ޚަބަރު
ދަރިމައިވުމާއި އުފަންވެނިވި ޞިއްޙަތާ ގުޅޭގޮތުން ޗައިނާއާއި ރާއްޖެއާ ދެމެދު ސިމްޕޯސިއަމެއް ފަށައިފި
ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ރާއްޖެއާއި ޗައިނާގެ ހެލްތު ކެއަރ ޕްރޮފެޝަނަލުން ގުޅިގެން ކުރިއަށްގެންދާ ސައިންޓިފިކް ސިމްޕޯސިއަމް. ފޮޓޯ: ޕީއެސްއެމް
ދަރިމައިވުމާއި އަލަށް އުފަންވާ ކުދިންގެ ސިއްޙީ ދުޅަހެޔޮކަމާ ގުޅޭގޮތުން ރާއްޖެއާއި ޗައިނާގެ ހެލްތު ކެއަރ ޕްރޮފެޝަނަލުން ގުޅިގެން ކުރިއަށްގެންދާ ސައިންޓިފިކް ސިމްޕޯސިއަމް ރަސްމީކޮށް ފަށައިފިއެވެ.
މިއީ ދެ ޤައުމުގެ ސިއްޙީ ހިދުމަތްތެރިންގެ މެދުގައި މަޢުލޫމާތާއި ތަޖުރިބާ ބަދަލުކުރުމަށް ހުޅުވާލެވުނު މުހިންމު ފުރުސަތެކެވެ. މި ސިމްޕޯސިއަމްގައި ގުޅުންހުރި ދާއިރާތަކުން ޗައިނާގެ 9 އެކްސްޕާޓް ޑޮކްޓަރުންގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާނެއެވެ. އެގޮތުން ގައިނޮކޮލޮޖީ، ޕީޑިއެޓްރިކް އަދި އޮބްސްޓެޓްރިކްގެ ހިދުމަތްތައް ހިމެނެއެވެ. މި ސިމްޕޯސިއަމްގައި މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ދަށުން ހިންގާ ހޮސްޕިޓަލްތައް އަދި ބައެއް އަމިއްލަ ހޮސްޕިޓަލްތަކުން ވެސް ބައިވެރިވެއެވެ.
ސިމްޕޯސިއަމް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މާލޭ ގްރޫޕް އޮފް ހޮސްޕިޓަލްސް (އެމް.ޖީ.އެޗް) ގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ވިދާޅުވީ، މިއީ ރާއްޖޭގެ ސިއްޙީ ދާއިރާގެ މަސައްކަތްތައް ހަރުދަނާކޮށް، ޒަމާނީ ސިއްޙީ ނިޒާމަކަށް ކުރަމުންދާ މަސައްކަތަށް ލިބޭ ވަރަށް ބޮޑު ބާރެއްކަމަށެވެ. އަދި މި ސިމްޕޯސިއަމްގެ ސަބަބުން، ޒަމާނީ ބޭސްފަރުވާގެ ނިޒާމާއި ޓެކްނޮލިޖީތަކަށް އަހުލުވެރިވުމާއި، މި ދާއިރާގައި ކުރިމަތިވާ ގޮންޖެހުންތަކަށް ދިރާސީ ނަޒަރަކުން ރިޢާޔަތްކުރުމާއެކު އިންސާނީ ވަސީލަތްތައް ތަރައްޤީވުމަށް ބޮޑު އެހީތެރިކަމެއް ލިބޭނެކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އެމް.ޖީ.އެޗްގެ ސީއީއޯ އިތުރަށް ވިދާޅުވީ، މިކަމުގެ ސަބަބުން ރާއްޖޭގެ ސިއްޙީ ނިޒާމަކީ ބަރޯސާވެވޭ އިތުބާރުހުރި ޚިދުމަތްތަކަކަށް ހެދުމަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށެވެ.
ދެ ޤައުމުގެ ގުޅުމުގެތެރެއިން ދިގުމުއްދަތައް މި ޕްރޮގްރާމްތައް ގެންދެވޭނެ. ރާއްޖޭގެ ސިއްޙީ ނިޒާމު ހަރުދަނާކުރެވި، ޚިދުމަތް ދޭން ތިބޭ ޑޮކްޓަރުންނާ މެޑިކަލް ފަރާތްތަކަކީ ކަމަށް ޤާބިލު އަހުލުވެރި ބަޔަކަށް ހެދިގެންދާނެ. އަދި ޗައިނާގެ މި އެކްސްޕަރޓް ޓީމްތަކުން މުހިންމު ގިނަ ކަންތައްތަކެއް ދަސްވެގެންދާނެ، މިގޮތުން ދިގު މުއްދަތަށް ސިއްހީ ގުޅުން ބަދަހިކުރެވޭނެ
ސީއީއޯ ފާހަގަކުރެއްވިއެވެ.
ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ކޮންގް ޒިންހުއާ ވިދާޅުވީ، މިއީ ރާއްޖެއާއި ޗައިނާގެ ގުޅުން ރަމްޒުކޮށްދޭ ވަރަށް މުހިންމު މަސައްކަތެއްކަމަށާއި، މައިންނާ ދަރިންގެ ދުޅަހެޔޮކަން ކަށަވަރުކުރުމަކީ ކުރިމަގަށް ކުރެވޭނެ ވަރަށް މުހިންމު އިންވެސްޓްމަންޓެއްކަމަށެވެ. ސަފީރު ވިދާޅުވީ، ޗައިނާއަކީ މި ދާއިރާތަކުން ވަރަށް ތަޖުރިބާ ހުރި ކުރިއެރުންތައް ހޯދާފައިވާ ޤައުމެއްކަމަށާއި، މި ތަޖުރިބާތައް ސިމްޕޯސިއަމްގައި ރާއްޖޭގެ ކަމާގުޅުންހުރި ފަރާތްތަކާ ފުރިހަމައަށް ޙިއްސާކުރައްވާނެކަމަށެވެ.
"ދަރިމައިވުމާއި ކުދިންގެ ސިއްޙަތު މުހިންމުވަނީ ހަމައެކަނި އާއިލާއަކަށް ނޫން. މިއީ މުޅި ޤައުމުގެ ކުރިމަގުވެސް އެކަމަށް ބިނާވާ ކަމެއް. އިޖުތިމާޢީ ތަރައްޤީއާއި ގުޅިފަވާ ކަމެއް"
ސަފީރު ވިދާޅުވިއެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒު އަދި ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު މި ދާއިރާއިން މުހިންމު ގިނަ ފިޔަވަޅުތަކެއް އަޅުއްވަމުން ގެންދަވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި ސިމްޕޯސިއަމްގެ ތެރެއިން ދާއިމީ ގޮތެއްގައި އެއްބާރުލުން ދިނުމުގެ އެއްބަސްވުމެއްގައި ރާއްޖެއާއި ޗައިނާއާ ދެމެދު ސޮއިކޮށްފައިވެއެވެ. އެގޮތުން، ރާއްޖޭގެ ފަރާތުން އެމް.ޖީ.އެޗްގެ ސީއީއޯ އިބްރާހީމް ޢަބްދުއްރައްޒާޤް ޙަލީމް ސޮއިކުރެއްވިއިރު، ޗައިނާގެ ޗެންޑޫ މެޓަރނަލް އެންޑް ޗައިލްޑް ހެލްތް އެސޯސިއޭޝަންގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ޗެން ރުއިއެވެ. މި އެއްބަސްވުމުގެ ދަށުން ކުރިއަށް އޮތްތަނުގައިވެސް ތަޖުރިބާ ބަދަލުކުރުމާއި ތަމްރީނު ޕްރޮގްރާމްތައް ހިންގާނެކަމަށް ބެލެވެއެވެ. ސިމްޕޯސިއަމްގެ ބައިވެރިން މާލޭގެ ސަރުކާރުގެ އަދި އަމިއްލަ ހޮސްޕިޓަލްތަކަށް ޒިޔާރަތްކޮށް، ތަޖުރިބާ ޙިއްސާކޮށް މިކަންކަން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު، މި ސިމްޕޯސިއަމް ކުރިއަށް ދާނީ 1 ހަފްތާއަށެވެ.