Ads by Stelco

ޚަބަރު

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ

އިމިގްރޭޝަނަށް 70 އޮފިސަރުން ހޯދުމަށް ހޮނިހިރު ދުވަހު ވޯކް-އިން އިންޓަވިއުއެއް ބާއްވަނީ

އިމިގްރޭޝަން އޮފިސަރުންތަކެއް ރެއިޑެއްގައި. ފޮޓޯ: އިމިގްރޭޝަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

26 އޮކްޓޯބަރު 2025، 03:08

26 އޮކްޓޯބަރު 2025، 03:08

މޯލްޑިވްސް އިމިގްރޭޝަނުން އެ އިދާރާގެ މަސައްކަތްތައް ހަރުދަނާކުރުމަށް 70 އިމިގްރޭޝަން އޮފިސަރުން ހޯދުމަށް އިއުލާނުކޮށްފިއެވެ.

 މި މަޤާމުތަކަށް މީހުން ހޯދުމަށް ޚާއްސަ ވޯކް-އިން އިންޓަވިއުއެއް އަންނަ ހޮނިހިރު ދުވަހު، ނޮވެމްބަރު 1، 2025 ގައި ބޭއްވުމަށް ވަނީ ހަމަޖައްސާފައެވެ. މި ހަރަކާތް ކުރިއަށްދާނީ ހުޅުމާލޭ ފޭސް ދޭއްގައި ހުންނަ ޞަލާޙުއްދީން ސްކޫލްގައި، ހެނދުނު 08:30 އިން ހަވީރު 16:30 އަށެވެ. ޝައުޤުވެރިވާ ފަރާތްތަކުން ވަގުތުގެ ބޭނުން ހިފައި، މި ވޯކް-އިން އިންޓަވިއުއަށް ހާޒިރުވުމަށް އެދިފައިވެއެވެ.

އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި ވަޒީފާއަށް އެދި ހުށަހަޅާ ފަރާތްތަކުން އެމީހުންގެ ތަޢުލީމީ ސެޓްފިކެޓްތަކުގެ އަސްލު ގެންނަން ޖެހޭނެއެވެ. އެޕްލިކޭޝަންތައް ބަލައިގަތުމަށްފަހު، މި މަޤާމުތަކަށް ކުރިމަތިލާ ފަރާތްތައް ޝޯޓްލިސްޓް ކުރެވޭނީ ތަޢުލީމީ ފެންވަރާއި މަސައްކަތުގެ ތަޖުރިބާއަށް ބަލައި އެންމެ މަތިން ޕޮއިންޓް ލިބޭ ފަރާތްތަކުގެ ތެރެއިންނެވެ. އިންޓަވިއުއަށްފަހު، މުވައްޒަފުން ހޮވުމަށް ބޭއްވޭ އިމްތިޙާނު އޮންނާނީ 2025 ނޮވެމްބަރު 4 އާއި 8 އާ ދެމެދުގެ ދުވަހެއްގައެވެ.

މި މަޤާމަށް ކުރިމަތިލުމަށް ކަނޑައަޅާފައިވާ މުހިންމު ޝަރުތުތަކުގެ ތެރޭގައި، ސާނަވީ ނުވަތަ އެއާ އެއްފެންވަރުގެ އިމްތިޙާނަކުން ދެ މާއްދާއިން ދަށްވެގެން 'ޑީ' ގްރޭޑް ލިބިފައިވުމާއެކު، ސެކަންޑަރީ ނުވަތަ ހަޔަރ ސެކަންޑަރީ ސްކޫލް ސެޓްފިކެޓް އިމްތިޙާނުގައި ދިވެހި މާއްދާއިން ދަށްވެގެން 'ސީ' ގްރޭޑް ލިބިފައިވުން ހިމެނެއެވެ. ނުވަތަ އެމްކިއުއެފް ލެވެލް 3 ގެ ތިން ސެޓްފިކެޓް ހާސިލުކޮށްފައިވުން އެކަށީގެންވެއެވެ.

 މީގެ އިތުރުން، 2025 ނޮވެމްބަރު 1 ވާ ދުވަހު އުމުރުން 30 އަހަރު ފުރިފައިނުވުމަކީވެސް މި މަޤާމަށް ފުރިހަމަވާންޖެހޭ އަސާސީ ޝަރުތެކެވެ.

އިމިގްރޭޝަން އޮފިސަރުގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި އެއާޕޯޓުގެ ބޯޑަރ ކޮންޓްރޯލްގެ މަސައްކަތްތަކާއި، ދިވެހި ރައްޔިތުންނަށް ޕާސްޕޯޓް އަދި ޓްރެވަލް ޑޮކިއުމެންޓްގެ ޚިދުމަތްދިނުން ހިމެނެއެވެ. މީގެ އިތުރުން ސީޕޯޓް ސެކްޝަންގެ މަސައްކަތާއި ވިޒާ ސެކްޝަންގެ މަސައްކަތްތައްވެސް މި ވަޒީފާގައި ހިމެނެއެވެ. މި މަޤާމުގެ މުސާރައަކީ މަހަކު -/6500 ރުފިޔާއެވެ. ސަރވިސް އެލަވަންސްގެ ގޮތުގައި -/1500 ރުފިޔާ ލިބޭނެއިރު، ބޭސިކް ޓްރޭނިންގ ފުރިހަމަކުރުމުން މުސާރައިގެ %35 ސްޕެޝަލް ސަރވިސް އެލަވަންސްގެ ގޮތުގައި ލިބޭނެއެވެ.

މި މަޤާމަށް ހޮވޭ މުވައްޒަފުން އެންމެ ގިނަވެގެން ބެހެއްޓޭނީ 8 މަސްދުވަހަށެވެ. މި މުއްދަތުގެ ތެރޭގައި ބޭސިކް ޓްރެއިނިންގ ފުރިހަމަކޮށް ފާސްވާ ފަރާތްތަކަށް، ސީ.އެސް 3-1 އިން ސީ.އެސް 6-1 އާ ދެމެދުގެ ޝަރުތު ހަމަވާ ރޭންކެއްގެ ފުރަތަމަ ގްރޭޑަށް ކުރިއެރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. ނަމަވެސް، މި މުއްދަތުގައި ބޭސިކް ޓްރެއިނިންގ ފުރިހަމަ ނުވާ ފަރާތްތައް ވަޒީފާއިން ވަކިކުރެވޭނެ ކަމަށް އިމިގްރޭޝަނުން ވަނީ އަންގާފައެވެ.

ޤައުމީ އިދާރާތަކަށް ވަޒީފާގެ ފުރުޞަތުތައް ހުޅުވާލުމަށް ދިވެހި ޒުވާނުންގެ ތަރުހީބު ބޮޑުކަން ފާހަގަކޮށްލެވެއެވެ. މިދިޔަ މެއި މަހު އިމިގްރޭޝަނަށް 50 އޮފިސަރުން ހޯދަން ބޭއްވި ވޯކް-އިން އިންޓަވިއުއަށް 800 އަށްވުރެ ގިނަ މީހުން ހާޒިރުވިއެވެ. މި ފަހަރުވެސް 70 މަޤާމަށް ގިނަ އަދަދެއްގެ ޒުވާނުން ކުރިމަތިލާނެ ކަމަށް ލަފާކުރެވޭއިރު، ވަޒީފާ ހޯދަން ބޭނުންވާ ޒުވާނުންނަށް މިއީ ރަނގަޅު ފުރުޞަތެކެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން