ޚަބަރު
އައްޑޫ ސިޓީގެ ފެންނަ ނުފެންނަ ވޯޓުގައި މެންދުރާ ހަމައަށް ވޯޓު ލާފައި ވަނީ %17 މީހުން
އައްޑޫ ސިޓީގައި ވޯޓުލުން ކުރިޔަށް ދަނީ / ފޮޓޯ: ޕީއެސްއެމް ނިއުސް
އައްޑޫ ސިޓީގައި ވަކިވަކި ކައުންސިލްތައް އުފެއްދުމާ ގުޅޭ ގޮތުން ރައްޔިތުންގެ ޚިޔާލު ހޯދުމުގެ ވޯޓު މިއަދު ކުރިޔަށްދާއިރު، މެންދުރު 12:00އާ ހަމައަށް ވޯޓުލާފައި ވަނީ 17 އިންސައްތަ މީހުންކަން، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ އަދާހަމަ މަޢުލޫމާތުން ހާމަވެއްޖެއެވެ.
މިއަދު ހެނދުނު 8:00އިން ފެށިގެން ވޯޓުލުން ކުރިޔަށްދާއިރު، މެންދުރާ ހަމައަށް ވޯޓުލާފައި ވަނީ 1،661 މީހުންނެވެ. އެއީ 789 އަންހެނުންނާއި 872 ފިރިހެނުންނެވެ.
ވޯޓު ފޮށިތައް ބަންދުކުރުމަށް ބާކީ 4 ގަޑިއިރު އޮތްއިރު، ވޯޓުލުމުގެ ހައްޤު ލިބިފައިވާ މީހުންގެ ތެރެއިން މިހާތަނަށް ވަނީ 7،915 މީހުން ވޯޓު ނުލައެވެ. އެއީ 82 އިންސައްތަ މީހުންނެވެ.
ފެންނަ ނުފެންނަ މި ވޯޓުގައި ޖުމްލަ 9،576 މީހުންނަށް ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވެއެވެ. އެއީ 4،684 އަންހެނުންނާއި 4،892 ފިރިހެނުންނެވެ.
މި ވޯޓަކީ ރިޔާސީ އިންތިޚާބުގެ ދުވަސްވަރު، ހުޅުދޫ، މީދޫ އަދި ފޭދޫގެ ރައްޔިތުންގެ ފަރާތުން ވަކި ކައުންސިލުތައް ހެދުމުގެ މައްސަލައިގައި ޙައްލެއް ހޯއްދަވައިދެއްވުމަށް އެދިވަޑައިގެންފައި އޮތުމުން އެކަން ޙައްލުކޮށްދެއްވުމަށް ވެވަޑައިގެންފައިވާ ވަޢުދާއި އެއްގޮތަށް ޤާނޫނީ ނިޒާމުގެ ތެރެއިން ނަގާ ފެންނަ ނުފެންނަ ވޯޓެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ވިދާޅުވެފައެވެ.
އެގޮތުން މި ވޯޓުގައި ވަކި ކައުންސިލްތަކެއް ހެދުމަށް މި ތިން ރަށުގެ ރައްޔިތުން ނިންމައިފިނަމަ ވަކި ކައުންސިލުގެ ހުރިހާ ހައިސިއްޔަތެއް އެ ކައުންސިލުތަކަށް ލިބިވަޑައިގަންނަވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. އަދި އެހެންވެއްޖެނަމަ، މިހާރު މުޅި ސިޓީ ކައުންސިލަށް އޮންނަ އެއް ބަޖެޓްގެ ބަދަލުގައި ވަކި ކައުންސިލުތަކަށް އެ ބަޖެޓު ބެހިގެންދާނެކަމަށް ވިދާޅުވިއެވެ.