ޚަބަރު
ދަޢުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް ފުލުހުންނަށް ނައްތާލެވޭނީ ޕީ.ޖީ.ގެ ލަފަޔާ އެކު
ޕީ.ޖީ. އޮފީސް.
ފަރުދުން
26 އޮކްޓޯބަރު 2025، 03:11
26 އޮކްޓޯބަރު 2025، 03:11
މައްސަލައިގައި ތުހުމަތު ކުރެވިގެންވާ ފަރާތުގެ މައްޗަށް ދަޢުވާ ނުކުރުމަށް ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް ނައްތާލުމުގެ ކުރީން، ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުގެ ލަފާ ހޯދުމަށް އެ އިދާރާއިން އަދު ފުލުހުންނަށް އަންގައިފިއެވެ.
ޖިނާއީ މައްސަލަތަކުގެ ތަޙުޤީޤު ނިންމައި، ކުށް ޘާބިތުވާ މިންވަރަށް ހެކި ޤަރީނާ ނެތް ކަމަށް ޕީ.ޖީ.އިން ނިންމައިފި ނަމަ، ނިންމުމަށް އަހަރު ދުވަސް ފުރުމުން އެ މައްސަލައެއްގެ ލިޔެކިޔުންތައް ނައްތާލެވޭ ގޮތަށް، ޕޮލިސް ރެކޯޑު ބެލެހެއްޓުމުގެ ޤަވާޢިދަށް އިސްވެ ދިޔަ ހަފްތާގައި ވަނީ އިޞްލާޙު ގެނެސްފައެވެ.
ނަމަވެސް، ޕްރޮސެކިޔުޓަރ ޖެނެރަލް އޮފީހުން މިއަދު ޢާންމު ކުރި ބަޔާނެއްގައި ބުނީ، ދަޢުވާ ނުއުފުލޭނޭ ކަމަށް ބެލެވޭ ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތަކުގެ އަޞްލު ނައްތާލުމުގެ ކުރީން، އެ އިދާރާގެ ލަފާ ހޯދުމަށް ދިވެހި ފުލުހުންގެ ޚިދުމަތަށް އަމުރު ކޮށްފައި ވާނޭ ކަމަށެވެ. އެ އޮފީހުން ބުނީ، މި ކަމުގެ ސަބަބަކީ، ދަޢުވާ ނުކުރެވޭ ޖިނާއީ މައްސަލަތަކުގެ ލިޔެކިޔުންތައް ވެސް އެހެނިހެން ދަޢުވާތަކާ ގުޅިގެން ބޭނުން ކުރާން ޖެހިދާނޭ ކަމެވެ. މިއާ އެކު، ދަޢުވާ ނުކުރުމަށް ޕީ.ޖީ. އޮފީހުން ނިންމާ މައްސަލަތަކުގެ ލިޔެކިޔުންތައް ރައްކައުތެރި ކުރުމާއި، ނައްތާލުމާ ބެހޭ ނިޡާމީ އިރުޝާދެއް ތަޙުޤީޤީ އިދާރާތަކަށް ފޮނުވުމަށްޓަކައި އެކުލަވާލަމުން ދާ ކަމުގައި ޕީ.ޖީ. އޮފީހުން ބުނެއެވެ.
"އެ އިރުޝާދު އެކުލަވާލައި، ދިވެހި ފުލުހުންގެ ޚިދުމަތާ ޙިއްޞާ ކުރެވެންދެން، މި އޮފީހުގެ ލަފާ ލިޔުމުން ހޯދައިގެން މެނުވީ ޖިނާއީ އެއްވެސް މައްސަލައެއްގެ ލިޔެކިޔުންތަކުގެ އަޞްލު ނައްތާނުލުމަށް ދިވެހި ފުލުހުންގެ ޚިދުމަތުގައި މިއަދު ވާނީ ދަންނަވާފައި." ޕީ.ޖީ. އޮފީހުން ޝާއިޢުކޮށްފައިވާ ބަޔާނުގައި ވެއެވެ.