ދުނިޔެ

ޣައްޒާ އަށް ވަންނަ އެހީގެ މިންވަރު އިންސާނީ އެހީގެ ބޭނުންތަކާ އަޅާބަލާއިރު ވަރަށް ދަށް: ފަލަސްތީނުގެ އެން.ޖީ.އޯ. ވެރިޔާ

ޣައްޒާ އަށް ވަންނަ އެހީގެ މިންވަރު އިންސާނީ އެހީގެ ބޭނުންތަކާ އަޅާބަލާއިރު ވަރަށް ދަށް: ފަލަސްތީނުގެ އެން.ޖީ.އޯ. ވެރިޔާ

ޣައްޒާއަށް އެހީ ހިފައިގެން ވަންނަން ތައްޔާރަށް އޮތް އެހީގެ ޓްރަކެއް

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2025، 11:11

26 އޮކްޓޯބަރު 2025، 11:11

އިސްރާއިލުން ދަނީ ބައިނަލްއަޤްވާމީ ޤާނޫނުތަކާ ޚިލާފުވެ ފުރިހަމަ މިނިވަންކަމާއެކު ޣައްޒާއަށް އިންސާނީ އެހީ ދިނުމަށް ދުނިޔެއިން ގޮވާލާ ގޮވާލުންތަކަށް ބީރު ކަންފަތެއް ދެމުން ކަމަށް  ފަލަސްތީނުގެ އެން.ޖީ.އޯ.ތަކުގެ ވިއުގަ (ޕަލެސްތީނިއަން އެން.ޖީ.އޯ. ނެޓްވޯކް) ގެ ވެރިޔާ، އަމްޖަދު އަލް-ޝައްވާ ވިދާޅުވެއްޖެއެވެ.

 އޭނާ އިތުރަށް ވިދާޅުވީ އިސްރާއިލުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަންނަ އެހީގެ މިންވަރު، "ހިނގަމުންދާ އިންސާނީ ކާރިސާގެ ފެންވަރަށް ވުރެ ވަރަށް ދަށް" ކަމަށެވެ.

އަލް-ޝައްވާ އަލް-ޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި ވިދާޅުވީ، އިންސާނީ އެހީ ހުއްޓުމެއްނެތި ދޫކޮށްލުމަށް ބައިނަލްއަޤްވާމީ ޢަދާލަތު (އައި.ސީ.ޖޭ.) އިން ކަނޑައަޅާފައިވާ ނިންމުމަށްފަހު ވެސް، އިސްރާއިލުން ދަނީ ޔޫ.އެން.އާރު.ޑަބްލިޔު.އޭ އާއި އިތުރު ބައިނަލްއަޤްވާމީ ޖަމާޢަތަކަށް ޣައްޒާއަށް އެހީ ގެނައުމަށް ހުރަސް އަޅަމުންނެވެ. 

އޭނާ ހާމަކުރެއްވި ގޮތުގައި، ދުވާލަކު ޣައްޒާއަށް ވަންނަނީ 200 ޓްރެކެވެ. އޭގެ ދެބައިކުޅަ އެއްބައި ޚާއްސަވަނީ ފިހާރަތަކަށް ފުށް ގެނައުމަށެވެ. ބާކީ ހުރި މިންވަރު، އަސާސީ ބޭނުންތައް ފުއްދުމަށް "ބޭނުންވާ އެންމެ މަދު މިންވަރަށް ވުރެ ވެސް ދަށް" ކަމަށާއި، މި އެހީ ތަކުގައި ހިމެނެނީ ކޮންމެހެން ބޭނުންވާ މިންވަރުގެ މަދު ބާވަތްތަކެއް ކަމަށެވެ. އެއީ އިސްރާއިލުން ޣައްޒާއަށް ދީފައިވާ ގެއްލުމުގެ ސަބަބުން ހަލާކުވެފައިވާ މިންވަރާއި ޣައްޒާގެ ރައްޔިތުންގެ ދިމާވެފައިވާ ތަކުލީފާ އެކަށީގެންވާ މިންވަރެއް ނޫނެވެ.

