ޚަބަރު
ސިނގިރޭޓު ކޮންޓެއިނަރުތަކުގެ މައްސަލާގައި އިތުރު 3 މީހަކު ހައްޔަރުކޮށްފި
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލް---
ފަރުދުން
26 އޮކްޓޯބަރު 2025، 09:20
26 އޮކްޓޯބަރު 2025، 09:20
މޯލްޑިވްސް ޕޯޓްސް ލިމިޓެޑްގެ ހުޅުމާލޭ އިންޓަރނޭޝަނަލް ޓާރމިނަލްގައި ހުއްޓާ ގެއްލުނު ދެ ކޮންޓެއިނަރ ސިނގިރޭޓުގެ މައްސަލައާ ގުޅިގެން އިތުރު ތިން މީހަކު ހުކުރު ދުވަހު ހައްޔަރުކޮށްފިއެވެ.
މި މައްސަލައާ ގުޅިގެން އެންމެ ފަހުން ހައްޔަރު ކޮށްފައިވަނީ ހދ. ވައިކަރަދޫ، ނޫރަލީގެ އުމުރުން 42 އަހަރުގެ އަޙްމަދު ޝަހީމް އާއި ސ. ހިތަދޫ، ޗާނދަނީގެ އުމުރުން 35 އަހަރުގެ ޙުސައިން ސާމިޙު އަދި މާލެ، ހ. ރުމޭނިޔާ އުމުރުން 35 އަހަރުގެ އަޙްމަދު ފިރުސާންއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފައިވާ ގޮތުގައި، އެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން އަޙްމަދު ޝަހީމް އާއި ޙުސައިން ސާމިޙު 7 ދުވަހަށް ބަންދު ކުރުމަށް އަދި އަޙްމަދު ފިރުސާން 5 ދުވަހަށް ބަންދު ކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މީގެ އިތުރުން، މި މައްސަލައިގައި ކުރިން ހައްޔަރުކުރި މުޙައްމަދު ވަޙީދުގެ ބަންދާމެދު ގޮތެއް ނިންމުމަށް 2 ވަނަ ފަހަރަށް ހާޒިރު ކުރުމުން ޝައީޢަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާކަމަށް ވެސް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އެހެންކަމުން މި މައްސަލައާ ގުޅިގެން މިހާރު މިވަނީ ޖުމްލަ 8 މީހަކު ހައްޔަރުކޮށްފައެވެ. އެއީ:
- އަޙުމަދު ޢާރިފް (61އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- މުޙައްމަދު ވަޙީދު (65އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- މުޢާޒު އަލީ (48އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- ޒިވާރު އިސްމާއީލް (40އ) – ހައްޔަރުކުރީ 14 އޮކްޓޫބަރު 2025ގައި
- ޙަސަން އަބްދުއްރަޙްމާން (52އ) – ހައްޔަރުކުރީ 21 އޮކްޓޫބަރު 2025ގައި
- އަޙްމަދު ޝަހީމް (42އ) – ހައްޔަރުކުރީ 24 އޮކްޓޫބަރު 2025ގައި
- ޙުސައިން ސާމިޙު (35އ) – ހައްޔަރުކުރީ 24 އޮކްޓޫބަރު 2025ގައި
- އަޙްމަދު ފިރުސާން (35އ) – ހައްޔަރުކުރީ 24 އޮކްޓޫބަރު 2025ގައި
އެމްޕީއެލްގެ ބެލުމުގެ ދަށުގައި ހުއްޓާ ގެއްލުނު ސިނގިރޭޓު ސްޓިކްގެ ޖުމްލަ އަދަދު 13.6 މިލިއަނަށް އަރައެވެ. މި ސިނގިރޭޓުތައް ހުރީ 40 ފޫޓުގެ ދެ ކޮންޓެއިނަރުގައި، 1،360 ކޭސް ސިނގިރޭޓުގެ ގޮތުގައެވެ. ކަސްޓަމްސްއިން ބުނެފައިވާ ގޮތުން، އަތުލައިގަތް ބްރޭންޑުތަކުގެ ސިނގިރޭޓަށް އާއްމުކޮށް ކަނޑައަޅާފައިވާ އަގުތަކަށް ބަލާއިރު، މި ޝިޕްމެންޓުގެ ޑިއުޓީއަށް 13.6 މިލިއަން ރުފިޔާ އަރާނެއެވެ.