ކުޅިވަރު
ފަހު ވަގުތު ކާމިޔާބުކުރި ގޯލާއެކު އޮޑި ސްޕޯޓްސްއިން ލީގުގެ ދެވަނައަށް
އޮޑި ސްޕޯޓްސް ލީގުގައި ކުޅުނު 5 މެޗުން ބަލިވެފައެއް ނުވޭ / ފޮޓޯ: ޕީއެސްއެމް
ދިރާގު ދިވެހި ޕްރިމިއަރ ލީގުގައި ބުރު ސްޕޯޓްސް ކްލަބްގެ މައްޗަށް ފަހު ވަގުތު އޮޑި ސްޕޯޓްސް ކްލަބުން ކުރި ހޯދައި، ލީގުގެ ދެވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
ގަލޮޅު ދަނޑުގައި އާދީއްތަ ދުވަހުގެ ހަވީރު ކުޅުނު މި މެޗު އޮޑި ސްޕޯޓްސްއިން ކާމިޔާބުކޮށްފައި ވަނީ 2-1އިންނެވެ.
މި ނަތީޖާއާއެކު، އޮޑި ސްޕޯޓްސް ލީގުގެ ދެވަނައަށް ކުރިޔަށް ޖެހެލީ 5 މެޗުން 13 ލިބުނު ޕޮއިންޓާއެކުއެވެ. އެ ޓީމަކީ ލީގުގައި މިހާތަނަށް އެއްވެސް މެޗަކުން ބަލިވެފައި ނުވާ ތިން ޓީމުގެ ތެރެއިން އެއްޓީމެވެ. ދެން މި ލިސްޓުގައި ހިމެނެނީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބާއި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންއެވެ.
އެހެންކަމުން އޮޑި ސްޕޯޓްސް މިވަގުތު ލީގުގެ ދެވަނައަށް ޖެހެލި ނަމަވެސް މިރޭ ނިއު ރޭޑިއަންޓާއި ކްލަބް އީގަލްސް ބައްދަލުކުރާ މެޗުން ނިއު ރޭޑިއަންޓް މޮޅުވެއްޖެނަމަ، އެއް ވަނައިގައި އޮތް މާޒިޔާއާ އެއްވަރަށް ޕޮއިންޓު ލިބި، އޮޑި ސްޕޯޓްސް ތިންވަނައަށް ވެއްޓޭނެވެ.
އިއްޔެގެ މެޗުން ބަލިވި ބުރު ސްޕޯޓްސްއަށް ލިބިފައި ވަނީ 7 ޕޮއިންޓެވެ. އެ ޓީމު އޮތީ ލީގުގެ ހަތަރުވަނައިގައެވެ.
އެ މެޗުގައި ފުރަތަމަ ލީޑު ނެގީ ބުރު ސްޕޯޓްސްއިންނެވެ. އިބްރާހީމް އުސާމާ ހަސަން މަޖީދު ތަނަވަސްކޮށްދިން ފުރުސަތަކުން މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފޯވާޑް މުޙައްމަދު ނާއިމެވެ.
އޮޑި ސްޕޯޓްސްއަށް ގޯލެއް ޖަހައި ނަތީޖާ ހަމަހަމަކުރެވުނީ، ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައެވެ. ފުލްބެކް އަޙްމަދު އައިހަމް ނަގައިދިން ކޯނަރަކުން ބޮލުން ގޯލުގެ ތެރެއަށް ފޮނުވާލައިގެން މި ލަނޑު އެ ޓީމަށް ޖަހައިދިނީ ޢަބްދުﷲ ލޫތު އިބްރާހީމެވެ.
މެޗުން މޮޅުވި ގޯލު އޮޑި ސްޕޯޓްސްއިން ކާމިޔާބު ކުރީ ފަހު މިނެޓުގައެވެ. އަހުޒަމް ރަޝީދުގެ އެސިސްޓަކާއެކު އޭރިއާ ބޭރުން ފޮނުވާލި ހަމަލާއަކުން މި ގޯލު ކާމިޔާބުކޮށްދިނީ މުޒްދާން ހަސަންއެވެ.
ލީގުގައި ރޭވެސް މެޗެއް ކުޅުނެވެ. އެ މެޗުގައި ވިކްޓްރީ ސްޕޯޓްސް ކްލަބުން ވަނީ ޓީސީ ސްޕޯޓްސް ކްލަބް 1-0އިން ބަލިކޮށް 6 ޕޮއިންޓު ޔަގީންކޮށްފައެވެ. އެހެންކަމުން ވިކްޓްރީ މިހާރު އޮތީ ލީގުގެ 5 ވަނައިގައެވެ.