އަލް-ޝައްވާ ވިދާޅުވީ ޣައްޒާގެ ސިއްޙީ ނިޒާމު ވަނީ ނުރައްކާތެރި މަރުޙަލާއަކަށް ވާސިލްވެފައި ކަމަށާއި، ބޭހާއި ސިއްޙީ އާލާތްތަކުގެ ކުއްލި ދަތިކަމެއް ކުރިމަތިވެފައިވާ ކަމަށެވެ. ސިއްޙީ ބޭނުންތަކުގެ އެންމެ 10 އިންސައްތަ އެހީ މި ސަރަޙައްދަށް ވެސް ވަދެފައިނުވާތީ، އެތައް ހާސް ކުދިންނާއި މާބަނޑު އަންހެނުންނަށް ސިއްޙީ ނުރައްކާތައް ކުރިމަތިވުމުގެ ބިރު ބޮޑުވެފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.

 މީގެ އިތުރުން، އޭނާ ފާހަގަކުރެއްވީ ބޯހިޔާވަހިކުރުމަށް ބޭނުންވާ ތަކެތީގެ ދަތިކަންވެސް ކުރިމަތިވެފައިވާ ކަމަށެވެ. 

"ޣައްޒާއަށް ވަންނަ އެހީ ވަގުތުން ދަނީ އެންމެ ނާޒުކު ޢާއިލާތަކަށް، ނަމަވެސް އެއީ އަދިވެސް ނުފުދޭ މިންވަރެއް. އިސްރާއިލުން އަހަރެއްގެ މުއްދަތަށް ބޮން އަޅައި ވަށާލާފައިވާ މި ދަނޑިވަޅުގައި، ޣައްޒާގެ އެންމެން ވެސް ދަނީ އިންސާނީ އެހީއަށް ބަރޯސާވަމުން." އަލް-ޝައްވާ ވިދާޅުވީ އިންސާނީ އެހީގެ ޖަމާޢަތްތަކުން އެދެނީ އެހީ ދިނުމުގައި ހިމެނޭ ހުރިހާ ހުރަހެއް، ނުވަތަ ޤައިދެއް ނެތި ފުރިހަމައަށް އުވާލުމަށެވެ. ޣައްޒާގެ އަސާސީ އިންސާނީ ބޭނުންތައް ފުއްދުމަށް ދުވާލަކު މަދުވެގެން 1,000 އެހީ ޓްރަކް ބޭނުންވާ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

އަލް-ޝައްވާ އިތުރަށް އިންޒާރު ދެއްވީ، އިސްރާއިލްގެ ސިފައިން ފޭބި ސަރަޙައްދުތަކުގައި ހުރި ހަނގުރާމައިގެ ބާކީ ހުރި ތަކެތީގެ ނުރައްކާތެރި ކަމެވެ. އިސްރާއިލުން ދަނީ އެ ސަރަޙައްދުތަކަށް، މި މައިންތަކާއި ބިމު ބޮންތައް ނެގުމަށް ބޭނުންވާ ބައިނަލްއަޤްވާމީ ޓީމުތަކަށާއި ވަސީލަތްތަކަށް ހުރަސް އަޅަމުންނެވެ.

 އޭނާ ބަޔާން ކުރެއްވީ، އުންރުވާ ފަދަ ބައިނަލްއަޤްވާމީ ޖަމާޢަތްތަކަށް އިސްރާއިލުން އަމާޒުކުރަނީ އާ ރަޖިސްޓްރޭޝަން ނިޒާމުތަކާއި އިދާރީ ހުރަސްތަކުގެ ޒަރީޢާއިން ކަމަށް ވެސް ވިދާޅުވިއެވެ. ޣައްޒާގެ އަސާސީ ޚިދުމަތްތަކުގެ 50 އިންސައްތައާ ހަމައަށް ފޯރުކޮށްދޭ އުންރްވާގެ ސްކޫލްތަކާއި ކްލިނިކްތަކަށާއި މުވައްޒަފުންނަށް އިސްރާއިލް ސިފައިން ތަކުރާރުކޮށް ހަމަލާ ދީފައިވާ ކަން އަލް-ޝައްވާ ފާހަގަކުރެއްވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، އުންރްވާ އަދި އެހެނިހެން ޖަމާޢަތްތަކުގެ އެތައް ހާސް އެހީ ޓްރަކްތަކެއް، ކާނާއާއި ބޭހާއި ޓެންޓުފަދަ ތަކެއްޗާއިއެކު އެކި ދިމާދިމާލުގެ ގޮތްގޮތަށް ހުއްޓިފައިވާ ކަމަށާއި، އިސްރާއިލުން އެ ތަކެތި ވަނުމަށް ހުއްދަ ނުދީ ހިފަހައްޓަމުންދާ ކަމަށެވެ. މިއީ އިންސާނީ ކާރިސާ ޙާލަތު އިތުރަށް ގޯސްކުރާ ކަމެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން