ފަރުދުން
މިހާރު ލިބެމުންދާ ތަރުޙީބާއެކު، ހިމޫގެ އުންމީދަކީ އަމިއްލަ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކުން
ހިމޫ ވަހީދް
ކޮންމެ މީހަކީ ވެސް ކުޑައިރުން ފެށިގެން ކޮންމެވެސް ތަފާތުކަމެއް ކުރުމަށް ޝައުޤުވެރިކަން ހުންނާނެ މީހެކެވެ. ނަމަވެސް، ސްކޫލު ދައުރުން ފެށިގެން އެކި ދާއިރާތަކަށް ޝައުޤުވެރިކަން އުފެދި، އަމިއްލަ ފައި މައްޗަށް ތެދުވެވޭ ޢުމުރަށް އެޅޭއިރު، ކުޑައިރުގައި ކުރި މަސައްކަތްތަކަށް ޝައުޤުވެރިކަން ހުންނާނީ މަދު މީހެއްގެ އެވެ. މި ލިޔުމުގައި ބަލާލާނީ، ކުޑައިރުން ފެށިގެން ކުރެހުމަށް ޝައުޤުވެރިކަން އުފެދުނު ހިމޫ ވަހީދުގެ އެ މަސައްކަތް ވިޔަފާރިއަކާ ހަމައަށް ފުޅާވި ދަތުރަށެވެ.
"ފަރުދުން" އަށް ދިން ޚާއްޞަ ބަސްދީގަތުމެއްގައި ހިމޫ ވަނީ، އޭނާގެ ކުރެހުންތައް އެހެން މީހުންނަށް ފޯރުކޮށްދިނުމަށް އޭނާގެ އަމިއްލަ ވިޔަފާރިއެއް އުފެދުނު ގޮތާއި، މިހާތަނަށް ލިބިފައިވާ ކުރިއެރުންތަކާއި، ވިޔަފާރީގައި ދިމާވާ ގޮންޖެހުންތަކާއި، މުސްތަޤްބަލުގައި އޭނާ ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިތައް ހިއްސާކޮށްފައެވެ. ހިމޫ ކިޔައިދިން ގޮތުގައި، އޭނާގެ އަމިއްލަ ބްރޭންޑެއް ކަމަށްވާ "ކަޅުދެލި" އުފެދިގެން އައީ ކުޑައިރުން ފެށިގެން އެކަމަށް ހުރި ޝައުޤުވެރިކަމާ އެކުގައެވެ.

ކަޅުދެލި އުފެދިގެން އައި ގޮތަށް އަލިއަޅުވާލާ ވާހަކަ ދައްކަމުން ހިމޫ ބުނީ، ކުޑައިރުން ފެށިގެން ވެސް ކުރެހުމަކީ އޭނާ ކުރާހިތްވާ ކަމެއް ކަމަށާއި، ދިރިއުޅުމުގެ ވަކި ހިސާބަކުން ކުރެހުންތައް ބޭނުންކޮށްގެން ވިޔަފާރިއެއް ފެށުމުގެ ވިސްނުން އައި ކަމަށެވެ. އެގޮތުން، އެކަން ޙާޞިލުކުރުމަށް ވަރަށް ދުރާލާ ވިސްނައިގެން ގިނަ ކަންތައްތަކެއް ރާވާފައިވާކަން ހިމޫ ފާހަގަކުރިއެވެ. ހަމަ މިއާއެކު، ހިމޫ ވަނީ އޭނާގެ ބްރޭންޑަށް ކަޅުދެލި ކިޔަން މެދުވެރިވި ގޮތް ހިއްސާކޮށްފައެވެ. ހިމޫ ބުނި ގޮތުގައި، އޭނާގެ ސްކޫލް ދައުރުން ފެށިގެން ވެސް ގިނަ މީހުން އޭނާ ސިފަކުރަމުން އައީ "މޫނުގައި ކަޅު ތިކި" އިންނަ ކުއްޖާގެ ގޮތުގައި ކަމަށެވެ.
ކަޅުދެލި އަސްލު ވީގޮތަކީ އަޅުގަނޑަކީ ވަރަށް އިމްޕޭޝަންޓް ކެތްތެރިކަން ނުހުންނަ މީހެއް. އެހެންވެ ކުލަ ޖައްސަން އެހާ ވަގުތު ވެސް ބޭނުންނުވާތީވެ ކަޅު ކުލައިން ހުރިހާ އެއްޗެއް ވެސް ކުރަހަނީ.
އެހެންކަމުން، އޭނާގެ ބްރޭންޑަށް މި ނަން ދެވުނީ މީހުން އޭނާ ސިފަކުރާ ގޮތާއި، ކުރަހަން ބޭނުންކުރާ ކަޅު ކުލައިގެ ސަބަބުންކަމަށް ހިމޫ މަޢުލޫމާތުދެއެވެ. މީގެ އިތުރުން، ކަޅުދެލީގެ މަސައްކަތްތައް ކުރިއަށްދާގޮތާ ބެހޭގޮތުން ވާހަކަދައްކަމުން ހިމޫ ބުނީ، ކަޅުދެލީގައި އޭނާ އެހާ ބޮޑެތި ކުރެހުންތައް ނުކުރަހާ ކަމަށެވެ. އެގޮތުން، ޢާންމު ގޮތެއްގައި އޭނާ ކުރަހަނީ އެދުވަސްވަރަކާ ގުޅޭ މަޖާ ކުރެހުންތައް ކަމަށާއި، ކަސްޓަމަރުން އެދޭ ކުރެހުންތައް ވެސް ކުރަހާކަމަށް ހިމޫ ކިޔައިދިނެވެ.

