ޚަބަރު
ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ޚިޔާލު ހޯދުމުގެ ސައްލާ 75% ރަށުގައި ނިންމާލައިފި
ކުރިމަގު ސައްލާ ނޮޅިވަރަންފަރުގައި ކުރިއަށް ދަނީ.
ފަރުދުން
25 އޮކްޓޯބަރު 2025، 03:45
25 އޮކްޓޯބަރު 2025، 03:45
ކުރިއަށް އޮތް 20 އަހަރަށް ދިވެހިރާއްޖޭގެ ތަރައްޤީގެ ރޭވުމެއް އެކުލަވައިލުމުގައި ޢާންމުންގެ ޚިޔާލު ހޯދުމަށް ބާއްވަމުން އަންނަ "ކުރިމަގު ސައްލާ" ރާއްޖޭގެ އާބާދުވެފައިވާ ރަށްތަކުގެ 75 ރަށުގައި ނިންމާލައިފިއެވެ.
މިހައިތަނަށް 16 އަތޮޅެއްގެ މީހުން ދިރިއުޅޭ އެންމެހައި ރަށްތަކުގައި "ކުރިމަގު ސައްލާ" ބާއްވާފައިވާއިރު، އެ އަތޮޅުތަކުގައި ހިމެނޭ ޖުމުލަ 142 ރަށުގެ 6،000އަށް ވުރެ ގިނަ މީހުންގެ މަޝްވަރާ ވަނީ ހޯދައިފައެވެ.
މި މަސައްކަތާ ޙަވާލުވެގެންވާ "ނެކްސިއާ"އިން ބުނީ، މިހާރު ސައްލާ ބޭއްވިފައިނުވަނީ 47 ރަށެއްގައި ކަމަށެވެ. ވީމާ، އެ ރަށްރަށުގައި ކުރޮއަށް އޮތް ހަފްތާއެއްހައި ދުވަސް ތެރޭ ބައްދަލުވުންތައް ބޭއްވުމަށް މަސައްކަތް ކުރާ ކަމަށް ނެކްސިއާއިން ބުނެއެވެ. އެ 47 ރަށް ނިމުމުން، އަތޮޅުތަކުގައި ބާއްވާ ސައްލާ ބައްދަލުވުންތައް ނިމުމަކާ ހަމައަށް ވާޞިލުވާނެއެވެ.
ނެކްސިއާ ކުންފުނިން އިތުރަށް ހާމަކުރާ ގޮތުގައި، ގްރޭޓަރ މާލެ ސަރަޙައްދުގެ ޢާންމުންގެ ލަފާ ހޯދުމަށް ބާއްވާ ބައްދަލުވުންތައް ފަށާނީ އަންނަ ނޮވެންބަރު މަހުގެ ފެށޭ ކޮޅުގައެވެ. މި ގޮތުން، މާލޭ ރަޢިއްޔަތުންގެ ޚިޔާލު ހޯދުން އޮންނާނީ ނޮވެންބަރު 7ވަނަ ދުވަހާއި 13ވަނަ ދުވަހެވެ. ހުޅުމާލޭގައި އޮންނާނީ 8ވަނަ ދުވަހާއި 14ވަނަ ދުވަހެވެ. އަދި ވިލިމާލޭގައި ބައްދަލުކުރުން ބޭއްވުމަށް ހަމަޖެހިފައިވަނީ 9ވަނަ ދުވަހުގައެވެ.
ޤައުމީ ތަރައްޤީގެ އޮނިގަނޑަށް ޢާންމުންގެ ޚިޔާލުގެ އިތުރުން، އެކި ދާއިރާތަކުގެ ފަންނީ މާހިރުންގެ ލަފާ ހޯދުން ވެސް ސަރުކާރުން ވަނީ ފަށާފައެވެ. އެ ގޮތުން، މާހިރުންނާ އެކު 20 ބައްދަލުވުމެއް ބޭއްވުމަށް ނިންމާފައިވާއިރު، އެކި ދާއިރާތަކުގެ މާހިރުންނާއެކު 60 މައުޟޫއަކަށް މަޝްވަރާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ބައްދަލުވުންތައް ނިމުމާ އެކު، މި ސައްލާތަކުގެ ތެރެއިން އެއްކުރެވޭ ޚިޔާލުތަކުގެ މައްޗަށް ސިޔާސަތުތައް ކަނޑައެޅުމުގެ މަސައްކަތް ފެށޭނެއެވެ. އެ ސިޔާސަތުތަކުގެ ތެރޭގައި، ކުރު މުއްދަތުތަކުގައި ހާޞިލުކުރާން އެދޭ ކަންކަމާއި، ދިގު ރާސްތާގެ ވިސްނުންތަކާއި، އެދެމެދުގެ އަމާޒުތައް ހިމެނޭނެއެވެ.