ދުނިޔެ
އިންޑިއާގައި ބަހަކާއި މޮޓޯސައިކަލެއް ޖެހި، އަލިފާން ރޯވެ 25 މީހުން މަރުވެއްޖެ
އެކްސިޑެންޓްވެ އަލިފާން ރޯވި ބަސް
އިންޑިއާގެ ދެކުނު ސަރަހައްދުގައި، މަގުމަތީގައި ދުއްވާފައި ދިޔަ ޕެސެންޖަރު ބަހަކާއި މޮޓޯސައިކަލެއް ޖެހި، ބަހުގައި އަލިފާން ރޯވެ 25 މީހުން މަރުވެ، އެތައް ބަޔަކު ޒަޚަމްވެއްޖެ ކަމަށް ފުލުހުން ބުނެފިއެވެ.
މި ހާދިސާ ހިނގާފައިވަނީ އަންދްރާ ޕްރަދޭޝް ސްޓޭޓްގެ ކުރުނޫލް ޑިސްޓްރިކްޓާ ކައިރީގައި ހައިވޭއެއްގެ މަތީގައެވެ. މި ހާދިސާ ހިނގާފައިވަނީ ހުކުރު ދުވަހުގެ ވަގުތެއްގައެވެ.
ސީނިއަރު ފުލުސް އޮފިޝަލް ވިކްރަންތު ޕާޓިލް ވިދާޅުވީ އެކްސިޑެންޓްވުމާއެކު އެ ބަހުގައި ވަރަށް އަވަހަށް އަލިފާން ރޯވެފައިވާ ކަމަށެވެ. އެ ވަގުތު ބަހުގައި ތިބި ގިނަ އަދަދެއްގެ ޕެސެންޖަރުން ތިބީ ނިދާފައި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ބައެއް މީހުންން ކުޑަ ދޮރުތައް ތަޅާލައިގެން ބަހުން ބޭރަށް ފުންމާލައި ސަލާމަތްވުމުގެ ފުރުސަތު ލިބުނު ނަމަވެސް، އެހެން ބަޔަކަށް އެހީތެރިކަން ލިބުމުގެ ކުރިން އަނދާ ހުލިވެފައިވާ ކަމަށް އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އާ ހަވާލާދީ ޕާޓިލް ވިދާޅުވިއެވެ.
ބަހުން ސަލާމަތްވެވުނު 18 ޕެސެންޖަރުންނަށް މިހާރު ދަނީ ފަރުވާ ދެމުންނެވެ.
ޕާޓިލް ވިދާޅުވި ގޮތުގައި، މި އެކްސިޑެންޓް ހިނގާފައިވަނީ މޮޓޯސައިކަލް ބާރު ސްޕީޑުގައި ދިޔަ ބަސް ފަހަތުން އައިސް ޖެހުމުގެ ސަބަބުންނެވެ. ޖެހުމުގެ ނަތީޖާއެއްގެ ގޮތުން، މޮޓޯސައިކަލް ބަހުގައި ތާށިވެ، ބައެއް ދުރުމިނަށް ބަހާއެކު ގޮސްފައިވެއެވެ. މިކަމުގެ ސަބަބުން އުފެދުނު އަލިފާނުގެ ހުޅުގަނޑު ބަހުގެ ތެޔޮ ޓޭންކާ ހަމައަށް ވާސިލްވެ، ބަހުގައި އަލިފާން ރޯވީއެވެ.
ނުސާފު ދުންގަނޑު ފެތުރެން ފެށުމުން، ޑްރައިވަރު ވަނީ ބަސް މަޑުކޮށް، ފަޔަރ އެކްސްޓިންގުއިޝަރު ބޭނުންކޮށްގެން އަލިފާން ނިއްވާލަން މަސައްކަތްކޮށްފައެވެ. ނަމަވެސް، އަލިފާންގަނޑު ވަރަށް ބޮޑުކަމުން އޭނާއަށް އެކަން ކޮންޓްރޯލް ނުކުރެވުނެވެ، ޕާޓިލް އިތުރަށް ވިދާޅުވިއެވެ. ހާދިސާ ހިނގި ވަގުތު ބަސް ދުއްވަން އިން ޑްރައިވަރާއި، އެކްސިޑެންޓްވި މޮޓޯސައިކަލްގެ ސަވާރާ ވެސް ވަނީ މަރުވެފައެވެ.
މި ބަހުގައި ޖުމުލަ 44 ޕެސެންޖަރުން ތިއްބެވެ. އެމީހުން ދަތުރުކުރަމުން ދިޔައީ ޓެލަންގަނާ ސްޓޭޓްގެ ހައިދަރުއާބާދުން ކަރްނާޓަކާ ސްޓޭޓްގެ ބެންގަލޫރަށް ކަމަށް މައުލޫމާތު ލިބިފައިވެއެވެ. އެކްސިޑެންޓް ހިނގާފައިވަނީ ހައިދަރުއާބާދުން 210 ކިލޯމީޓަރު ދެކުނަށް އޮންނަ، ކުރުނޫލް ކައިރީގައިވާ ޗިއްނަތެކޫރު ކިޔާ ރަށެއްގައެވެ. މި ހާދިސާގެ ތަހުގީގު ކުރުމަށް ފޮރެންސިކް މާހިރުންގެ ޓީމެއް ދަނީ މަސައްކަތް ކުރަމުންނެވެ.
މި ހާދިސާގައި މަރުވިމީހުންގެ އާއިލާތަކަށް އިންޑިއާގެ ބޮޑު ވަޒީރު ނަރެންދުރަ މޯދީއާއި އަންދްރާ ޕްރަދޭޝްގެ އިސް ލީޑަރެއް ކަމަށްވާ
އެން. ޗަންދްރަބާބޫ ނާއިޑޫ ވަނީ ތައުޒިޔާ ފޮނުއްވާފައެވެ. މި ހާދިސާއަކީ އިންޑިއާގައި މި ދެ ހަފްތާގެ ތެރޭގައި މިފަދަ ދެވަނަ ނުރައްކާތެރި ހާދިސާއެވެ. މީގެ ދެ ހަފްތާ ކުރިން އުތުރު އިންޑިއާގެ ރާޖަސްތާނުގައި ބަހެއްގައި ޝޯޓް ސަރކިޓެއްގެ ސަބަބުން އަލިފާން ރޯވެ، 20 މީހުން ވަނީ މަރުވެފައެވެ.