ދުނިޔެ

ތުރުކީގެ އިދިކޮޅު ލީޑަރު މަޤާމުން ވަކިކުރުމަށް ހުށަހެޅި ކޮރަޕްޝަންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ތުރުކީގެ އިދިކޮޅު ލީޑަރު މަޤާމުން ވަކިކުރުމަށް ހުށަހެޅި ކޮރަޕްޝަންގެ މައްސަލަ ކޯޓުން ބޭރުކޮށްލައިފި

ތުރުކީވިލާތުގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު، އޮޒްގޫރް އޮޒެލް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

24 އޮކްޓޯބަރު 2025، 06:30

24 އޮކްޓޯބަރު 2025، 06:30

ތުރުކީވިލާތިުގެ އިދިކޮޅު މައި ޕާޓީގެ ލީޑަރު، އޮޒްގޫރް އޮޒެލް މަޤާމުން ވަކިކުރުމަށް އެދި ހުށަހަޅާފައިވާ ކޮރަޕްޝަންގެ މައްސަލައެއް، އެ މައްސަލައިގައި އަސާސެއް ނެތް ކަމަށް ނިންމައި ތުރުކީގެ ކޯޓަކުން ބޭރުކޮށްލައިފިއެވެ. 

ރިޕަބްލިކަން ޕީޕަލްސް ޕާޓީ (ސީއެޗްޕީ) އާ ދެކޮޅަށް ހުށަހެޅުނު މި މައްސަލައިގައި ތުހުމަތުކޮށްފައިވަނީ، 2023 ވަނަ އަހަރު ބޭއްވި އެ ޕާޓީގެ ކޮންގްރެސްގައި ވޯޓު ގަތުމާއި އިޖުރާއީ ގޮތުން ހުރި މައްސަލަތަކެކެވެ.

އަލްޖަޒީރާއިން ބުނެފައިވާ ގޮތުގައި އަންކާރާގެ ކޯޓަކުން ހުކުރު ދުވަހު މި މައްސަލަ ބޭރުކޮށްލީ، އެ މައްސަލައިގައި "އަސާސެއް ނެތް" ކަމަށް ވާތީއެވެ. ޕާޓީގެ ކުރީގެ މެންބަރަކު ފެބްރުއަރީ މަހު ހުށަހެޅި މި މައްސަލައިގެ މަޤްސަދަކީ، 51 އަހަރުގެ އޮޒެލް ޗެއާމަނަކަށް އިންތިޚާބުކުރި ކޮންގްރެސްގެ ނަތީޖާ ބާތިލްކުރުމެވެ. މިކަން ހިނގައިފައިވަނީ ކޮރަޕްޝަންގެ ތުހުމަތުގައި އެތައް ސަތޭކަ ޕާޓީ މެންބަރުން މި އަހަރު ޖަލަށްލާފައިވާ ދަނޑިވަޅެއްގައެވެ.

ރޮއިޓާސް ނިއުސް އެޖެންސީގެ ރިވިއުއަކަށް ބަލާއިރު، ތުރުކީގެ ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން ވަނީ، މިދިޔަ އަހަރުގެ ތެރޭގައި އިސްތަންބޫލް އަދި ސީއެޗްޕީން ހިންގާ އެހެން ކައުންސިލްތަކުން 16 މޭޔަރުން ވެސް ހިމެނޭ ގޮތަށް 500 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައެވެ. އެއެންމެންނަކީވެސް ކޮރަޕްޝަންގެ ތުހުމަތު ކުރެވޭ މީހުންނެވެ. 

މިގޮތުން، 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ސީއެޗްޕީގެ ކެންޑިޑޭޓް، އިސްތަންބޫލްގެ މޭޔަރު އެކްރެމް އިމާމޮލޫ، މިދިޔަ މާޗް މަހު ކޮރަޕްޝަންގެ ތުހުމަތުގައި ހައްޔަރުކުރިއެވެ. އެކަމަކު އޭނާ އެ ތުހުމަތު ދޮގުކުރައްވައެވެ. މިކަމާ ގުޅިގެން ތުރުކީގައި ވޭތުވެދިޔަ އެއް ދިހަވަހަރަށްވުރެ ގިނަ ދުވަހުގެ ތެރޭގައި އެންމެ ބޮޑަށް މުޒާހަރާތައް ކުރިއަށް ދިޔައިރު، ޤައުމީ ފައިސާ، “ލިރާ”ގެ އަގު ވަރަށް ބޮޑަށް ދަށްވިއެވެ.

މި މަހުގެ ކުރީކޮޅު، ސީއެޗްޕީގެ ޕްރޮވިންޝަލް ކޮންގްރެސްއެއްގައި ޑެލިގޭޓުންގެ ވޯޓުތަކަށް ފައިސާގެ މުއާމަލާތްތަކުގެ އަސަރުކޮށްފައިވާ ކަމަށް ކޯޓަކުން ނިންމުމަށްފަހު، އެ ޕާޓީގެ އިސްތަންބޫލްގެ ހެޑް މަޤާމުން ވަކިކުރިއެވެ. އޭގެ ފަހުން، އެ މަޤާމަށް ކޯޓުން ކަނޑައެޅި މީހާ ވެސް ޕާޓީން ވަކިކުރިއެވެ.

ތުރުކީގެ ސަރުކާރުން ބުނަނީ، އެ ޤައުމުގެ ޢަދާލަތުގެ ނިޒާމަކީ މިނިވަން ނިޒާމެއް ކަމަށާއި، އެއްވެސް ތަހުޤީޤެއް ސިޔާސީ މަގްސަދެއްގައި ކުރަމުން ނުދާ ކަމަށެވެ. އެރުދޯގަން ސިފަކުރައްވާ ގޮތުގައި، މި ކޮރަޕްޝަންގެ ކަންކަމަކީ "އެކި އަތްފައި ތުރުކީގެ އެހެން ބައިތަކަށް އަދި ބޭރުގެ ޤައުމުތަކަށް ފެތުރިފައިވާ ބޮލުގެ ނާރުތަކެއް" ކަހަލަ ކަމެކެވެ. 2028 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބަށް ބަލާއިރު، ގިނަ ޕޯލްތަކުން ދައްކާ ގޮތުގައި ސީއެޗްޕީއާއި ރަޖަބް ޠައްޔިބް އުރްދުޣާންގެ އޭކޭ ޕާޓީއާ ދެމެދު ވަރަށް ބޮޑު ވާދަވެރިކަމެއް އޮތް ކަމަށް ވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން