ދުނިޔެ
ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލް އަޤްވާމީ ދުނިޔޭގައި އިސްރާއީލުގެ މަޤާމު ދަށްވެ، ހުޅަނގުގެ އެހީ ގެއްލިއްޖެ
ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން ބައިނަލް އަޤްވާމީ ދުނިޔޭގައި އިސްރާއީލުގެ މަޤާމު ދަށްވެ، ހުޅަނގުގެ އެހީ ގެއްލިއްޖ
ބެންޖަމިން ނަތަންޔާހޫގެ މިހާރުގެ ސަރުކާރުގެ ސިޔާސަތުތަކުގެ ސަބަބުން އެ ޤައުމަށް ދުނިޔޭގެ ގިނަ ހުޅަނގުގެ ޤައުމުތަކުގެ އެހީތެރިކަން ގެއްލިފައިވާ ކަމަށް އިސްރާއީލުގެ ކުރީގެ ބޮޑުވަޒީރު ނަފްތާލީ ބެނެޓް ބުނެފިއެވެ.
އެމަނިކުފާނު ވިދާޅުވީ ނަތަންޔާހޫގެ ސިޔާސަތުތަކުގެ ސަބަބުން އިސްރާއީލުގެ ބައިނަލްއަޤްވާމީ މަޤާމު ދަށްވެފައިވާ ކަމަށާއި، ޑިމޮކްރެޓުންނާއި، އެމެރިކާގެ ރިޕަބްލިކަން ޕާޓީގެ ދެބައިކުޅަ އެއްބައިގެ އެހީ ވެސް ގެއްލިފައިވާ ކަމަށެވެ.
އިސްރާއީލުގެ ޗެނަލް 12 އިން ބެނެޓްގެ ވާހަކަ އާއި ހަވާލާދީ ބުނެފައިވަނީ، އިސްރާއީލު މިހާރު ވެފައިވަނީ ކުރިއަށްވުރެ ވެސް ބޮޑަށް އެމެރިކާގެ ބާރުގެ ދަށުގައިވާ ޤައުމަކަށް ކަމަށެވެ.
ބެނެޓް ފާހަގަކުރެއްވީ، ޣައްޒާއާ ގުޅޭ ކަންކަން ހަވާލުކުރާ ކްރިޔާޓް ގާތް (ދެކުނު ސަރަހައްދު) ގައި އެމެރިކާގެ އަސްކަރީ މަރުކަޒެއް ޤާއިމުކޮށްފައިވާ ކަމަށާއި، މިތަނުން އިސްރާއީލުގެ އަސްކަރިއްޔާއަށް އަމުރުތައް ދެމުންދާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މިއީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
ބެނެޓް އިތުރަށް ވިދާޅުވީ، ހުޅަނގުގެ ޤައުމުތަކާ އެކު އޮންނަ ސްޓްރެޓީޖިކް ގުޅުން ހިފަހައްޓުމުގައި އިސްރާއީލުގެ ސަރުކާރު ނާކާމިޔާބުވެފައިވާ ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ބަރޯސާވުން އިތުރުކުރެއްވުމަކީ ސްޓްރެޓީޖިކް ގޮތުން ހެދުނު ގޯހެއް ކަމަށާއި، އަދި ނަމަވެސް އަސީރުން މިނިވަންކުރުމުގައި ޓްރަމްޕްގެ ދައުރަށް އަޅާފައިވާ އަގު ވަޒަންކުރާ ކަމަށެވެ.
އަނެއްކޮޅުން، ބެނެޓް ވަނީ ޤައުމީ ސަލާމަތީ ވަޒީރު އިޓަމާ ބެން ގްވީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ. ބެނެޓް ވިދާޅުވީ، ބެން ގްވީރަކީ އެމަސައްކަތް ކުރުމުގެ ބަދަލުގައި ދުވާލުގެ ގިނަ ވަގުތު ޓިކްޓޮކް ވީޑިއޯތައް ރެކޯޑް ކުރުމުގައި ހޭދަކުރާ މީހެއް ކަމަށެވެ. އަދި އޭނާ މި މަޤާމާ ހަވާލުވީއްސުރެ ޢަރަބި މުޖުތަމައުތަކުގައި ކުށްކުރުމުގެ ރޭޓު ދެގުނައަށް އިތުރުވެފައިވާ ކަމަށާއި، އޭނާއަކީ ތާރީޚުގައި އެ މިނިސްޓްރީއާ ހަވާލުވި އެންމެ ނާކާމިޔާބު ވަޒީރު ކަމަށް ވެސް ބެނެޓް ބުނެފައިވެއެވެ.
ބެނެޓް ބުނީ، އަލުން ބޮޑުވަޒީރުކަމަށް އިންތިޚާބުވެއްޖެނަމަ، 7 އޮކްޓޯބަރު 2023 ގެ ނާކާމިޔާބީތައް ރަސްމީކޮށް ތަހުޤީޤުކުރުމަށް ކޮމިޓީއެއް އެކުލަވާލާނެ ކަމަށެވެ.
މިދިޔަ ހޯމަ ދުވަހު އިދިކޮޅު ލީޑަރު ޔާއިރު ލަޕީޑް ވަނީ ޕާލިމެންޓް ޖަލްސާއެއްގައި ވާހަކަ ދައްކަމުން އިސްރާއީލު ތާރީޚުގައި ދުވަހަކު ވެސް ދިމާނުވާފަދަ އެންމެ ނުރައްކާތެރި ސިޔާސީ މައްސަލަތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، ބައިނަލްއަޤްވާމީ ގޮތުން އެކަހެރިވުން އިތުރުވެފައިވާ ކަމަށް ވިދާޅުވެފައެވެ.
ލަޕީޑް ވަނީ ޣައްޒާގެ އެއްބަސްވުމަށް ފަހު ވެސް އިސްރާއީލު އެންމެ ނުރައްކާތެރި ސިޔާސީ މައްސަލާގައި އޮތް ކަމަށް ބުނެފައެވެ.
އެމަނިކުފާނު ފާހަގަކުރެއްވީ، ނޯވޭގެ ސޮވެރިން ފަންޑުން އިސްރާއީލުގެ ބޭންކުތައް ވެސް ހިމެނޭ ގޮތަށް އެންމެހައި އިންވެސްޓްމަންޓްތައް އަނބުރާ ގެންގުޅުމަށް ނިންމާފައިވާއިރު، ފަލަސްތީނުގެ ދައުލަތް ބަލައިގަތުން އިތުރުވަމުންދާ ކަމަށެވެ. އަދި ބައިނަލްއަޤްވާމީ ކުންފުނިތަކުން އިސްރާއީލުގައި ކުރިއަށް ގެންދާ މަޝްރޫޢުތަކުގައި ބައިވެރިވުން ހުއްޓާލާފައިވާ ކަމަށާއި، ޔޫރަޕުގެ ފިހާރަތަކުގެ ރެކްތަކުން އިސްރާއީލުގެ އުފެއްދުންތައް ވަކިކުރަމުންދާ ކަމަށް ވެސް ލަޕީޑް ބުނެފައިވެއެވެ.
މި އެއްބަސްވުމުގެ ސަބަބުން އިސްރާއީލުން ޣައްޒާގައި ކުރަމުންދިޔަ އިންސާނިއްޔަތާ ޚިލާފު ޖަރީމާތައް ނިމުމަކަށް އައިސްފައިވާއިރު، މި ޖަރީމާތަކުގެ ސަބަބުން 68،519 ފަލަސްތީނުގެ މީހުން ޝަހީދުވެފައިވާއިރު، 170،382 މީހުންނަށް އަނިޔާވެފައިވެއެވެ. އޭގެތެރެއިން ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ.