ދުނިޔެ
ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ އަފްޣާނިސްތާނާއި ދެކޮޅަށް ވަރުގަދަ ހަނގުރާމައެއް ފަށާނެ ކަމަށް ޕާކިސްތާނުން އިންޒާރުދީފި
ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް
ޕާކިސްތާނާއި އަފްޣާނިސްތާނާ ދެމެދު ދާދި ފަހުން ކުރި ހަނގުރާމަޔާއި ގުޅޭ ޞުލްޙައިގެ ވާހަކަތައް ނާކާމިޔާބު ވެއްޖެނަމަ އަފްޣާނިސްޠާނާއި ދެކޮޅަށް ވަރުގަދަ ހަމަލާތަކެއް ދީފާނެ ކަމުގެ އިންޒާރު ޕާކިސްތާނުން ދީފިއެވެ.
މި ހަނގުރާމައާއި ގުޅިގެން ކުރިއަށްދާ ޞުލްޙައިގެ ވާހަކަތައް ކުރިއަށްދަނީ ތުރުކީވިލާތުގެ އިސްތަންބޫލްގައެވެ.
ހޮނިހިރު ދުވަހު ފެށި މި މަޝްވަރާތައް އާދީއްތަ ދުވަހު ވެސް ކުރިއަށް ދާނެ ކަމަށް ބެލެވޭ އިރު، މި މަޝްވަރާތައް ކުރިއަށް ދަނީ ދެ ޤައުމުގެ މެދުގައި ހިނގި ހަމަނުޖެހުންތައް ނިންމުމަށް ޤަތަރު އަދި ތުރުކީވިލާތުން ކުރި މަސައްކަތުން ދޯހާގައި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމެއް ޤާއިމުކުރެވުނުތާ ދުވަސްކޮޅެއް ފަހުންނެވެ.
ބޯޑަރު ހުރަހުގައި ހިނގި މި ހަމަނުޖެހުންތަކުގައި އެތައް ބަޔަކު މަރުވެ، ސަތޭކަތަކަށް މީހުންނަށް ވަނީ އަނިޔާވެފައެވެ.
"އެއްބަސްވުމަކަށް ނާދެވޭނަމަ، އަހަރެމެންނަށް އޮތް އެއް ގޮތަކީ އެމީހުންނާ އެކު ވަރުގަދަ ހަނގުރާމައެއް ކުރުން. އެކަމަކު އަހަރެން ދެކޭ ގޮތުގައި އެމީހުން ބޭނުންވަނީ ސުލްހަ." ޕާކިސްތާނުގެ ދިފާއީ ވަޒީރު ޚަވާޖާ މުޙައްމަދު އާސިފް ހޮނިހިރު ދުވަހު ޕާކިސްތާނުގެ އިރުމަތީ ސިޔާލްކޯޓްގައި ވާހަކަދައްކަވަމުން ވިދާޅުވިއެވެ.
އިސްތަންބޫލުން ރިޕޯޓް ކުރައްވަމުން އަލްޖަޒީރާގެ ސިނަމް ކޯސެއޮގްލޫ ވިދާޅުވީ، ތުރުކީވިލާތުގައި މި ކުރިއަށްދާ "ޓެކްނިކަލް ފެންވަރުގެ ވާހަކަތަކަކީ" އަވަށްޓެރި ދެޤައުމުގެ މެދުގައި ދާއިމީ ހައްލަކަށް މަގުފަހިކޮށްދޭނެ ކަމަށެވެ. އަފްޣާނިސްތާނުގެ ޑެޕިއުޓީ އިންޓީރިއާ މިނިސްޓަރު ހާޖީ ނަޖީބް އޭނާގެ ޤައުމުގެ ވަފްދުގެ އިސްކޮށް ހުންނަވައިގެން ވާހަކަތައް ކުރިއަށް ގެންދަވާ އިރު، ޕާކިސްތާނުން ވަފްދުގެ ތަފްސީލެއް ހާމަކޮށްފައެއް ނުވެއެވެ. ހުކުރު ދުވަހު ޕާކިސްތާނުގެ ޚާރިޖީ ކަނޑައަޅުއްވާ ވުޒާރާގެ ތަރުޖަމާނު ވިދާޅުވީ، މި ވާހަކަތަކުގައި "އަފްޣާނިސްތާނުގެ ބިމުން ޕާކިސްތާނަށް އަމާޒުވާ ޓެރަރިޒަމްގެ ބިރަށް ހައްލެއް" ހޯދަން ޖެހޭ ކަމަށެވެ.
ޕާކިސްތާނުން ތުހުމަތުކުރާ ގޮތުގައި އަފްޣާނިސްތާނުން އަންނަނީ ޕާކިސްތާނު ޓާލިބާން (ޓީޓީޕީ) ވެސް ހިމެނޭ ގޮތަށް "ޓެރަރިސްޓް ގްރޫޕްތަކަށް" ހިޔާދެމުންނެވެ. ނަމަވެސް، ކާބުލް އިން ދަނީ މި ތުހުމަތުތައް ދޮގުކޮށް، ޢަސްކަރީ ހަމަލާތަކަކީ އެ ގައުމުގެ ސިޔާދަތަށް އަރައިގަތުން ކަމަށް ބުނެ އިސްލާމްއާބާދަށް ކުށް އުފުލަމުންނެވެ. ދެ ޤައުމުގެ މެދުގައި ދާދި ފަހުން ހިނގި ހަމަނުޖެހުންތަކުގެ ސަބަބުން މުހިންމު ބޯޑަރު ހުރަސްކުރާ ދޮރުތައް ވަނީ ބަންދުކޮށްފައެވެ.
އަފްޣާނިސްތާނުގެ ޗެމްބަރ އޮފް ކޮމާސް އެންޑް އިންޑަސްޓްރީން ލަފާކުރާ ގޮތުގައި، މި ދޮރުތައް ބަންދުކޮށްފައި ހުންނަ ކޮންމެ ދުވަހަކު ވިޔަފާރިވެރިންނަށް މިލިއަނަށް ޑޮލަރުގެ ގެއްލުން ވަމުންދެއެވެ. އިންޓަނޭޝަނަލް ކްރައިސިސް ގްރޫޕްގެ އެނަލިސްޓް އިބްރާހީމް ބަހިސް އޭއެފްޕީ ނިއުސް އެޖެންސީއަށް ވިދާޅުވީ، އިސްތަންބޫލްގެ ވާހަކަތަކުގެ މުހިންމު އެއް މަސްއަލާއަކަށް ވާނީ ހަތިޔާރު އަޅާފައިވާ ގްރޫޕްތަކާ ބެހޭ އިންޓެލިޖެންސް ހިއްސާކުރުން ކަމަށެވެ.
ބަހިސް ވިދާޅުވީ، "މިސާލަކަށް، ޓީޓީޕީގެ ހަނގުރާމަވެރިންނާއި ކޮމާންޑަރުން ތިބޭނެ ކަމަށް ޕާކިސްތާނުން ލަފާކުރާ ކޯޑިނޭޓްތައް ދޭނެ. އަދި ހަމަލާދިނުމުގެ ބަދަލުގައި އެމީހުންނާ ދެކޮޅަށް ފިޔަވަޅު އެޅުމަށް އަފްޣާނިސްތާނަށް އެދެވިދާނެ" ކަމަށެވެ.
މިދިޔަ ހަފުތާގެ އާދީއްތަ ދުވަހު ދޯހާގައި އިޢުލާންކުރި ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން އަދިވެސް ދެމިހުރި ކަމަށް ވެއެވެ. ޕާކިސްތާނުގެ ޚާރިޖީ ވުޒާރާގެ ތަރުޖަމާނު ތާހިރު އަންދްރާބީ ވިދާޅުވީ، "މިދިޔަ ދެތިން ދުވަހުގެ ތެރޭގައި އަފްޣާނިސްތާނުގެ ބިމުން ދޭ ޓެރަރިސްޓް ހަމަލާއެއް ދީފައެއް ނުވޭ. އެހެންކަމުން، ދޯހާގެ ވާހަކަތަކާއި ނަތީޖާއަކީ ފައިދާހުރި ކަމެއް. އިސްތަންބޫލުގައި ވެސް އަދި އެއަށްފަހު ވެސް މި ޓްރެންޑް ދެމެހެއްޓުމަށް އަހަރެމެން ބޭނުން" ކަމަށެވެ.