ހިމޫ އިތުރަށް ކިޔާދިން ގޮތުގައި، ކަޅުދެލި ފެށިގެން އާއިރު، އޭނާ އެންމެ ފުރަތަމަ ކުރި މަސައްކަތަކީ ކުރަހާ ކުރެހުންތައް "ކީ-ޓެގްސް" އަށް ޕްރިންޓުކުރުމެވެ. ނަމަވެސް، މިހާރު އޭނާގެ ވިޔަފާރި ކުރިއަށް ވުރެ ފުޅާވެ، ކަސްޓަމަރުން ބޭނުންވާ ކޮންމެ އެއްޗެއްގައި ވެސް ކުރެހުންތައް ޕްރިންޓުކުރެވޭނެކަމަށް ހިމޫ ބުންޏެވެ. އެގޮތުން، މިހާރު ތަފާތު އެކި ކުރެހުންތައް، ޓީޝާޓާއި، ދަބަހާއި، ފޯނު ކަވަރު ފަދަ ތަކެތީގައި ޕްރިންޓު ކުރެވޭނެއެވެ.
އަޅުގަނޑު އާންމުކޮށް މިހާރު އައިޕެޑު ބޭނުންކޮށްގެން ކުރަހަނީ. އެކަމަކު ރިކުއެސްޓު ކޮށްފިއްޔާ ހަމަ ގަލަމުން ވެސް ފަންސޫރުން ވެސް ކޮންމެ މީޑިއަމަކުން ވެސް ކުރެހޭނެ. އެކަމަކު އަޅުގަނޑު ބޭނުންކުރާނީ ކަޅު ކުލަ.

ހިމޫގެ މި ވިޔަފާރީގައި ކުރިމަތިވާ އެންމެ ބޮޑު ގޮންޖެހުމަށް އަލިއަޅުވާލާ އޭނާ ބުނީ، މިހާރު ކުރިމަތިވާ އެންމެ ދަތިކަމަކީ އަމިއްލަ އުފެއްދުންތައް ރާއްޖެއިން ބޭރުގައި ވިއްކުން ކަމަށެވެ. އެގޮތުން، އޭނާ އަމިއްލައަށް އުފައްތާ ތަކެތި ބޭރު ޤައުމުތަކުގައި ވިއްކުމަކީ އަބަދުވެސް ބޭނުންވާ ކަމެއްކަމަށާއި، އެކަން ކުރުމަށް އަދިވެސް ބޮޑެތި ދަތިތަކެއް ކުރިމަތިވާކަން އޭނާ ފާހަގަކުރިއެވެ. އެހެންނަމަވެސް، ރާއްޖޭގައި މިހާރު ތިބި އޭނާގެ ކަސްޓަމަރުންގެ ފަރާތުން ބޮޑު ތަރުޙީބެއް ލިބޭ ކަމަށާއި، ކަސްޓަމަރުންނާ ވާހަކަ ދައްކާ، އެމީހުން ބޭނުންވާ ގޮތަށް މަސައްކަތް ނިންމާލެވުމަކީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއްކަމަށް ހިމޫ ބުންޏެވެ.

