Ads by Stelco

ޚަބަރު

ދާރުލްއަރުޤަމް ވަޤުފް ޢިމާރާތުގެ މަސައްކަތް އާރް.ސީ.ސީ.އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި

ދާރުލްއަރުޤަމް ވަޤުފް ޢިމާރާތުގެ މަސައްކަތް އާރް.ސީ.ސީ.އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކޮށްފި

ދާރުލްއަރުޤަމް ވަޤުފް ޢިމާރާތުގެ މަސައްކަތް އާރް.ސީ.ސީ.އާ ޙަވާލުކޮށް، އެއްބަސްވުމުގައި ސޮއިކުރުން. ތަޞްވީރު: އިސްލާމީ ވުޒާރާ

farudhun logo

ފަރުދުން

26 އޮކްޓޯބަރު 2025، 03:35

26 އޮކްޓޯބަރު 2025، 03:35

މާލޭގައި ބިނާކުރުމަށް ހަމަޖެހިފައިވާ "ދާރުލްއަރުޤަމް" ވަޤުފު ޢިމާރާތުގެ މަސައްކަތް، ރަޝީދު ކަރޕެންޓްރީ އެންޑް ކޮންސްޓްރަކްޝަން (އާރް.ސީ.ސީ.)އާ ޙަވާލުކޮށް، އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

މި ކަމަށްޓަކައި އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްޞަ ޙަފްލާފައި މި މަޝްރޫޢުގެ އެއްބަސްވުމުގައި ސޮއިކޮރެއްވީ، އިސްލާމީ ކަންކަމާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އަދި އާރް.ސީ.ސީ.ގެ ޑެޕިޔުޓީ މެނޭޖިންގ ޑިރެކްޓަރ އާދަމް ރަޙީމެވެ.

ބާރަ ފަންގިފިލައަށް ނެގުމަށް ހަމަޖެހިފައިވާ ދާރުލްއަރުޤަމަކީ، ޒަމާނީ ފެންވަރުގައި ޤާއިމުކުރެވޭ ވަޤުފު ޢިމާރާތެކެވެ. މި ޢިމާރާތުގެ ބޭސްމެންޓާއި ގުރައުންޑުގައި އުޅަނދުފަހަރު ޕާކުކުރެވޭ ގޮތަށް ހެދުމަށް ކަނޑައަޅާފައިވާއިރު، ފުރަތަމަ ފަންގިފިލާގައި ރިސެޕްޝަނެއް ހުންނާނެއެވެ. އަދި ހަމަ އެހެންމެ، ޢިމާރާތުގެ ދެވަނަ ބުރީގައި ކޮންފަރެންސް ހޯލެއް ހުންނާނެއެވެ. މި ވަސީލަތްތަކުގެ އިތުރުން، ފުރަތަމަ ފަންގިފިލައިން ބާރަވަނަ ފަންގިފިލައާ ހަމައަށް ޒަމާނީ އިދާރީ ބައިތަކާއި، ބައްދަލުވުންތަކަށް ޚާއްޞަ ކޮޓަރިތަކާއި، ނަމާދު ކޮޓަރިތައް ހުންނާނެއެވެ. އަދި ޢިމާރާތުގެ އެންމެ މަތީގައި ހާމައަށް އޮންނަ ޓެރަހެއް ފަރުމާކުރާނެއެވެ.

ދާރުލްއަރުޤަމް ޢިމާރާތުގެ ކުރެހުމުން ދޭހަވާ ގޮތުގައި، އެ ޢިމާރާތުގައި ލިފްޓު ހަރުކުރުމަށް ނިންމާފައިވާއިރު، ޚާއްޞަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ތުރާލެއް ނެތި ވަދެ ނުކުމެވޭ އިންތިޡާމު ވެސް ޤާއިމުކުރުމަށް ވަނީ ހަމަޖެހިފައެވެ.

މި ވަޢުފް ބިނާއަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް، ރާއްޖޭގެ ވަޤުފް ފަންޑު އިތުރަށް ފުޅައުކޮށް، ދިވެހިރާއްޖޭގައި އިސްލާމީ ދާއިރާގެ މާލީ ނިޡާމު ހަރުދަނާކުރުމަށް ކުރިއަށް ގެންދެވޭ މުހިންމު މަޝްރޫޢެކެވެ. ދާރުލްއަރުޤަމް ފިޔަވައި، ހުޅުމާލޭގައި ވަޤުފް ޢިމާރާތަކާއި، މާލޭގައި ކީރިތި ޤުރުއާނަށް ޚާއްޞަ ވަޤުފް ޢިމާރާތެއް ބިނާކުރުމަށް ވެސް ހަމަޖެހިފައިވާ ކަން ފާހަގަކޮށްލާން ޖެހެއެވެ.

540 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށް ޙަވާލުކުރި ދާރުލްއަރުޤަމް ބިނާކުރުމުގެ މަސައްކަތަކީ 39،462،545.08 (އޮނަ ސާޅީސް މިލިޔަން ހަތަރު ލައްކަ ފަސްދޮޅަސް ދެ ހާސް ފަސް ސައްތަ ފަންސަޔާޅީސް ރުފިޔާ، އަށް ލާރި) ޚަރަދުވާ މަޝްރޫޢެކެވެ. މި މަޝްރޫޢަށް ފަންޑުކުރާނީ ބީ.އެމް.އެލް.ގެ އިސްލާމިކް ފައިނޭންސްގެ ދަށުންނެވެ.

ދާރުލްއަރުޤަމް ބިނާކޮށް ނިމުމަކީ، އިސްލާމީ ދާއިރާއަށް މާލީ ގޮތުން ޙާޞިލުވާ ބޮޑު ކުރިއެރުމަކަށް ވާނެއެވެ. މި ގޮތުން، ދާރުލްއަރުޤަމް މެދުވެރިކޮށް އަހަރަކު 10 މިލިޔަނަށް ވުރެ ގިނަ ދިވެހި ރުފިޔާގެ އާމްދަނީ ލިބޭނެ ކަމަށް ލަފާކޮށްފައިވެއެވެ. މި އާމްދަނީގެ %20 ޖަމަޢުކުރުމަށް ހަމަޖެހިފައިވަނީ ޒަކާތު ހައުސަށެވެ. އަދި %80 އިސްލާމީ ވަޤުފް ފަންޑަށް ފޮނުވުމަށް ވަނީ ހަމަޖެހިފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، މާލެ ސިޓީގެ އިތުރުން އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ، ކުޅުދުއްފުށި ސިޓީ އަދި ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ވެސް ވަޤުފް މަޝްރޫޢުތައް ފެށުމަށް ރައީސް ޑރ. މުޢިއްޒު ނިންމަވާފައިވެއެވެ.

ވަޤުފްކުރުމަކީ އިސްލާމީ މާލީ ނިޡާމުގެ މުހިންމު އަސާސަކަށް ވާއިރު، މި މަޝްރޫޢުތައް ފުރިހަމަ ވުމުން، ދިވެހި އިސްލާމީ މާލިއްޔަތަށް އެދެވިގެންވާ އިންޤިލާބެއް ގެނުވާނޭ ކަމީ ޝައްކެއް އޮތް ކަމެއް ނޫނެވެ.


Ads by MSS

މި ލިޔުން ކިޔާލުމުން