ޚަބަރު
ޤައުމަށް ލިބުނު ނަޞްރަކީ މާތް ﷲގެ ޙަޟްރަތުން ލިބުނު ނަޞްރެއް: ރައީސް މައުމޫން
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޢިއްޒު އަދި ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ފޮޓޯ:ރައީސް އޮފީސް
ޤައުމަށް ލިބުނު ނަޞްރަކީ މާތް ﷲގެ ޙަޟްރަތުން ލިބުނު ނަޞްރެއް ކަމުގައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. މިފަދަ ހަނދާނެއް އާކުރާ އިރު، އަޅުގަނޑުމެން އަބަދުވެސް ހަނދާން ބަހައްޓަންވީ ކަމަކީ އެދުވަހު ދިވެހި ޤައުމަށް ލިބުނު ނަޞްރަކީ މާތް ﷲގެ ޙަޟްރަތުން ލިބުނު ނަޞްރެއްކަމެވެ.
ރައީސް މައުމޫން މިހެން ވިދާޅުވީ އިއްޔެ ރޭ ބޭއްވުނު ޚާއްޞަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. އެމަނިކުފާނު ވިދާޅުވީ ކީރިތި ޤުރުއާނުގައި މާތް ﷲ އަންގަވާފައިވާ ފަދައިން ނަޞްރަކީ ހަމަ އެކަނި މާތް ﷲގެ ޙަޟްރަތުން ލިބޭ އެއްޗެއްކަމެވެ.
"وَمَا النَّصْرُ إِلَّا مِنْ عِندِ اللَّهِ ۚ إِنَّ اللَّهَ عَزِيزٌ حَكِيمٌ - الأنفال 10"
"އަދި ﷲގެ ޙަޟްރަތުން މެނުވީ، ނަޞްރު ލިބުމެއް ނުވެއެވެ. ހަމަކަށަވަރުން، ﷲއީ، ޢަޒީޒުވަންތަ، ޙަކީމްވަންތަ ރަސްކަލާނގެއެވެ."
އަލްއަންފާލް ސޫރަތުގެ 10 ވަނަ އާޔަތް މާނައާއި އެކު ވިދާޅުވުމަށްފަހު މިއީ އަޅުގަނޑުމެން ޤަބޫލުކުރަން ޖެހޭ ވަރަށް ބޮޑު ޙަޤީޤަތެއްކަން ރައީސް މައުމޫން ވިދާޅުވިއެވެ.
އެމަނިކުފާނު އިތުރަށް ވިދާޅުވީ މިކަމުން އަޅުގަނޑުމެންގެ އަމިއްލަ ސަލާމަތާއި ރައްކާތެރިކަމަށްޓަކައިވެސް އަޅުގަނޑުމެންގެ އީމާންކަން ވަރުގަދަ ކުރަން ޖެހޭ ކަމަށެވެ. އަދި އަޅުގަނޑުމެންގެ ހިތްތަކުގައި ﷲ ސުބުޙާނަހޫ ވަތަޢާލާ އަށް އޮންނަ އީމާންކަމާއި ލޯބި އިތުރު ކުރަން ޖެހޭ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ގިނަ އަދަދެއްގެ ސަރުކާރުގެ އިސް ބޭފުޅުންނާއި، ޢާންމު ރައްޔިތުން ބައިވެރިވެ ވަޑައިގެންނެވިއެވެ.