ކަސްޓަމަރުންގެ ފަރާތުން ހިމޫގެ މަސައްކަތަށް ލިބޭ ތަރުޙީބު ފާހަގަކޮށް ހިމޫ ބުނީ، މިހާތަނަށް އޭނާގެ މަސައްކަތަށް އެއްވެސް ނެގެޓިވް ކޮމެންޓެއް ލިބިފައިނުވާ ކަމަށެވެ. އަދި އޭނާގެ ހުރިހާ ކަސްޓަމަރުން ވެސް އޭނާގެ މަސައްކަތްތައް ބަލައިގަންނަ ކަމަށާއި، ކުރެހުންތައް ވަރަށް ޝެއަރ ކުރާކަމަށް ހިމޫ ބުންޏެވެ. ހަމަ އެހެންމެ، ގިނަ ފަރާތްތަކަށް އޭނާގެ ކުރެހުންތައް ކަމުދަނީ އެދުވަސްވަރެއްގައި ހިނގާ ކޮންމެ ވެސް މަޖާ ކަމަކާ ކުރެހުންތައް ގުޅޭތީކަމަށް ހިމޫ ވަނީ ބުނެފައެވެ.
ކަސްޓަމަރ ފީޑްބެކަކީ އަސްލު އަޅުގަނޑުގެ ކަޅުދެލީގެ އެންމެ ބޮޑު ކުރިއެރުން. ފީޑްބެކް އަދި ވަރަށް ރަނގަޅު. ކަސްޓަމަރުންނަކީ އަޅުގަނޑުގެ އެންމެ މުހިންމު އެއް ބޭފުޅުން.

މީގެ އިތުރުން، ކުރިއަށް އޮތް 5 އަހަރު މި ވިޔަފާރީގައި ޙާޞިލުކުރަން ބޭނުންވާ ލަނޑުދަނޑިއަށް އަލިއަޅުވާލާ، ހިމޫ ބުނީ އޭނާގެ އަމިއްލަ އުފެއްދުންތައް ރާއްޖެއިން ބޭރަށް ގެންދިޔުމަކީ މިހާރުގެ އެންމެ ބޮޑު އުންމީދު ކަމަށެވެ. ހަމަ މިއާއެކު، މާކެޓިންގ ދާއިރާއިން ތަޢުލީމު ހާޞިލުކޮށްފައިވާ ހިމޫ ބުނިގޮތުގައި، ކަޅުދެލީގެ އިތުރުން "ސޮއުލް ފުޑް ބައި ހިމޫ" ނަމަކަށް ކިޔާ އޭނާގެ އިތުރު ވިޔަފާރިއެއް ވެސް ކުރިއަށް ގެންދެއެވެ. އެއީ ކާއެއްޗެހި ތައްތާރުކުރުމަށް ފަހު ވިއްކާ ވިޔަފާރިއެކެވެ. ހިމޫ އިތުރަށް ބުނީ، މާކެޓިންގެ ދާއިރާއިން ވެސް އޭނާ ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.
ވަރަށް ގިނަ ބިޒްނަސްތަކުގެ ކޮންސެޕްޓްސް، އައިޑިއާސްތައް ކްރިއޭޓްކޮށްފަ ހުންނާނީ. އޭގެ ތެރޭގައި (ޓުކްޓުކް ސްޓްރީޓް، ޖެންޒީ، ޒެން، އެތެލި) މިކަހަލަ ބްރޭންޑުތައް ހިމެނޭ.

ހިމޫ ވަނީ އަމިއްލަ މަސައްކަތްތައް ވިޔަފާރިއެއްގެ ގޮތުގައި ކުރަން ބޭނުންވާ ފަރާތްތަކަށް ވަރަށް އަގުހުރި ނަޞޭޙަތެއް ދީފައެވެ. އެގޮތުން، އެމީހަކު ކުރަން ބޭނުންވާ ކޮންމެ މަސައްކަތެއް ވެސް މަޑުޖެހުމެއް ނެތި، މިއަދުން މިއަދަށް ފަށައިގެން ކުރިއަށް ދިޔުމަށް ހިމޫ ވަނީ އެދިފައެވެ. ހަމަ އެހެންމެ، އެންމެ ދުވަހަކު ލިބޭ އެންމެ ކަސްޓަމަރަކީ ވެސް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށާއި، ހިތްވަރާއެކު ކުރިއަށް ގޮއްސި ނަމަ މަސައްކަތުގައި ކާމިޔާބުވާނެކަމަށް ހިމޫ ބުންޏެވެ.