ޚަބަރު
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރުމަށް އުޅުނު 4 މީހަކު ހައްޔަރުކޮށްފި
ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރުމަށް އުޅުނު 4 މީހުން---
ފަރުދުން
25 އޮކްޓޯބަރު 2025، 11:01
25 އޮކްޓޯބަރު 2025، 11:01
ގއ. ކޮލަމާފުއްޓަށް މަސްތުވާތަކެތި އެތެރެކުރަން އުޅެނިކޮށް 4 މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި މީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔައީ ފުލުހުންނަށް ލިބުނު މައުލޫމާތަކާއި ގުޅިގެން 23 އޮކްޓޯބަރުގައި ހިންގި އޮޕަރޭޝަނަކަށް ފަހުއެވެ. މި އޮޕަރޭޝަނުގައި މި މީހުން އެ ރަށަށް ދިޔަ ލޯންޗު ބަލާފާސްކުރިއިރު، އޭގެން މަސްތުވާތަކެތިކަމަށް ބެލެވޭ ގިނަ އަދަދެއްގެ ތަކެތި ވަނީ ފެނިފައެވެ.
މި މައްސަލައާއި ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށައް ގެނެސްފައިވަނީ:
ގއ. ކޮލަމާފުށި، ކައުސަރު/ އުމުރުން 26 އަހަރުގެ ހަސަން ރައްޔާން ރާޝިދު
ގއ. ކޮލަމާފުށި، ސޯސަންގޭ/ އުމުރުން 22 އަހަރުގެ އިސްމާއިލް ހައިޒަމް ހަބީބް
ގއ. ކޮލަމާފުށި، ޝަބްނަމްގޭ/ އުމުރުން 25 އަހަރުގެ އަލީ ޖަނާހް ޖައުފަރ
ގއ. ކޮލަމާފުށި، ލީނާ މަންޒިލް/ އުމުރުން 19 އަހަރުގެ އިބްރާހިމް އަޒާން މުޙައްމަދު
މި މީހުންގެ އަތުން މަސްތުވާތަކެތިކަމަށް ބެލެވޭ އެއްޗެއް ހުރި 30 ރަބަރު ޕެކެޓާއި ފިލްމް ހުސްކުރި 2 ދަޅު ވަނީ ފެނިފައެވެ. އެކެއްގެ ހަށިގަނޑު ބަލާ ފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި 7 ސެލޯފެން ފެނިފައިވާކަމަށް ވެސް ފުލުހުން ހާމަކުރިއެވެ. މިތަކެތީގެ ވަގުތީ ބަރުދަނުގައި 44.83 ގްރާމް ހުއްޓެވެ.
މި މައްސަލައިގައި ހައްޔަރުކޮށްފައިވާ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން އިސްމާއިލް ހައިޒަމްގެ ބަންދަށް 12 ދުވަސް އަދި އަނެއް 3 މީހުންގެ ބަންދަށް 7 ދުވަސް ވަނީ ޖަހާފައެވެ. މި މައްސަލަ ފުލުހުން ދަނީ ތަހުގީގުކުރަމުންނެވެ.