ޚަބަރު
އެމެރިކާއިން ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ބައިލައްކައަށް އަރައިފި
ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންތަކެއް
އެމެރިކާއިން ރާއްޖެއަސް ޒިޔާރަތްކުރި ފަތުރުވެރިންގެ ޢަދަދު ބައިލައްކައަށް އަރައިފިއެވެ.
މި ކާމިޔާބީއާއެކު މިހާރު އެމެރިކާއަކީ ރާއްޖެއަށް ޒިޔާރަތްކުރާ ގައުމުތަކުގެ ތެރޭގައި 7 ވަނައަށް އެންމެ ގިނަ ފަތުރުވެރިން އަންނަ މާކެޓެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާއިން އާންމުކޮށްފައިވާ އަންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުން، މިމަހުގެ 21 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއަށް ޖުމްލަ 1,763,319 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު %10 ގެ ކުރިއެރުމެކެވެ. މިއަދަދުތަކުން ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތް ދަނީ ވަރަށް ހަލުވިކަމާއެކު ކުރިއަރަމުންކަން ހާމަވެއެވެ.
ވުޒާރާގެ ތަފާސްހިސާބުތަކުން ހާމަކުރާ ގޮތުގައި، އެމެރިކާއިން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު ވަނީ 51,021 އަށް އަރާފައެވެ. މި އަދަދަކީ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ %2.9 އެވެ. އެމެރިކާގެ ބޮޑު މާކެޓް ރާއްޖެއަށް ހުޅުވޭ މިންވަރު އިތުރުވަމުން ދިއުމަކީ، ދުރު ރާސްތާ މާކެޓްތަކުން ލިބޭ އާމްދަނީ އިތުރުވާނެ ކަމެއް ކަމަށް އެގޮތުގެ މާހިރުން ދެކެއެވެ.
ފަތުރުވެރިންގެ ޢަދަދު ގިނަ މާކެޓްތަކުގެ ތެރޭގައި މިހާރުވެސް އިސްކޮށް އުޅެނީ ޗައިނާއެވެ. ޗައިނާއިން 287,274 ފަތުރުވެރިން އައިސްފައިވާއިރު، ދެވަނާގައި އޮތީ ރަޝިއާއެވެ. އެގޮތުން އެންމެ ގިނައިން ފަތުރުވެރިން އައި ފަސް ގައުމަކީ: ޗައިނާ (287,274)، ރަޝިއާ (216,621)، އިނގިރޭސިވިލާތް (155,136)، ޖަރުމަނުވިލާތް (129,477)، އަދި އިޓަލީ (117,614) އެވެ.
މީގެ އިތުރުން، މި އަހަރު ރާއްޖެއަށް އައި ފަތުރުވެރިންގެ ތެރެއިން އެންމެ ބޮޑު ބައި ކަމަށްވާ %73.7 ފަތުރުވެރިން ވަނީ ޗުއްޓީ ހޭދަކޮށްފައިވަނީ ރިސޯޓްތަކުގައެވެ. ދެވަނައަށް އެންމެ ގިނަ ފަތުރުވެރިން ޗުއްޓީ ހޭދަކުރީ ގެސްޓްހައުސްތަކުގައި (%21.5) އެވެ.
ސަރުކާރުން މިއަހަރުގެ ފަތުރުވެރިކަމުގެ އަމާޒަކަށް ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ. މިހާތަނަށް 1.7 މިލިއަނަށް ވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކުރުމުން، މި އަމާޒަށް ވާސިލްވުމަށް ދެން ބޭނުންވަނީ ގާތްގަނޑަކަށް 600,000 ފަތުރުވެރިންނެވެ. މިހާރު ރާއްޖެއަށް ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 6,000 އަށްވުރެ ގިނަ ފަތުރުވެރިން އަންނަ ކަމަށް ތަފާސްހިސާބުތައް ދައްކާތީ، މި އަހަރުގެ ނިޔަލަށް އަމާޒު ހާސިލްވާނެ ކަމަށް ބެލެވެއެވެ.