ޚަބަރު
އައްޑޫގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ވޯޓު ނަގަން ފަށައިފި
އައްޑޫ ސިޓީގެ ވޯޓުލުން / ފޮޓޯ: ޕީއެސްއެމް
ފަރުދުން
25 އޮކްޓޯބަރު 2025، 09:05
25 އޮކްޓޯބަރު 2025، 09:05
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓުލުން ފަށައިފިއެވެ.
އިލެކްޝަންސް ކޮމިޝަނުން ހާމަކޮށްފައިވާ ގޮތުގައި އައްޑޫސިޓީ ފޭދޫ، ހުޅުދޫ އާއި މީދޫގެ ހުރިހާ ވޯޓު ފޮއްޓެއްގައި ވެސް ވޯޓުލުން މިހާރު ވަނީ ފަށާފައެވެ.
އައްޑޫ ސިޓީގެ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ މި ވޯޓު ކުރިޔަށް ދާނީ މިއަދު ހަވީރު 4:00އާ ހަމައަށެވެ.
މިއަދު ކުރިއަށްގެންދާ އައްޑޫ ސިޓީގެ ފޭދޫ، ހުޅުދޫ އަދި މީދޫ ރައްޔިތުންގެ ޚިޔާލު ހޯދުމަށް ނަގާ ޢާންމު ވޯޓު 2025 - ވަޯޓުނެގުން ފެށިގެން ކުރިއަށްދަނީ pic.twitter.com/xtDLMNnRB1
— Elections Commission (@ElectionsMv) October 25, 2025
މި ވޯޓަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން އެކަން ޙައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ވޯޓުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މި ތިން ރަށުގެ ރައްޔިތުން ނިންމައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެ ކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެހެންވެއްޖެނަމަ، މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތަކަށް އެ ބަޖެޓު ބެހިގެންދާނެކަމަށް ވިދާޅުވިއެވެ.
މި ވޯޓުގައި ޖުމްލަ 9،576 މީހަކަށް ވޯޓުލުމުގެ ޙައްގު ލިބިގެންވާއިރު ފޭދޫ އާއި ހުޅުދޫ އާއި މީދޫ އަދި މާލޭގައި 18 ވޯޓު ފޮށި ވަނީ ބަހައްޓާފައެވެ. އެއީ، ފޭދޫގައި 5 ވޯޓު ފޮށި، ހުޅުދޫގައި 3 ފޮށި، މީދޫގައި 3 ފޮށި އަދި މާލޭގައި 7 ފޮއްޓެވެ.
އިލެކްޝަންސް ކޮމިޝަނުން އާންމުކޮށްފައިވާ މައުލޫމާތުން ދައްކާގޮތުގައި ފޭދޫގައި ބަހައްޓާފައިވާ 5 ވޯޓު ފޮއްޓަށް 2،835 މީހަކު ވަނީ ވޯޓުލުމަށް ރަޖިސްޓްރީކޮށްފައެވެ. އަދި ހުޅުދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1242 މީހުން ރަޖިސްޓްރީކޮށްފައިވާއިރު މީދޫގައި ބަހައްޓާފައިވާ 3 ފޮއްޓަށް 1،618 މީހުން ވަނީ ރަޖިސްޓްރީކޮށްފައެވެ.
މީގެ އިތުރުން މާލޭގައި ބަހައްޓާ ފޭދޫ، ހުޅުދޫ އަދި މީދޫގެ ފޮށިތަކަށް 3،881 މީހުން ރަޖިސްޓްރީކޮށްފައިވާ ކަމަށްވެސް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއްވައެވެ.