ޚަބަރު
ޤަވާއިދަ ޚިލާފަށް އުޅެމުންދިޔް ބިދޭސީން ތަކެއް އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންގޮސްފި
އިމިގްރޭޝަނުން ހިންގި އޮޕަރޭޝަންގެ ތެރެއިން
ޤަވާއިދާ ޚިލާފަށް ދިރިއުޅެމުންދިޔަ 14 ބިދޭސީއަކު، މޯލްޑިވްސް އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށް އެ އިދާރާއިން ހާމަކޮށްފިއެވެ.
މި އޮޕަރޭޝަން ހިންގާފައިވަނީ ޤަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި އެކުލަވާލާފައިވާ "ޓާސްކްފޯސް އޮން އިލީގަލް އެކްސްޕެޓް އޮޕަރޭޝަންސް" އިންނެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި، މި ޓާސްކްފޯސްއިން އިއްޔެ ހަވީރު ވަނީ ހުޅުމާލެ ފޭސް 1 ގައި ހުރި އިންޑަސްޓްރިއަލް ސަރަހައްދުގައި ހިންގާ ގަރާޖުތައް ބަލައި ފާސްކޮށްފައެވެ. މި ބަލައި ފާސްކުރުމުގެ ތެރޭގައި ޖުމްލަ 69 ބިދޭސީއަކު ޗެކްކުރެވިފައިވާއިރު، އޭގެތެރެއިން 14 މީހުންނަކީ ޤަވާއިދާ ޚިލާފަށް ރާއްޖޭގައި ދިރިއުޅެ އަދި މަސައްކަތް ކުރަމުންދިޔަ ބައެކެވެ. މި ބިދޭސީން މިހާރު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެވިފައެވެ.
ޤަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީންނާ ދެކޮޅަށް ސަރުކާރުން ވަނީ ހަރުކަށި ފިޔަވަޅުތައް އަޅަން ފަށާފައެވެ. މީގެ ތެރޭގައި އެފަދަ ފަރާތްތަކުން ހިންގާ ވިޔަފާރިތައް ހުއްޓުވުމާއި، އަދި އެ ޤައުމުތަކަށް އަނބުރާ ފޮނުވާލުމުގެ މަސައްކަތް ހިމެނެއެވެ. މީގެ އިތުރުން، ބިދޭސީ މަސައްކަތްތެރިންނާމެދު އިހުމާލުވާ ފަރާތްތަކާމެދު ފިޔަވަޅު އެޅުމުގެ މަސައްކަތް އިމިގްރޭޝަނާއި، ކަމާގުޅުންހުރި އެހެން އިދާރާތައް ގުޅިގެން ދަނީ ކުރިއަށް ގެންދަމުންނެވެ.
އިމިގްރޭޝަނުން ފާހަގަކުރާ ގޮތުގައި، މިފަދަ އެންފޯސްމަންޓް އޮޕަރޭޝަންތަކުގައި އާންމުކޮށް ފެންނަ މައްސަލަތަކުގެ ތެރޭގައި މުއްދަތު ހަމަނުވާ ވިޒާއެއް އޮތް ނަމަވެސް، ދޫކޮށްފައިވާ ވިޒާ ނުވަތަ ހުއްދައިގެ ބޭރުން އެހެން ތަނެއްގައި މަސައްކަތްކުރުން، ނުވަތަ ހުއްދަ ދޫކޮށްފައިވާ މަސައްކަތް ނޫން އެހެން މަސައްކަތްތައް ކުރުން ހިމެނެއެވެ. ޚާއްސަކޮށް، 'އޯޕަން ވިޒާ'ގެ ނަން ދީގެން ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ އަދަދު އިތުރުވަމުންދާތީ، އިމިގްރޭޝަނުގެ ކަންބޮޑުވުން ވަނީ ބޮޑުވެފައެވެ. އެފަރާތްތަކުން ހުއްދަ ލިބިފައިވާ ތަނުގެ އިތުރުން އެހެން ތަންތަނުގައި މަސައްކަތްކޮށް އަދި އަމިއްލަ މަސައްކަތްތަކާއި ވިޔަފާރީގެ ތެރެއިން ބޮޑެތި މާލީ މަންފާތައް ހޯދާކަން ފާހަގަވެފައިވާ ކަމަށްވެސް އިމިގްރޭޝަނުން ބުނެއެވެ.
ޤަވާއިދާ ޚިލާފަށް މަސައްކަތްކުރާ ބިދޭސީންގެ މައްސަލަ ހައްލުކުރުމަކީ ޤައުމީ މަސައްކަތެއް ކަމަށް އިމިގްރޭޝަނުން ދެކެއެވެ. އެހެންކަމުން، ބިދޭސީ މަސައްކަތްތެރިންނާއި، ވަޒީފާދޭ ފަރާތްތަކުންނާއި، އަދި އާންމު ރައްޔިތުންވެސް މި ކަމުގައި ޒިންމާދާރު ގޮތެއްގައި އަމަލުކުރުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފައެވެ.
"ކަންކަމަށް ހައްލެއް ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތަށް އެންމެހާ ފަރާތްތަކުގެ އެއްބާރުލުން ބޭނުން" ކަމަށް އިމިގްރޭޝަނުން ވަނީ ފާހަގަކޮށްފައެވެ.