންޖެހެއެވެ.
އެގޮތުން އިންޑަސްޓްރިއަލް ވިލެޖު ސަރަޙައްދުން ފެށިގެން އެމްޓީސީސީ ފެރީ ޓަރމިނަލްއާއި ހަމައަށް ތާރު އަޅާފައިވެއެވެ. މިކަމުގެ ސަބަބުން މާލެއާއި ވިލިމާލޭގެ ރައްޔިތުންނަށް ދިރިއުޅުމުގެ ފެންވަރު ރަނގަޅުކޮށް، އުމްރާނީ ވަޞީލަތްތައް ހަރުދަނާކުރުމަށް މަގުފަހިވާނެކަމަށް ސަރުކާރުން އުންމީދުކުރައްވައެވެ.