Ads by Stelco

ޚަބަރު

ވަގަށްނެގި ސިނގިރޭޓް ދެ ކޮންޓެއިނަރގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ވަގަށްނެގި ސިނގިރޭޓް ދެ ކޮންޓެއިނަރގެ މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި

ސިނގިރޭޓް ކޮންޓެއިނަރުތަކުގެ މައްސަލާގައި ހައްޔަރުކުރި މީހާ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

23 އޮކްޓޯބަރު 2025، 09:48

23 އޮކްޓޯބަރު 2025، 09:48

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހިފަހައްޓައި، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް)ގެ ބެލުމުގެ ދަށުގައި ހުރި ދެ ކޮންޓެއިނަރުގެ ސިނގިރޭޓް ހުޅުމާލޭ ޕޯޓުން ގެއްލުނު މައްސަލައިގެ ތަހުޤީޤަށް އިތުރު މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ހައްޔަރުކޮށްފިއެވެ. މިއީ މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ހަވަނަ މީހާއެވެ.

މި މައްސަލައާ ގުޅިގެން މިއަދު ހައްޔަރުކޮށްފައިވަނީ ނ. މިލަދޫ، ކެނެރީގެ، އުމުރުން 54 އަހަރުގެ އާދަމް ވަޙީދެވެ. އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، 7 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ. ސިނގިރޭޓް ވަގަށް ނެގުމުގެ މި ހާދިސާ ފެންމަތިވެފައިވަނީ މި އަހަރުގެ އެޕްރީލް މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރ، ހުޅުމާލޭގައި ހުންނަ އެމްޕީއެލްގެ ޓަރމިނަލުން ގެއްލުމާ ގުޅިގެންނެވެ.

މި މުހިންމު ތަހުޤީޤުގެ ތެރެއިން މިހާތަނަށް ޖުމްލަ ހަ މީހަކު ހައްޔަރުކޮށްފައިވާއިރު، މީގެ ކުރިން ހައްޔަރުކުރި ފަސް މީހުންގެ ތެރޭގައި ހިމެނެނީ ނިމިދިޔަ ސަރުކާރުގައި ކަސްޓަމްސްގެ އިސް މަޤާމެއް އަދާކުރި މުޢާޒް ޢަލީގެ އިތުރުން މަޝްހޫރު ވިޔަފާރިވެރިން ކަމަށްވާ ލޮޓަސް ފިހާރައިގެ ވެރިޔާ އަހުމަދު އާރިފާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދެވެ. އަދި ކަސްޓަމްސްގެ ސުޕްރިންޓެންޑެންޓް ޒިވާރު އިސްމާއިލް، އަދި ކ. ތުލުސްދޫ، ލިންކް ޙަސަން ޢަބްދުއްރަޙްމާން ވެސް ވަނީ މީގެ ކުރިން ހައްޔަރުކޮށްފައެވެ.

މި މައްސަލާގައި ތުހުމަތުކުރެވޭ ކަސްޓަމާއި އެމްޕީއެލްގެ ބައެއް މުވައްޒިފުން ވަނީ މަސައްކަތުން ސަސްޕެންޑްކޮށްފައެވެ. މީގެ އިތުރުން، ތަހުޤީޤުގެ ބޭނުމަށް މިހާތަނަށް 12 މީހަކު ފުރައިގެން ރާއްޖެއިން ބޭރަށް ދިއުން މަނާކޮށްފައިވާއިރު، މައްސަލައާ ގުޅޭ ގިނަ އަދަދެއްގެ އުޅަނދުތަކާއި ތަންތަން ބަލައި ފާސްކޮށްފައިވެއެވެ. 

ސިނގިރޭޓް ކޮންޓެއިނަރުތައް ވަގަށް ނެގި މައްސަލައާ ގުޅިގެން ފުލުހުން ތިލަފުށީގައި ހިންގި ބޮޑު އޮޕަރޭޝަނެއްގައި، ވަގަށް ނަގާފައިވާ ދެ ކޮންޓެއިނަރުގެ ބައިތައް ވަނީ ހޯދައި، ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ. މި މައްސަލައިގެ ތެރޭގައި މާލީ ބޮޑެތި ވެރިންނާއި ދައުލަތުގެ ބައެއް އިސް މުވައްޒިފުން ޝާމިލުވާކަމަށް ތުހުމަތުކުރެވޭއިރު، ފުލުހުން ދަނީ މި މައްސަލައިގެ ފުރިހަމަ ތަހުޤީޤު ކުރިއަށް ގެންދަމުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން