ޚަބަރު
މަސްވެރީންގެ ދުވަހާ ގުޅިގެން ބާއްވާ "ރަހަވަރު" ކެއްކުމުގެ މުބާރާތް: ބައިވެރިވުމަށް ހުޅުވާލައިފި!
ދިވެހި ކޭމެއް. ފޮޓޯ: ދި އެރައިވަލް.
ފަރުދުން
26 އޮކްޓޯބަރު 2025، 05:40
26 އޮކްޓޯބަރު 2025، 05:40
ރާއްޖޭގައި ފާހަގަކުރާ 45ވަނަ މަސްވެރީންގެ ދުވަހާ ގުޅުވައިގެން "ރަހަވަރު"ގެ ނަމުގައި ބޭއްވުމަށް ހަމަޖެހިފައިވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުޞަތު މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.
ވުޒާރާއިން ހާމަކުރާ ގޮތުގައި، މި އަހަރުގެ މަސްވެރީންގެ ދުވަހުގެ މުނާސަބަތުގައި، 13 ޑިސެންބަރު 2025ވާ ހޮނިހިރު ދުވަހު، ރ. ދުވާފަރުގައި ކެއްކުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މި މުބާރާތުގެ މަޤުޞަދަކީ، ޒުވާނުންނާއި، ކެއްކުމުގެ ދާއިރާއަށް އަލަށް ނުކުންނަ ފަރާތްތައްކަށް އެ ދާއިރާގެ ފުރުޞަތުތައް ފަހިކޮށްދީ، މަސްވެރިކަމުގެ ޞިނާޢަތް ސިންދަފާތުކޮށް، ދެމެހެއްޓެނިވި ގޮތެއްގައި ކުރިއެރުވުމަށް ކުރެވޭ މަސައްކަތްތަކުގައި އެ ފަރާތްތައް ބައިވެރިކުރުމެވެ.
މީގެ އިތުރުން، ދިވެހިރާއްޖޭގެ ކާބޯތަކެތީގެ ރައްކައުތެރިކަމުގައި މަސްވެރީންގެ ޙިއްޞާ ފާހަގަކޮށް، ދިވެހީންގެ ކެއިންބުއިމުގެ ޢާދަކާދައަށް އަންނަމުންދާ ބަދަލުތަކުގެ ސަބަބުން، މަސް އެކުލެވޭ ތަފާތު އައު ބާވަތްތަކުގެ ކާނާ އުފެއްދުމުގެ އަހަންމިއްޔަތު ދައްކުވައިދިނުމަކީ ވެސް މި މުބާރާތުގެ އަމާޒުތަކުގެ ތެރޭގައި ހިމެނޭ ކަމަށް މަސްވެރިކަމާ ބެހޭ ވުޒާރާއިން ބުނެއެވެ.
މުބާރާތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން، މުބާރާތުގައި ބައިވެރިވުމުގެ ފޯމް (https://tinyurl.com/3wp7r7jz) ފުރިހަމަ ކުރުމަށް ފަހު 15 ނޮވެމްބަރު 2025 މެންދުރު ފަހު 14:00ގެ ކުރީން ހުށަހެޅުމަށް ވުޒާރާއިން އިރުޝާދު ދެއެވެ.
މަސްވެރީންގެ ދުވަހާ ގުޅިގެން ބާއްވާ ކެއްކުމުގެ މުބާރާތުގައި ބައިވެރިވުމަށް ހުޅުވާލާފައިވާއިރު، ކެޔޮޅުންގެ އެވޯޑާއި ޚިދުމަތްތެރި ފަރުމަސްވެރިޔާގެ އެވޯޑަށް ކުރިމަތިލުމަށް ހުޅުވާލާފައިވާ މުއްދަތު ވެސް ވުޒާރާއިން ވަނީ އިތުރުކޮށްފައެވެ. އެ އެވޯޑްތައް ޙަވާލުކުރުން ވެސް އޮންނާނީ ރ. ދުވާފަރުގައެވެ.