ކުޅިވަރު
އޭޝިއަން ޔޫތު ގޭމްސް: ސަރަޙައްދީ މުބާރާތެއްގައި ފުރަތަމަ ބަހަރަށް ރާއްޖޭގެ ބީޗް ވޮލީ ޓީމަކުން ކުއާޓާރއަށް
އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ރާއްޖޭގެ ބީޗް ވޮލީ ޓީމް ގްރޫޕްގެ ފަހު މެޗުގައި ބައްދަލުކުރީ ތައިލެންޑްއާ / ފޮޓޯ: އެމްއޯސީ
ސަރަޙައްދީ މުބާރާތެއްގައި ފުރަތަމަ ބަހަރަށް ދިވެހިރާއްޖޭގެ ބީޗް ވޮލީ ޓީމަކުން ކުއާޓާރފައިނަލުގެ ޖާގަ ހޯދައިފިއެވެ.
މި ޝަރަފު ހޯދާފައި މިވަނީ ބަޙްރެއިންގައި މިހާރު ކުރިޔަށްދާ އޭޝިއަން ޔޫތު ގޭމްސްގައި ވާދަކުރާ ދިވެހިރާއްޖޭގެ އަންހެން ބީޗް ވޮލީ ޓީމުންނެވެ. މި އިވެންޓުގައި ރާއްޖެ ތަމްސީލު ކުރަމުން އަންނަނީ އައިޝަތު ދީމާ ނަދީމް އާއި އަޒްކާ ބިންތު މުޙައްމަދު ސިދުގީގެ ޕެއަރއިންނެވެ.
މި ޕެއަރ ކުއާޓާއިން ޖާގަ ހޯދީ 7 ޕޮއިންޓާއެކު ގްރޫޕް-ބީގެ ތިން ވަނަ ހޯދައިގެންނެވެ. މި ގްރޫޕްގައި ރާއްޖެއިން ކުޅުނު 5 މެޗުގެ ތެރެއިން 2 މެޗު ވަނީ ކާމިޔާބުކޮށްފައެވެ. މި ގްރޫޕްގެ 4 ވަނައަށް ދިޔަ މޮންގޯލިއާ އާއި 5ވަނައަށް ދިޔަ ޖޯޑަންއަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ. އެހެންނަމަވެސް ރާއްޖެއަށް ތިންވަނަ ލިބުނީ މެޗުތަކުގައި ހޯދި ސެޓުތަކާއި ކާމިޔާބުކުރި ޕޮއިންޓަށް ބަލައިގެންނެވެ.
އެގޮތުން ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި، އެއްވަނައަށް ދިޔަ ތައިލޭންޑާ ދެކޮޅަށް ރާއްޖެއިން ވަނީ ރަނގަޅު ސްކޯއެއްކޮށްފައެވެ. އެ މެޗުގެ ފުރަތަމަ ސެޓު ތައިލޭންޑުން ކާމިޔާބުކުރީ 7 - 21 އިންނެވެ. އެހެންނަމަވެސް ދެވަނަ ސެޓުގައި ދިވެހި ޓީމުން 11 ޕޮއިންޓް ހޯދުމަކީ ގްރޫޕްގައި ކުރިއަށް ޖެހިލުމަށް ލިބުނު ބާރެކެވެ. ދެވަނަ ސެޓު ދިޔައީ 11 - 21 އިންނެވެ.
ކުއާޓާ ފައިނަލްގައި ރާއްޖެއިން ވާދަކުރާނީ ކަޒަކިސްތާންއާއެވެ. އެ މެޗު ފަށާނީ ރާއްޖެ ގަޑިން އިރުއޮއްސި 6:00ގައެވެ.
މި އިވެންޓުން ފުރަތަމަ ކުއާޓާގައި ބައްދަލު ކުރާނީ މޮންގޯލިއާ އާއި ޗައިނާއެވެ. ދެވަނަ ކުއާޓާގައި މެލޭޝިއާ އާއި އިންޑޮނޭޝިއާ ކުޅުމަށް ހަމަޖެހިފައިވާއިރު ތިން ވަނައަށް އޮންނާނީ ރާއްޖެ ކުޅޭ މެޗެވެ. އަދި ފަހު މެޗުގައި ބައްދަލުކުރާނީ ސްރީ ލަންކާ އާއި ތައިލޭންޑެވެ.