ދީން
ރިޒްޤު ތަނަވަސްވުމަށް އެދޭނަމަ އިސްތިޣުފާރު ގިނަކުރޭ!
މީހަކު ދުޢާކުރަނީ
އިސްތިޣުފާރު ނުވަތަ ފާފަ ފުއްސެވުމަށް އެދި ދެންނެވުމަކީ، ރިޒްޤު ތަނަވަސްވުމާއި، ދުޢާތައް އިޖާބަކުރެއްވުމަށް މަގުފަހިކޮށްދޭ ޢަމަލެކެވެ.
ތިމާ މާތް ﷲ ހަޟުރަތުން ކަމަކު އެދޭއިރު، ތިމާގެ ޢަމަލުތައް ހުރީ އެ ކަލާނގެ ރުއްސަވާ ގޮތަށް ތޯ ވިސްނާލަން ޖެހެއެވެ. މި ކަން ބަޔާންކުރައްވައި، ސަލާމާއި ޞަލަވާތް ލެއްވި ރަސޫލުﷲގެފާނު ޙަދީޘްފުޅުކުރެއްވި ބަސްފުޅެއްގައި ވެއެވެ: "ދެން އޭނާ އުޑާ ދިމާއަށް އަތް އުފުލަތެވެ. ޔާ ރައްބި ޔާ ރައްބި އެވެ. އެކަމަކު އޭނާގެ ކެއިމަކީ ޙަރާމެވެ. އޭނާގެ ބުއިމަކީ ޙަރާމެވެ. އޭނާގެ ފޭރާމަކީ ޙަރާމެވެ. އަދި އޭނާއަށް ހަކަތަ ލިބިފައިވަނީ ޙަރާމުންނެވެ. ދެން ފަހެ އޭނާއަށް އިޖާބަދެވޭނީ ކިހިނަކުން ހެއްޔެވެ؟" (ރިވާކުރެއްވީ މުސްލިމް).
މި ޙަދީޘް ބަސްފުޅުން ދޭހަވާ ގޮތުގައި، ތިމާ މާތް ﷲ ޙަޟްރަތުގައި އެދުމަކު ދަންނަވާއިރު، ތިމާ އެ ކަލާނގެ ނަހީކުރެއްވި ކަންކަމުން ދުރުހެލިވެފައިވާކަން ޔަޤީންކުރަން ޖެހެއެވެ. އިންސާނުން އެކެއް އަނެކެއް ގާތުގައި ވެސް ކަމަކަށް އެދޭއިރު، އެދެވުނު މީހާ ނުރުހޭ ކަންކަން އެދުނު މީހާ ކުރާ ކަމުގައި ވަނީ ނަމަ، އޭނާއަށް އެ ކަން ފުއްދައިދިނުމަށް އެދެވުނު މީހާ ބޭނުމެއްނުވާނެއެވެ. ފަހެ، މާތް ﷲގެ ޢިއްޒަތަކީ އިންސާނުންގެ ޢިއްޒަތަށް ވުރެ މާ މަތިވެރި ޢިއްޒަތެކެވެ.
ވީމާ، ތިމާގެ ރިޒްޤު ތަނަވަސްކޮށްދެއްވުމަށް އެދި ދަންނަވާއިރު، ތިމާއަށް ކުރެވިފައިވާ ޙަރާމް ކަމެއް ވާ ނަމަ އެ ކަމަކަށް މާތް ﷲ ޙަޟްރަތުން ޢަފޫކުރެއްވުމަށް އެދެން ޖެހެއެވެ. އަދި މި ވަޤުތު ކުރެވެމުންދާ ނަމަ އެ ކަމެއް ހުއްޓައިލަން ޖެހެއެވެ.
މީގެ އިތުރުން، އިސްތިޣުފާޜު ގިނަކުރުމުން ރިޒްޤު ތަނަވަސްވުމަށް މަގުފަހިވާކަން ކީރިތި ޤުރުއާނުގެ ބައެއް އާޔަތްތަކުން ވެސް އަޅުގަނޑުމެންނަށް އެނގެއެވެ.
އެ ގޮތުން، ނޫޙު ސޫރަތުގެ 10ވަނަ އާޔަތުން 12ވަނަ އާޔަތަށް މާތް ﷲ ވަޙީކުރައްވާފައިވެއެވެ:
فَقلت اسْتَغْفِرُوا رَبَّكُمْ إِنَّهُ كَانَ غَفَّارًا يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا وَيُمْدِدْكُمْ بِأَمْوَالٍ وَبَنِينَ وَيَجْعَلْ لَكُمْ جَنَّاتٍ وَيَجْعَلْ لَكُمْ أَنْهَارًا
މާނައީ: "ފަހެ ތިމަންކަލޭގެފާނު (ނޫޙުގެފާނު) ވިދާޅުވީމެވެ: ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދޭށެވެ. ހަމަކަށަވަރުން، އެ ކަލާނގެއީ ގިނަގިނައިން ފާފަ ފުއްސަވާ ކަލަކު ކަމުގައި ވޮޑިގެންވިއެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތަނަވަސްކޮށް ވާރޭ ފޮނުއްވާނެތެވެ. އަދި މުދާތަކާއި، ދަރިންގެގޮތުން، އެ ކަލާނގެ ތިޔަބައިމީހުންނަށް ގިނަކަން ދެއްވާނެތެވެ. އަދި އެ ކަލާނގެ ތިޔަބައިމީހުންނަށްޓަކައި ބަގީޗާތައް ލައްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންނަށްޓަކައި ކޯރުތައް ވެސް ލައްވާނެތެވެ."
އަދި ހޫދު ސޫރަތުގެ 52ވަނަ އާޔަތުގައި ވެސް ނޫޙުގެފާނުގެ ދޫފުޅު މަތިން ވަޙީކުރައްވާފައިވެއެވެ:
وَيَاقَوْمِ اسْتَغْفِرُوا رَبَّكُمْ ثُمَّ تُوبُوا إِلَيْهِ يُرْسِلِ السَّمَاءَ عَلَيْكُمْ مِدْرَارًا
މާނައީ: "އޭ ތިމަންކަލޭގެފާނުގެ ޤައުމެވެ! ތިޔަބައިމީހުންގެ ވެރި ރަސްކަލާނގެ ޙަޟުރަތުން ފާފަ ފުއްސެވުމަށް އެދި، އެ ކަލާނގެއަށް ތިޔަބައިމީހުން ތައުބާ ވާށެވެ. އޭރުން އެކަލާނގެ ތިޔަބައިމީހުންގެ މައްޗަށް ތަނަވަސްކޮށް ވާރޭ ފޮނުއްވާނެތެވެ."
މި ސަބަބަށްޓަކައި، ވާރޭ ދަތިވާ ދުވަސްވަރު ކުރާ "އިސްތިސްޤާ" ނަމާދުގެ ޚުޠުބާ ވެސް، އިސްތިޣުފާޜުން ފަށައެވެ. އަދި އިސްތިސްޤާ ނަމާދުގެ ކުރިން، ތައުބާވެ ފާފަތަކާ ދުރުހެލިވުމަށް މުސްލިމުންގެ ވެރިމީހާ އަމުރުކުރައްވައެވެ. މި ކަމުގެ ސަބަބަކީ، އިސްވެ ދެންނެވުނު ފަދައިން، ފާފަތަކަކީ ދުޢާ އިޖާބަކުރެއްވުމަށް ހުރަސްއަޅާ ކަމަކަށް ވުމެވެ.
ރިވާވެގެންވާ ގޮތުގައި، މާތް ﷲ އެ ބޭކަލަކަށް ރުއްސުން ލެއްވި ޢުމަރުގެފާނުގެ އަރިހުގައި ވާރެއަށް އެދިވަޑައިގަންނަވަން މީސްތަކުން އެދުމުން، އެ ކަލޭގެފާނު ހަމައެކަނި އިސްތިޣުފާރު ކުރެއްވިއެވެ. އެ ހިނދު މީސްތަކުން ދެންނެވިއެވެ: "އޭ އަމީރުލްމުއުމިނީނެވެ. ކަލޭގެފާނު ވާރެއަށް އެދިވަޑައިގަންނަވާތީ ތިމަންމެން ނުދެކެމެވެ." އެ ހިނދު ޢުމަރުގެފާނު ވިދާޅުވީ، ވާރެއަށް އެދުމުގެ އެންމެ މޮޅު ގޮތަށް އެ ކަލޭގެފާނު އެދިވަޑައިގެންފައިވާ ކަމަށެވެ. އަދި މި ކަމުގެ ދަލީލެއްގެ ގޮތުން، އިސްވެ ނަންގަނެވުނު އާޔަތްތައް ކިޔަވާވިދާޅުވިއެވެ. (ރިވާކުރެއްވީ: ޢަބްދުއްރައްޒާޤު)
ވީމާ، ތިމާގެ ރިޒުޤު ތަނަވަސްވުމަށް އެދޭނަމަ، އަދި ތިމާގެ ދުޢާތައް ޤަބޫލުކުރެއްވުމަށް އެދޭނަމަ، ގިނަގިނައިން އިސްތިޣުފާރުކޮށް، ފާފަ ފުއްސެވުމަށް އެދި ދަންނަވާށެވެ. އެއަށް ފަހުގައި، ތިމާގެ އެދުންތައް އެ ކަލާނގެ ޙަޟުރަތުގައި ދަންނަވާށެވެ. އޭރުން އިޖާބަކުރެއްވުމާ ގާތްކަން ބޮޑުވާނެއެވެ.