ދުނިޔެ
ޒައިތޫނި ބިންނަން ތިބި ދަނޑުވެރިންތަކަކަށް ހުޅަނގު އައްސޭރީގައި އަނެއްކާވެސް ހަމަލާދީފި
ފަލަސްޠީނުގެ ޒައިތޫނި ދަނޑުތައް
ފަލަސްތީނުގެ ހުޅަނގު އައްސޭރީގެ ނާބުލްސްގައި ޒައިތޫނި ބިންނަން ތިބި ފަލަސްތީނުގެ ތިން ދަނޑުވެރިންނަށް، ޤާނޫނާ ޚިލާފަށް އުޅޭ އިސްރާއިލްގެ ވަޒަންވެރިންތަކެއް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.
މި ހާދިސާ ހިނގާފައިވަނީ ހޮނިހިރު ދުވަހު ކަމަށް ފަލަސްތީނުގެ ރަސްމީ ނިއުސް އެޖެންސީ ވާފާއިން ރިޕޯޓުކޮށްފައިވެއެވެ.
ނާބުލްސްގެ ދެކުނުގައި އޮންނަ އަގްރާބާގެ ވަދީ އަލް-ހައްޖު އީސާ ސަރަހައްދުގައި، ޤާނޫނާ ޚިލާފަށް ހަތިޔާރާއެކު އުޅޭ ވަޒަންވެރިން ވަނީ ދަނޑުވެރިންނަށް އަސާ އާއި ކުއްތާތައް ބޭނުންކޮށްގެން ހަމަލާދީފައެވެ. މި ހަމަލާގައި ތިން ދަނޑުވެރިން ޒަޚަމްވެ، އެހެން ދަނޑުވެރިންނަށް އެމީހުންގެ ބިންތަކުން ފިލަން މަޖުބޫރުވިއެވެ. މިއީ ސަރަހައްދުގައި ޒައިތޫނި ބިނުމުގެ މޫސުމުގައި ފަލަސްތީނުގެ ދަނޑުވެރިންނަށް ދޭ ހަމަލާތައް އިތުރުވަމުންދާ ދަނޑިވަޅެކެވެ.
އޭގެ ކައިރީގައި އޮންނަ ދޫމާ ޓައުންގެ ކައުންސިލްގެ ވެރިޔާ، ސުލައިމާން ދަވާބްޝާ ވިދާޅުވި ގޮތުގައި އިސްރާއިލްގެ ސިފައިން ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް އެމީހުންގެ ޒައިތޫނި ބަގީޗާތަކަށް ވަނުން މަނާކޮށްފައެވެ. އޭނާ ވިދާޅުވީ ޤާނޫނާ ޚިލާފު ވަޒަންވެރިން ތަކުރާރުކޮށް ދަނޑުވެރިންނަށް ހަމަލާދީ، ޒައިތޫނި ވަގަށް ނަގައި، ގަސްތަކަށް ގެއްލުންދީ، އަދި އެމީހުންގެ ޖަނަވަރުތަކަށް ފަލަސްޠީނުގެ ދަނޑުވެރިންގެ ދަނޑުބިންތަކުން ކާންދެމުންދާ ކަމަށެވެ.
ކޮލޮނައިޒޭޝަން އެންޑް ވޯލް ރެސިސްޓަންސް ކޮމިޝަންގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާ ގޮތުގައި، އިސްރާއިލުން ޣައްޒާއަށް 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ފެށިފަހުން، ޤާނޫނާ ޚިލާފު ވަޒަންވެރިން ވަނީ ހުޅަނގު އައްސޭރީގައި ފަލަސްތީނުގެ ރައްޔިތުންނާއި އެމީހުންގެ މުދާތަކަށް 7,000 އަށްވުރެ ގިނަ ހަމަލާ ދީފައެވެ. މީގެ ތެރޭގައި ހިމެނެނީ މި މަހުގެ ފެށުނު ފަހުން ޒައިތޫނި ބިންނަން ނިކުންނަ ދަނޑުވެރިންނަށް އަމާޒުކޮށް ދީފައިވާ 158 ހަމަލާއެވެ.
ކޮމިޝަންގެ އިސްވެރިޔާ، މުއައްޔަދު ޝަޢްބާން އޮކްޓޯބަރު 21 ވަނަ ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވެފައިވަނީ މި އަހަރުގެ ޒައިތޫނި ބިނުމުގެ ސީޒަނަކީ “އެންމެ އުނދަގޫ” ސީޒަން ކަމަށެވެ. އެއީ އިސްރާއިލުން ގިނަ އަދަދެއްގެ ދަނޑުބިންތައް ބަންދުކޮށްފައިވާ ސަރަޙައްދު ކަމަށް ކަނޑައަޅައި، ގިނަ ދަތިތަކެއް ކުރިމަތިކުރުމުގެ ސަބަބުންނެވެ.
ޒައިތޫނި ބިނުމަކީ ގިނަ އަދަދެއްގެ ފަލަސްތީނުގެ އާއިލާތަކަށް އާމްދަނީ ހޯދައިދޭ މުހިންމު މަސްދަރެކެވެ. އެގްރިކަލްޗާ މިނިސްޓްރީގެ މަޢުލޫމާތު ދޭ ގޮތުގައި، މި އަހަރުގެ އުފެއްދުންތެރިކަމަކީ އެވްރެޖުކޮށް އުފައްދާ މިންވަރުގެ އެންމެ 15 އިންސައްތަ ކަމަށް ލަފާކުރެވޭއިރު، އެއީ މިދިޔަ ދިގު ދުވަސްތަކުގެ ތެރޭގައި އެންމެ ދަށް އަދަދެކެވެ. މިނިސްޓްރީން ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރު ފަލަސްތީނު ރައްޔިތުން ޖުމްލަ 27,300 ޓަނުގެ ޒައިތޫނި ތެޔޮ އުފައްދާފައިވާއިރު، 2023 ވަނަ އަހަރު އުފައްދާފައިވަނީ އެންމެ 10,000 ޓަނެވެ.